بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އެންމެހައި ނިޢުމަތްތަކުގެ ވެރި މާތް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވެވި މާތް ސާހިބާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެ ކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޢިއްޒަތްތެރި ރައީސް އާދަމް ޝާމިލް، ކޮމިޝަނުގެ ނައިބު ރައީސް، ކޮމިޝަނުގެ ޢިއްޒަތްތެރި މެންބަރުން އަދި ކޮމިޝަނުގެ ހީވާގި އެންމެހައި މުވައްޒަފުން، މި އުފާވެރި ޖަލްސާއަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ޤާނޫނުއަސާސީން ބާރު ލިބިގެން އުފެދިފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ އެއް މުއައްސަސާ. މި ކޮމިޝަނުގެ ލޯގޯއިންވެސް ރަމްޒުކޮށްދެނީ ފާރަވެރިވެ އަބަދުމެ ބަލަމުންދާ ލޮލެއް. ޙަޤީޤަތުގައި އެންމެ ހިނދުކޮޅަކަށްވެސް އެސްފިޔަޖަހާލެވެން ނެތް ލޮލެއް. ރެއާއި ދުވާލު ހުއްޓުމެއްނެތި ކަންކަން ހޯދައި ބެލުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ލޮލެއް. މި ކޮމިޝަނުގެ ހީވާގި މުވައްޒަފުން ކަންކަން ތަޙުޤީޤު ކުރުމުގައި، ޙަޤީޤަތް ހޯދުމުގައި، ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވުމަށް ބާރުއެޅުމުގައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ރެއާއި ދުވާލު ދަނީ ހިންމަތާއެކު މަސައްކަތް ކުރަމުން. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން، ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރައްވާ މިފަދަ މުއައްސަސާއެއްގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރާ ޙަފުލާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީވެ، ތިޔަ ދެއްވި ޝަރަފާއި، ކުރެއްވި އިތުބާރަށްޓަކައި ނުހަނު ޝުކުރު ދަންނަވަން.

ޤައުމަކަށް ތަހުޒީބާއި ތަމައްދުން ގެނެސް، ކުރިއެރުމާއި ކާމިޔާބީ ދެމެހެއްޓުމުގައި ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމު. ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާނެ ކަންކަން މި މުޖުތަމަޢުން ބަރީއަވެފައި އޮތްއޮތުން ވަރަށް މުހިންމު. އާދެ، ކިތަންމެ ބޮޑު ޤުދުރަތީ މުއްސަނދި ކަމެއް އޮތަސް، ކޮރަޕްޝަން އާންމުވެފައި އޮތް ކަމުގައިވާނަމަ، އެ ޤައުމެއް ކުރިއަކަށް ނުދާނެ. ތަރައްޤީގެ މަޝްރޫޢުތައް ރަނގަޅަކަށް ނުގެންދެވޭނެ. ދިވެހިރާއްޖޭގެ ތަރައްޤީ ހުއްޓި، ފުދުންތެރިކަން ގެއްލިގެންދިޔަ ނުދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް ވަނީ މިކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައި. މި ދިޔަ ފަހުގެ އަހަރުތަކުގެ ތެރޭގައި، ސެޓުލްމަންޓް ކޮމިޓީއެއް ހަދައިގެން، ބަދަލު ދިނުމުގެ ގޮތުގައި މިލިއަނުން އަދި ބިލިއަނުން ފައިސާ ބަހަމުން ދިޔަދިޔުން، އެ މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމާއެކު، އެ މަނިކުފާނު ވަނީ ހުއްޓުމަކަށް ގެނެސްދެއްވާފައި.

މަޝްރޫޢަކަށް ހިންގަންޖެހޭ އަސްލު އަގަށްވުރެ ތިންގުނަ އިތުރަށް އަގުދީގެން، ދައުލަތުގެ މާލިއްޔާއިން ބޮޑު ހޭދައެއް ކުރަމުން ގެންދިޔަ ދިޔުމަށް، އެ މަނިކުފާނު ވަނީ ނޫނެކޭ ވިދާޅުވެ، އެކަންކަންވެސް ހުއްޓުމަކަށް ގެނެސްދެއްވާފައި. އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފު ކުރަމުން ހިންގި އެތައް ކަމެއްގެ ޚަރަދު ސުމަކަށް ހައްދަވާފައި، އޭގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ބަޖެޓުން ހަތަރުވަރަކަށް ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތްކޮށްދެއްވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމުގެ ހުވާކުރައްވައި ރިޔާސީ ތަޤުރީރު ދެއްވި ދުވަހު، އެ މަނިކުފާނު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު ޔަޤީންކަމަކީ، ޢަދުލު އިންސާފު ޤާއިމުކޮށްދެއްވާނެކަން. އެ މަނިކުފާނު އެ ދުވަހު ވިދާޅުވީ، ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން މިހާރުންމިހާރަށް ހުއްޓުނީ ކަމަށް. މިއީ، ކޮރަޕްޝަނުގެ ދޮރުތައް ބަންދުކުރެއްވުމަށް އެ މަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއް. ހަމައެކަނި ކޯޓުތަކެއް ނޫން. ރާއްޖޭގައި ޤާއިމުކުރެވިފައިވާ ހުރިހާ މިނިވަން މުއައްސަސާއެއް ހިނގާނީ މިނިވަންކޮށް. އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ ކޮންމެ މުއައްސަސާއެއްގެވެސް ޤާނޫނުން ލިބިދީފައިވާ ބާރުތައް ބޭނުންކުރުމަށް ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިގެންދިޔުމުގެ ފުރުޞަތު މި ސަރުކާރުން ދޭނެ. ސަރުކާރުން އިސްކަންދޭ މުހިންމު އަނެއްކަމަކީ، ކުށްކުރާ މީހުން ކުށް ކުރުމުން ދުރުކުރުވުން. ތެދުވެރި އަޚުލާޤު، ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. އިމާރާތްތައް ބިނާކުރަން އިސްކަންދޭ ފަދައިން، މީހުން ބިނާކުރުމަށް، ތަހުޒީބު ދިވެހި ދަރީންތަކެއް ބޮޑެތިކުރުމަށް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ފުރަތަ ތަޤުރީރުގައި ވިދާޅުވެދެއްވާފައި.

މި ކޮމިޝަންގެ ކިބައިންވެސް އަޅުގަނޑު އެދޭ ވަރަށް ޚާއްޞަ އެދުމެއް. މައްސަލަތައް ތަޙުޤީޤު ކުރަން އިސްކަން ދެއްވާ ފަދައިން، މީހުން ހޭލުންތެރިކުރަންވެސް އިސްކަން ދެއްވުން. ކޮރަޕްޝަނާ މީހުން ދުރުކުރެވޭނެ ޕްރޮގްރާމުތައް ހިންގެވުން. ޅަފުރާގައި ކުދިން ތިއްބައި، އެ ކުދިންގެ ސިކުނޑިތައް ތެދުވެރިކަމުގެ މަގަށް ހޭނުވުން. ސްކޫލް ކުދިންނަށް އަމާޒުކޮށް، ތަފާތު ވަރކްޝޮޕްތައް، މުބާރާތްތައް، ތަމްސީލު ޑްރާމާ ކުޅުންފަދަ ފަންނީ ފެސްޓިވަލްތައް ބާއްވަވައިގެންވެސް ކޮރަޕްޝަނާ ދުރުހެލިވުމުގެ މެސެޖު، އިޚުލާޞްތެރިވުމުގެ މެސެޖު، އެ ކުދިންގެ ހިތާއި ސިކުނޑީގައި ގޮވާންކޮށްދެއްވުން.

އާދެ! ވަރަށް ފަޚުރުވެރިކަމާއެކު ދަންނަވަން އޮތީ، ދިވެހިންނަކީ ވަރަށް ނަޒާހަތްތެރި، ވަރަށް ތެދުވެރި މާޒީއެއް އޮތް ބައެއް ކަމުގައި. ރާއްޖެއަށް ޒިޔާރަތް ކުރެއްވި އިބްނު ބަޠޫޠާ، ޕިރާޑް ޑީ ލަވާލް ފަދަ މުޙައްރިރުންގެ ލިޔުންތަކުން މިކަން ކަށަވަރުކޮށްދޭ. ގަސްދޮށަށް ވެއްޓޭ މޭވާ، ރުއްދޮށަށް ވެއްޓޭ ކާށިވެސް ކިތަންމެއިރަކު މަގުމަތީގައި، ނޫނީ ވަލުތެރޭގައި އޮތަސް، އޭގެ ވެރިމީހާ ނުވަތަ ވެރިމީހާގެ ހުއްދައެއް ނެތި މީހަކު އޭގައި އަތެއްނުލާނެ. ގޯތިގެދޮރާއި ފިހާރަތައް ހުޅުވާފައި ހުއްޓަސް، އެ ތަންތަން ބަލަހައްޓާނެ މީހަކު ނެތަސް، ވަދެ ވައްކަމެއް ނުކުރާނެ. އާދެ. ފަނޑިޔާރުގެއަކަށް ގެންދާނެ ޒާތުގެ ކަމެއް ކުރިމަތިވެދާނެތީ ދިވެހީން ޖެހިލުންވާނެ. މިއީ، މީގެ އެތައް ސަތޭކަ އަހަރު ކުރިން ދިވެހިންގެ ކާބަފައިންގެ ރިވެތި އުޅުންތަކުން ފެންނަން ހުރި ނަމޫނާ.

އެހެންވީމާ، ޙަޤީޤަތުގައިވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި ކާބަފައިން އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ވާރުތަކުރި އުޅުމާއި، މިޒާޖާއި، އަދަބާއި، ސަދަބުގައި އަސްލު ހުންނާނީ، މި ދެންނެވި ސިފަތައް. އަޅުގަނޑުމެންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަކާ ހަމައަށް، ކަށިތަކުގެ މަދާ ހަމައަށް ފޭދިފައި ވާނީ ކާބަފައިން ތަރިކައެއްގެ ގޮތުގައި ދޫކޮށްލި އަމާނާތްތެރި އާދަތައް. 

އެހެންވީމާ، މި މުޖުތަމަޢުގައި ހުރި ނޭދެވޭ އާދަތަކާއި، ފައިސާގެ އަސަރުތައް ފުހެލުމަކީ އުނދަގޫ ކަމަކަށް ނުވާނެ. މިއީ، ކޮންމެވެސް ސިފައެއްގައި ވަސްވާސްތަކެއް ނުވަތަ ބޭރުން އެތެރެވި ވިހައެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އެނބުރެމުންދާ ނުރަނގަޅު ކަންތައްތަކެއް. އުސޫލުތައް ހަރުދަނާކޮށް، ރައްޔިތުން ހޭލުންތެރިކޮށް، ޤާނޫނު ތަންފީޒުކޮށް ކަށަވަރުވީމާ، އިރާދަކުރެއްވިއްޔާ މުޖުތަމަޢު ފުރިހަމައަށް އިސްލާޙު ވެގެންދާނެ.

މިރޭގެ މި ޙަފުލާގައި އިނާމު ހާސިލު ކުރެއްވި ހުރިހާ މުވައްޒަފުންނަށް އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަން. އެއާއެކު، މިރޭ އަޅުގަނޑު ވަރަށް އުފާވި ކަމެއް، ޓެކްނޯލޮޖީ ކުރިއެރުވުމަށް މަގުފަހިކޮށް، މި ކޮމިޝަނުގެ މަސައްކަތްތައް ޒަމާނީ ކުރައްވަން އިތުރު ކަންތައްތަކެއް ފެށްޓެވީތީވެ. ދައުލަތް ހިންގުމުގައި، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުކުރުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު އެއް އަމާޒު. މި ކޮމިޝަނުން ވަރަށް ޒަމާނީ ކަންކަން އެބަ ކުރައްވާ. އެހެން ހުރިހާ އޮފީހަކުން ނަމޫނާގެ ގޮތުގައި ބަލައިގަތުން މުހިންމު ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، މި އުފާވެރި ރޭ އަޅުގަނޑަށް ތިޔަބޭފުޅުން ތިޔަ ދެއްވި ޝަރަފަށްޓަކައި ކޮމިޝަނުގެ ރައީސަށާއި، ނައިބު ރައީސް އަދި ކޮމިޝަނުގެ ޢިއްޒަތްތެރި މެންބަރުންނަށާއި އަދި ހީވާގި މުވައްޒަފުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ މި މުއައްސަސާއަށް ކުރިއެރުމާއި ފާގަތިކަން ލިބިގެން ދިޔުން. އަޅުގަނޑުމެންގެ ޤައުމަކީ ކޮރަޕްޝަނާއި ފަސާދައިން ޠާހިރުވެފައިވާ ތަނަކަށް ހެއްދެވުމަށް ތިޔަބޭފުޅުން ކުރައްވާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވާށި!

وَالسَّلَامُ عَلَيْكُمْ