ސްލޮވާކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ރޮބަޓް މެކްސިއަން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ސްލޮވާކް ރިޕަބްލިކްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި އަދި މި ނޫންވެސް ދެޤައުމުން އިސްކަންދޭ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގާތް ރަހުމަތްތެރިގުޅުން އިތުރު ހަރުފަތަކަށް ކުރިޔަށްގެންދިއުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވައިފައެވެ.

ދިވެހިރާއްޖެއާ ސްލޮވާކް ރިޕަބްލިކް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގައެވެ.

ސްލޮވާކް ރިޕަބްލިކްގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.