ނާކާމިޔާބުވާ ޙާލަތުގައިވެސް ހިތްވަރާ ޢަޒުމުގައި ދެމިހުރުމަށް ބާރުއަޅުއްވައި، ކަންކަމާ ކެރިގެން ކުރިމަތިލައި، ކަންކަން ކުރަން ނުކުމެ ހިތްވަރާއެކު ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިރޭ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ކުއްޖަކުވެސް ޤައުމަށް ޚިދުމަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދިޔަނަމަވެސް އިސްލާމްދީނުގައި ހިފަހައްޓައި މައިންބަފައިންނާއި ބެލެނިވެރިން ކުދިންނަށް ތަޢުލީމު ހާސިލްކޮށްދިނުމަށްޓަކައިވާ ޤުރުބާނީ ހަނދާން ބެހެއްޓުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް މިއަންނަ އަހަރުން ފެށިގެން ފަހި ފުރުސަތުތަކެއް މިސަރުކާރުން ހުޅުވައިލައްވާނެކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންނަށް ޚާއްޞަ ވަޒީފާތައް ގިނަކޮށް، އަދާކުރާ ވަޒީފާއާ އެކަށީގެންވާ ރަނގަޅު މުސާރައެއް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. އަދި މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ޤައުމު ބިނާކުރަން އިސްކަން ދޭގޮތަށް މީހުން ބިނާކުރަން ދައުލަތުގެ ބަޖެޓުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚާއްޞަކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް މިރޭ ހާސިލުކުރި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިމްތިހާނުތަކުގެ 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދާފައިވަނީ، 136 ދަރިވަރުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 19 ދަރިވަރުން ހާސިލުކޮށްފައިވެއެވެ. އޭގެ އިތުރުން 117 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހޯދައި ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލުކޮށްފައެވެ.