بسم الله الرحمن الرحيم

ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަޟްޙާ ޢީދާ ބައްދަލުވުމުގެ ނިޢުމަތް މިންވަރު ކުރެއްވި ކަމަށްޓަކައި ކީރިތި ﷲގެ ޙަޟްރަތަށް ޙަމްދު، ޘަނާއާއި ޝުކުރު ދަންނަވަމެވެ. މި އުފާވެރި ބޮޑު ޢީދުގެ ތަހްނިޔާއާއި ހެޔޮދުޢާތައް ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް އަރިސްކުރަމެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުސްލިމުން ފާހަގަކުރާ ޢީދުގެ މި މުނާސަބާ ރަމްޒުކޮށްދެނީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައި ވާފަދައިން، މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއް ކަމެވެ. މި ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ކޮންމެ ވޭނެއް މުޅި ހަށިގަނޑު ބަރުދާސްކުރާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ފަލަޞްޠީނުގެ އުޚުއްވަތްތެރި މުސްލިމުންނަށްޓަކައި މި ޢީދުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މުސްލިމުންވެސް ކޮށްދެމުންދާ ހެޔޮދުޢާތަކާއި، ވީވަރަކުން ފޯރުކޮށްދެމުންދާ ދީލަތި އެހީތަކެވެ.

މި އަހަރުގެ އަޟްޙާ ޢީދުގައި އަޅުގަނޑާއި، އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަން ކަމުގައިވި ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮދުޢާ ކޮށްދިނުމެވެ. ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވުމުގައެވެ. ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާއި ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާއި، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮދުޢާތައް ތަކުރާރުނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއްނުކުރާނަމެވެ.

ބަރަކާތްތެރި އަޟްޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ޙައްޖުގެ މަތިވެރި އަޅުކަމާއި، ޢަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާއި ފުއްސެވުމަށްފަހުއެވެ. ކީރިތި ޤުރްއާނުގައި އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި މާތްﷲ ހުވައިގެ ބަސްފުޅު ވަޙީކުރައްވާފައިވާ ޙައްޖުމަހުގެ ފުރަތަމަ 10 ރޭ ނިމުމާއެކުއެވެ. ބޮޑުޢީދު ދުވަހުގެ ފަހަށް ތަރުތީބުވަނީ، އުފަލާއި، އެކުވެރިކަމާއި، ހެޔޮފޯރުވުމާއި، ތަކުބީރު ތަހުލީލު ގިނަކުރުމުގައި މުޅި އުންމަތް ބައިވެރިވާ އައްޔާމުއްތަޝްރީޤުގެ 3 ދުވަހެވެ. ޙައްޖާއި ބޮޑުޢީދުގެ އަޅުކަންތަކާއި، ޤުރުބާންކުރުންތަކުން ޒިކުރާ އައުކޮށްދެނީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، ﷲގެ ޚަލީލް، އަދި މުސްލިމްތަކުންގެ މާތް ބައްޕާފުޅު، ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅާ ގުޅިފައިވާ، ޢިބްރަތްތެރި ދަރެސްތަކެވެ. މިއީ، ހެޔޮ ކަންކަމުން ފުރިގެންވާ އިސްލާމީ މުނާސަބާއެކެވެ.

އެހެންކަމުން، ބޮޑުޢީދުގެ މި ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އެންމެ މުހިންމު އިލްތިމާސަކީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން އަބަދުމެ ހަނދާންކުރެއްވުމެވެ. ޢީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމެވެ. އިސްލާމީ އަޚްލާޤާއި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމެވެ.

ކީރިތި ﷲގެ ޙަޟްރަތުގައި އެންމެ ލޯބިވެތިވެވޮޑިގެންވާ ޢަމަލުތަކުގެ ތެރޭގައި، މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ އެއްކަމަކީ، މުސްލިމް އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ ޢަމަލެއް ކުރުމެވެ. މެހްމާންދާރީ އަދާކުރުން، ޞަދަޤާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮދުޢާއެއް ކޮށްދިނުން، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި ޢަމަލުތަކަށް އަވަސްވެގަތުމެވެ. ޢީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށްވާތީ، ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ދަމަހައްޓަމުން އައި ކަމޭހިތުމާއި، އިޙްތިރާމާއެކު މުޢާމަލާތު ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުޞޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާއި ކޮންމެ ޢާއިލާއަކުންވެސް އިސްކަން ދެއްވުން އަޅުގަނޑު އެދެމެވެ. ދަރީންނަށް އަޅުގަނޑުމެން ބުނެދޭންވީ، ޢީދުގެ ދިއްލުންތަކާއި، އުފާފާޅުކުރުންތަކާއި، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރު ތަހުލީލު ކިޔައި، އިޖުތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރު ކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާއި ޝާމިލްކަމުގެ ހެކިތަކެއް ކަމުގައެވެ. މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

އަޅުގަނޑުގެ ދުޢާއަކީ، ޢީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިޔުމެވެ. މި ލޮބުވެތި ދިވެހި ޤައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ނަޞްރާއި ނަސީބާއި، ސިލްމާއި ސަލާމަތުގައި، ލެހެއްޓެވުމެވެ. އާމީން.