بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ކީރިތި ޤުރްއާނުގެ 36ވަނަ ޤައުމީ މުބާރާތުގެ އެންމެހައި ބައިވެރިން، ލޮބުވެތި އުސްތާޛުންނާއި، މުދައްރިސުން، ލޮބުވެތި ދަރިވަރުންގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. 

އާދެ، ކީރިތި ޤުރްއާނުގެ 36ވަނަ ޤައުމީ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ ވަރަށް ބޮޑު އުފަލެއް އަޅުގަނޑަށް ލިއްބައިދިން ކަމެއް. އެކަމަށްޓަކައި ވުޒާރާގެ އަޅުގަނޑުގެ މުދައްރިސް، އައްދުކްތޫރަށް އަދި ޤުރްއާނާ ބެހޭ މަރުކަޒުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރު. އެއީ، މަތިވެރިވަންތަ اللّـه سبحـانـه وتعـالى އަޅުތަކުންގެ މައްޗަށް ބާވައިލެއްވި މޫރިތި ފޮތް. އެ ފޮތުގައި އެއްވެސް ޝައްކެއް، ޚިލާފެއް ނެތް. އަދި އެ ފޮތް ކިޔަވައި، އެ ފޮތުން އުނގެނުނު ވަރަކަށް، ގިނަ ޢިލްމުތަކެއް ހާސިލުވެގެންދޭ. ކަންކަމުގެ ޙަޤީޤަތް އެނގި، އީމާންތެރިކަން ވަރުގަދަވެގެންދޭ.

އާދެ، ކީރިތި ޤުރްއާން ރީތިކޮށް ކިޔަވައި، އަޑުއައްސަވައި ވޮޑިގަތުމަށް މާތް ﷲ ލޯބިފުޅުވެ ވޮޑިގެންވޭ. އެކަން ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް ސާބިތުވާން އެބަހުރި. އަދި رســول اللّـه صـلّى الله علـيـه وسـلّم އެކަމަށް ބާރުއަޅުއްވައި، ޙަދީޘް ކުރައްވާފައިވެސް އެބަވޭ.

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، އަދި ރާއްޖޭގެ ޤައުމީ ފެންވަރުގައި ބާއްވާ ކީރިތި ޤުރްއާނުގެ އެންމެ ބޮޑު ދަރުބާރަކީ މިއީ. އެހެންކަމުން، މި މުބާރާތުގެ ބޭއްވުން އަހަރަކަށްވުރެ އަހަރެއް ހަރުދަނާ ކުރަން، ފެންވަރު ރަނގަޅުކުރަން ސަރުކާރުން ބޭނުންވޭ. މުބާރާތުގައި މުޅި ރާއްޖޭގެ ތަމްސީލުކުރުން އިތުރުކުރަން. މުބާރާތަށް ދެވޭ އިނާމު އިތުރުކުރުމަށް ސަރުކާރުން ބޭނުންވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތާއި ޝަރަފު، އަޅުގަނޑުމެން އިތުރުކުރާނަން. އަދި މުބާރާތް ބޭއްވުމުގެ ފެންވަރުވެސް އަޅުގަނޑުމެން ރަނގަޅުކުރާނަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ، އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރެއްވުން. އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަން އެ މަނިކުފާނު ޒަޢާމަތުގައި، މި ވޭތުވެދިޔަ 7 މަސް ދުވަސްތެރޭގައި ވަނީ އިތުރުކުރައްވާފައި. ކީރިތި ޤުރްއާން ކިޔަވާ ޒުވާން ކުދިން، ކުޑަކުދިންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރީތިކޮށް ޤުރްއާން ކިޔެވުމުގައި އިތުރަށް ކުރިއަށް ދިޔުމުގެ މަގު ވަނީ ހުޅުވައިދެއްވާފައި. ޒުވާން ޚަޠީބުން ތަމްރީނުކޮށް، ޚުޠުބާ ކިޔުމުގެ، އިމާމުކަން ކުރުމުގެ ފުރުޞަތު ވަނީ ދެއްވަން ފަށްޓަވާފައި. ޤުރްއާން ކިޔަވައިދޭ، ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ޤުރްއާން ހިތުދަސްކުރާ ކުދިންނަށް އިތުރު ޢިނާޔަތާއި އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ، މި ސަރުކާރުގެ އަމާޒެއް. މީގެ އިތުރުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ދައުރު ފުޅާކޮށް، ރާއްޖޭގެ މިސްކިތްތަކަކީ ގިނަގިނައިން ޤުރްއާން ކިޔަވައި، އުނގަންނައިދޭ ތަންތަނަށް ހެއްދެވުމަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ފެންވަރުގައި އަދި ރަށްރަށުގެ ފެންވަރުގައިވެސް އަދި އަތޮޅުތަކުގެ ފެންވަރުގައިވެސް ގިނަ ޤުރްއާން މުބާރާތްތައް ކޮންމެ އަހަރަކު ބާއްވަމުން އެބަދޭ. އަދި ކުންފުނިތަކާއި ޖަމާޢަތްތަކުންވެސް އަދި އޮފީސްތަކުންވެސް ޤުރްއާން މުބާރާތްތައް އިންތިޒާމު ކުރަމުން އެބަދޭ. މިއީ، ވަރަށް އުފާވެރި ކަމެއް. ޤުރްއާން މުބާރާތްތައް ވީހާ ކުލަގަދަކޮށް، ޝަރަފުވެރިކޮށް ބޭއްވުމަށް އިސްކަން ދެއްވާކަންވެސް އަޅުގަނޑު ވަރަށް ހިތްހަމަޖެހުމާއެކު ފާހަގަކުރަން. މި ކަންކަމުން ރަމްޒުކޮށްދެނީ ހެޔޮ ކަންކަމަށް އަވަސްވެގަތުމަށް ދިވެހިންގެ ހިތްތަކުގައި އޮތް ޝައުޤު. އިސްލާމްދީނަށް ދިވެހިން ދެއްވާ އަހަންމިއްޔަތުކަން. އަދި ދަރިންނަށް ރަނގަޅު ތަރުބިއްޔަތާއި ޢިލްމު ދިނުމަށް ދިވެހިން ދޭ އިސްކަން. އެހެންކަމުން، ސަރުކާރުން މިފަދަ ކަންކަމަށް ދޭ ތަރުޙީބު އަދި ދޭ އެއްބާރުލުން، ކުރިމަގުގައި އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް ދެން. އަދި ބައިނަލްއަގުވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކޮށް، ދިވެހި ދަރިވަރުންނަށް ޤުރްއާން ކިޔެވުމުގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ގިނަ ކާމިޔާބުތައް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޭނުން އަދި ވަރަށް އިސްކަންދޭނެ ކަމެއް ކަމުގައިވެސް ދަންނަވަން.

އާދެ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ކުދިން އެންމެ ފުރަތަމަވެސް ގަބޫލުކުރަންވީ، މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ޤަދަރުވެރި، އެންމެ ބޮޑު ޤުރްއާން މުބާރާތްކަން. އެހެންވީމާ، ޤުރްއާން ކިޔަވާ އެތައް ހާސް ކުދިންގެ ތެރެއިން، މި މުބާރާތަށް ހޮވުމަކީ ނުވަތަ ފުރުޞަތު ލިބުމަކީ ބޮޑު ނަސީބެއްކަން. މުބާރާތުގައި ފުރިހަމަ ކާމިޔާބެއް ހޯދުމަށް ކޮންމެ ކުއްޖަކުވެސް ގަދައަޅައި މަސައްކަތް ކުރަންވާނެ.

މިފަދަ ޤުރްއާން މުބާރާތެއްގައި ދަރިވަރުން ވާދަކުރާއިރު ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމު ނުކުތާތަކެއްވެސް އެބަހުރި. އެގޮތުން، ޤުރްއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ތައްޔާރުވުމަށް ކުރާ ކަމަކަށް ވެގެންނުވާނެ. ޤުރްއާން ކިޔެވުމަކީ އަޅުކަމެއް. ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިންވަރެއް ކިޔަވަން މަސައްކަތް ކުރަންވާނެ. އަދި ޤުރްއާން ކިޔަވާ ކޮންމެ ވަގުތެއްގައިވެސް ތަރުތީލު މަގުން ކިޔެވުމަށް ސަމާލުކަން ދޭންވާނެ. ތަރުތީލު މަގުން ކިޔެވުމަކީ، ޤުރްއާން ކޮންމެ އަކުރެއްވެސް އެ އަކުރެއްގެ ޙައްޤު އަދާކުރުމާއެކު، އެ އަކުރެއްގެ މަޚުރަޖުން ކިޔަވަމުން ޤުރްއާން ކިޔެވުން. ޤުރްއާން ކިޔެވުމާއެކު، ޤުރްއާން ތަދައްބުރު ކުރުމަކީވެސް މުހިންމު ކަމެއް. އޭގެ މާނައަކީ، ކީރިތި ޤުރްއާން ކިޔަވަމުންދާއިރު އާޔަތްތަކުގެ މާނަ ހޯދައި ބަލައި، ފުންކޮށް ވިސްނައި ފިކުރުކުރުން. އެ އާޔަތްތަކުން އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް ހެޔޮ ބަދަލެއް އަންނާނީ އެފަދައިން ވިސްނައި ފިކުރުކޮށް، ޤުރްއާން ކިޔެވުމުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި މުބާރާތުގައި ވާދަކުރާ އެންމެހައި ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދެމުން. އަދި މުބާރާތަށް ދަރިވަރުން ތަމްރީނު ކުރެއްވުމަށް، މުދައްރިސުންނާއި ބެލެނިވެރިން ތިޔަކުރެއްވި އަގުހުރި މަސައްކަތްތަކަށް ހިތްވަރު ދެމުން. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެންމެހައި މުވައްޒަފުންނަށް މުބާރިކުބާދު ރައްދުކުރަމުން. އަދި އެކި ގޮތްގޮތުން މި މުބާރާތަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކާއި، އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގައި ބަރަކާތްލެއްވުމަށް އެދި ދުޢާ ކުރަމުން. މި މުބާރާތަކީ ރަޙުމަތާއި ދަރުމައިން ފުރިގެންވާ ކާމިޔާބު މުބާރާތެއް ކަމުގައި ލައްވާށި! އަދި ތިޔަ އެންމެހައި ދަރިވަރުންނަށާއި، އެންމެހައި ބޭފުޅުންނަށް ބާއްޖަވެރިކަމާއި އުފާފާގަތިކަން މިންވަރު ކުރައްވާށި!

وَالسَّلَامُ عَلَيْكُمْ.