بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އަމާންކަމާއި ޞުލްޙަވެރިކަމަކީ މުޖުތަމަޢަކަށް ލިބޭނެ އެންމެބޮޑެތި ނިޢުމަތްތަކުގެ ތެރޭގައި ލެއްވެވި މާތް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. ހަރުކަށިކަމާއި އަނިޔާވެރިކަން ނެތިކޮށްލާނޭ ރިވެތި އަޚުލާޤާއި މަތިވެރިކަމާއި ޙިކުމަތްތެރިކަމުގެ އެންމެ ރިވެތި ނަމޫނާ ދެއްކެވި މާތް ރަސޫލާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލުއަޞްޙާބުން ޝާމިލުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު، ޢިއްޒަތްތެރި ދިފާޢީ ވަޒީރު، ދައުލަތުގެ މަސްއޫލުވެރިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތެރިން، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމުގެ ހީވާގި ވެރިންނާއި މުވައްޒަފުން، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހައި މެހުމާނުން، މި ކޮންފަރެންސުގެ ބައިވެރިން، އަދި އަޅުގަނޑުގެ އަޑުއައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ.

މިއަދު އަޅުގަނޑުމެންގެ އިންމެ އިސްވާޖިބަކީ ސަލާމަތީ ޚިދުމަތްތައް ދޭ އިދާރާތަކުގެ ވެރިންނާއި މުވައްޒަފުން އަދި އެ ޚިދުމަތަކަށް އެދި އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާ ހުރިހާ އިދާރާތަކާއި، މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން، ދިވެހިރާއްޖޭގެ އަމާންކަމާއި ސަލާމަތަށް ރެއާއި ދުވާލު ތިޔަ ކޮށްދެއްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކާއި، ވެވަޑައިގަންނަވާ ޤުރުބާނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމުގައި ދެންނެވުން. އެހެންކަމުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އަދި އެންމެހައި ދިވެހި ރައްޔިތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތިޔަ އެންމެހައި ބޭފުޅުންނަށް އިޚުލާޞްތެރި ޝުކުރެއް ދަންނަވަން.

ދިވެހިރާއްޖެއަކީ މީގެ ހަތަރުހާސް އަހަރަށްވުރެވެސް ކުރިއްސުރެ މިނިވަން، މުސްތަގިއްލު، އަމިއްލަވަންތަ، އަމާން، ޞުލްޙަވެރި ޤައުމެއް. ދިވެހިންނަކީ ޞުލްޙަމަސަލަސް ކަމަށް ލޯބިކުރާ ބައެއް. އެއީ، ދިވެހި މުޖުތަމަޢުގެ ކުރިމަގާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިންމު އެއް އަސާސް. ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން މި ރާއްޖެ މަޝްހޫރުކަން ހޯދާފައި މިވަނީ ކީރިތި މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ޤުދުރަތީ ރީތިކަމާއި، ދިވެހިންގެ ކިބައިގައި ލައްވާފައިވާ ހިތްހެޔޮކަމާއި، ކެތްތެރިކަމާއި، އެއްބައިވަންތަކަމުގެ އާދަކާދަތައް ޒަމާންތަކަށް ދަމަހައްޓާފައިވާތީ. ރާއްޖެއަކީ ދުނިޔޭގެ މެދުގައި އޮތް މުތީގެ ހާރެއް ކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިފަކުރަމުންދާއިރު، މިއީ ޞުލްޙަމަސަލަސްކަން ޤާއިމުވެފައި އޮތް ތަނަކަށް އަބަދުވެސް ބޭއްވުން ކޮންމެހެން ލާޒިމު. ވަކިން ޚާއްޞަކޮށް، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ޚާއްޞަ މަޤުބޫލުކަމެއް އޮންނަ މަންޒިލަކަށް ވެފައި، ރާއްޖޭގެ އިޤުތިޞާދުގެ ނާރެހަކީ ފަތުރުވެރިން ކަމަށްވާއިރު، މި ޤައުމަކީ މެހުމާނުންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމުވެފައި އޮތް ތަނަކަށްވުން ބޭނުންތެރި. ރާއްޖޭގެ އަމާންކަމާމެދު ދުނިޔެއިން ކުރާ އިތުބާރު ދެގޮތެއްވިޔަ ނުދިނުމަށް އަޅުގަނޑުމެންގެ ޤައުމީ މޮޓޯއަކަށް އެކަން ހަދަންޖެހޭނެ.

އިޤުތިޞާދު ވަރުގަދަކޮށް، ތަރައްޤީގެ ދުވެލި ބާރުކޮށް، ދިވެހިން އެދޭ ތަމައްދުނާއި ކުރިއެރުން ހާސިލުކުރެވޭނީ އޭރުން. ދުނިޔެ ބަވަނަވުމުގެ އޮއިވަރުގެތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ނުރައްކާތެރި ހަރަކާތްތަކުގެ އަސަރު މި ރާއްޖެއަށްވެސް ދަނީ ކުރަމުން. މަދުބަޔަކު އެ މީހުންގެ ފިކުރީ އަދި ސިޔާސީ ނާޖާއިޒު މަގުސަދުތަކެއް ހާސިލުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ޓެރަރިޒަމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނައަޅައި ދިޔުންފަދަ ކަންކަމަށް ވާގިދޭ. ރާއްޖެއިން ބީރައްޓެހި ހަރުކަށި ފިކުރުތައް އިތުރުވޭ. ރާއްޖޭގެ އެއްބައިވަންތަކަމަށް ނުރައްކާވެ، ދިވެހި މުޖުތަމަޢު ބައިބައިވުމަށް މަގުފަހިވެގެން އެބަދޭ. މިކަމުގެ ސަބަބުން ދިވެހިވަންތަކަމުގެ ވިންދު ކަމުގައިވާ މުޖުތަމަޢުގެ ބަދަހިކަމާއި، ދިވެހިންގެ އުފާފާގަތި ދިރިއުޅުމަށް މިދަނީ ގޮންޖެހުންތަކާއި ނުރައްކާތެރިކަން ކުރިމަތިކުރުވަމުން. މިގޮތުން ފެތުރޭ އަނިޔާވެރި ވިސްނުންތަކާއި، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ފިކުރުތަކާއި، ބަސްމަގާއި، ރޭވުންތަކުން ޤައުމު ސަލާމަތްކޮށް، އަމާންކަން ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ބޮޑު ޒިންމާއެއް.

މިއަދު ކުރިއަށްމިދާ ކޮންފަރެންސަކީ، ނޫނީ މި ކޮންފަރެންސުގެ ބޭނުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން ރާއްޖޭގެ އަމާންކަމާއި މުޖުތަމަޢުގެ ބަދަހިކަމާއި ވިލުންތެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި އެންމެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ދެނެގަނެ، ސަލާމަތާއި ރައްކާތެރިކަމުގެ ޙާލަތު އޮތްގޮތް ތަސައްވުރުކުރުން. މާދަމާގެ އަމާންކަމަށް މިއަދު ކުރާންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުން. ހައްދުފަހަނައަޅައި ދިޔުމުގެ ޝިކާރައަކަށް ބައެއް ދިވެހިން ވެ، ވަސްވާސްތަކަށް ހެއްލި، ޚާއްޞަކޮށް، ޒުވާނުން ހަނގުރާމަވެރި ސަރަޙައްދުތަކަށް ގޮސް ޖިހާދުގެ ނަމުގައި ރަޙުމުކުޑަ ޢުދުވާންތައް ހިންގުމާއި، ދިވެހި ފަސްފަނޑުގައިވެސް ނޭއްގާނި އެކިއެކި މަގުސަދުގައި ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގުމުގެ މަސައްކަތް ކުރުމަކީ، ދިވެހިންގެ އެއްބައިވަންތަކަމާއި ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައި ޝައްކެތްވެސް ނެތް. އެހެންކަމުން، މިފަދަ ނުރައްކާތައް ހުއްޓުވުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭނަން.

އަނިޔާވެރިވުމާއި ހައްދުފަހަނައަޅައި ދިޔުމާ ދެކޮޅަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ޒީރޯ ޓޮލަރެންސް ޕީސްއާ އެއްގޮތަށް ދީނުގެ ނަމުގައި، އެކިއެކި ފިކުރުތަކުގެ ނަމުގައި، އޮޅުވާލައިގެން އަނިޔާވެރިކަން ފެތުރުމާއި، ފިތުނަ އުފެއްދުމާއި، މި ކަންކަން ކުރާއިރު، އިސްލާމްދީނުގެ ރިވެތި އުސޫލުތައް އޮޅުންފިލުވައިދީ، ކުރިއަރުވައި، ތަހުޒީބު ދިވެހި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި މުޅި ޤައުމު ގުޅިގެން މަސައްކަތް ކުރުމަކީ، މުހިންމު ކަމެއް. މިގޮތުން، ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، މުޖުތަމަޢު ތެރޭގައި އަމާންކަމާއި، އޮމާންކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތައް ގުޅިގެން މި ކުރާ މަސައްކަތުގައި މުޖުތަމަޢުގެ އެއްބައިވަންތަކަން ފުރިހަމައަށް ޝާމިލުކޮށް، މި މަސައްކަތުގައި މަދަނީ ޖަމުޢިއްޔާތަކާއި، ވޮލަންޓިއަރުންނާއި، ހުރިހާ ދާއިރާތަކުގެ ޚިދުމަތްތެރިންވެސް ބައިވެރިކުރުމަކީ މުހިންމު ކަމެއް.

މީގެއިތުރުން، ރަނގަޅު ތަޢުލީމުގެތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްޤީ ކުރަންޖެހޭނެ. އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތުދީ، އާންމުން ހޭލުންތެރިކުރުވުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭ. މި ކަންކަން ކުރިއަށް ގެންދިޔުމުގައި މުޖުތަމަޢުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އެއްބާރުލުން ހޯދަންޖެހޭނެ. ބަވަނަވަމުން މިދާ ދުނިޔޭގެ ޓެރަރިޒަމް ހައްދުފަހަނައެޅުމުން ކުރިމަތިކުރުވާ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތްކޮށް، މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް، އަމާން ދިވެހި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތަށް ޝުކުރާއި އައްސަރިބަހާއި ސާބަސް ރައްދުކުރަން.

ޤައުމުގެ އަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ތިޔަ ކުރައްވާ އަގުހުރި މަސައްކަތަށް އަޅުގަނޑު ސެލިއުޓް ކުރަން. އަޅުގަނޑުމެންގެ ޅަދަރިންނަށާއި ޢާއިލާތަކަށް ރޭގަނޑު ހަމަޖެހިގެން ނިދާލެވެނީ، އަޅުގަނޑުމެންގެ ދިފާޢުގައި ތިޔަބޭފުޅުން ހޭފުޅުލައްވައި ފޯރިއަށް ތިއްބަވާތީކަމާއި، މި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ތިޔަބޭފުޅުން ކަށަވަރު ކުރައްވާނެކަން ޤާއިމުވާތީ. ދަރީންގެ ހިތްތަކާއި ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގައި، ކެތްތެރިކަމާއި، ތަހައްމަލުކުރުމުގެ ރިވެތި އާދަ ހުންނަ، ޤައުމުދެކެ ލޯބިވާ އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމަޢެއް އުފެއްދުމަކީ، ދުރާލައި އަޅުގަނޑުމެން މަސައްކަތްކޮށްފިނަމަ ހާސިލުކުރެވޭނެ ލަނޑުދަނޑިއެއް. އެހެންކަމުން، އެންމެން އެކުގައި މި އަމާޒަށް ވާސިލުވުމަށް ޙިކުމަތްތެރިކަމާއެކު އަތުކުރި އޮޅާލަންޖެހޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމަކީ، އަމާން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި އަބަދުމެ ލެއްވެވުން. ޞުލްޙަމަސަލަސްކަމުގެ މަތީގައި މި މުޖުތަމަޢަކީ ދުނިޔެއަށް ނަމޫނާ ޤައުމެއް ކަމުގައި ލައްވާށި.

وَالسَّلَامُ عَلَيْكُمْ.