އެރިޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ އަލެމް ސަހާއި ވުލްދެމާރިއަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުންފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.

އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިޤްތިސާދާއި ވިޔަފާރި ކުރިއެރުވުމުގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި އެކިއެކި ދާއިރާތަކުގައި އެއްބާރުލުންދިނުން ހިމެނެއެވެ.

ދިވެހިރާއްޖެއާ އެރިޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. އެރިޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ. އެރިޓްރިއާ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނިއުދިއްލީގައެވެ.