ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަޚުންނާއި އުޚުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށާއި، ޚާއްޞަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަޙްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މާތްالله، އިސްލާމީ އުންމަތުގެ ޞުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ޤައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.