ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މިސަރުކާރުގެ ސިޔާސަތެއްކަމުގައެވެ.

މީގެއިތުރުން ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކުޅިވަރު ތަރައްޤީކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުން ޚާއްޞަކަމެއްދެއްވައިގެން އިންޤިލާބީބަދަލެއް ކުޅިވަރުގެ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕެރިސް 2024 އޮލިމްޕިކްސް"ގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރުދެއްވައި ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 5 ކޮންޓިންޖެންޓްއެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާފަހަރެވެ.