ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޒް ކެތީ ކްލޫގްމަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކޮށް އަދި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން މިކަމުން ސަލާމަތް ކުރުމަށްޓަކައި ހެދިފައިވާ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވާ ތަފާތު މައްސަލަތަކާ ބެހެގޮތުންނާއި، ސަރުކާރުން ރައްޔިތުންނަށް ދެއްވާ އެކި ޢިނާޔަތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރިހެބިލިޓޭޝަން ސެންޓަރުތަކެއް ހެދިފައިވާ ކަމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކަމާބެހޭ ތަމްރީނު ލިބިފައިވާ މީހުން ތިބެން އެބަޖެހޭ ކަމަށް ވިދާޅުވެ، ތަމްރީނު ލިބިފައިވާ މީހުން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުށްވެރިން ބޭތިއްބުމަށާއި، ޖަލަށް މިހާރު ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށާއި، އަދި ޖަލު މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓުމަށް ކުރިއަށް ވިސްނަވާފައިވާ ގޮތްތަކާ ބެހޭގޮތުންވެސް ނައިބު ރައީސް މަޢުލޫމާތު ދެއްވިއެވެ. ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ އެކި ދަތިތަކާ ގުޅޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، މިއަދުގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ވަޒީފާގެ ފުރުޞަތުތައް މަދުވުން ކަމުގައި ވިދާޅުވިއެވެ.
އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މިހާރު ހިނގަމުންދާ އެކިއެކި ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ޚާއްޞަކޮށް ވޮލަންޓިއަރުން ބޭނުންކުރައްވައިގެން، އެކިއެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ރާއްޖޭގެ އަތޮޅުތަކުގައި ހިނގަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެކިއެކި ސްކޮލަރޝިޕްތަކާ ބެހޭގޮތުންނާއި، ޚާއްޞަކޮށް، ޑްރަގް ރިހެބިލިޓޭޝަންގެ ރޮނގުން ސްކޮލަރޝިޕް ފުރުޞަތު އިތުރުކުރުމާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ބޭރުގެ އެޑްވައިޒަރުން ބޭނުން ކުރައްވައިގެން ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުންވެސް ނައިބު ރައީސާއި އޮސްޓްރޭލިއާ ސަފީރު މަޝްވަރާ ކުރެއްވިއެވެ.