ސަޢޫދީ ޢަރަބިއްޔާއަށް، 1445ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިޢާޔަތް ކުރައްވައި، ދިވެހިރާއްޖޭގައިވެސް 1445ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1ވަނަ ދުވަހަކީ، 2024 ޖޫން 7 ވި ހުކުރު ދުވަސް ކަމަށާއި، އަރަފާތު ދުވަހަކީ 2024 ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި، އަދި އަޟްޙާ ޢީދު ދުވަހަކީ، 2024 ޖޫން 16 ވާ އާދީއްތަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައެޅުއްވުމާ ގުޅިގެން، މި އަހަރުގެ ޙައްޖު ދުވަހާއި، އަޟްޙާ ޢީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަހެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން، މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން، ޢީދު ބަންދުގައި ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާއެކު، ޢީދު ބަންދަށްފަހު، މި ޖޫން މަހުގެ 20ވަނަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެކަމަށް ފެނިވަޑައިގަންނަވާތީ، 2024 ޖޫން 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

        މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، 2024 ޖޫން 23 ވާ އާދީއްތަ ދުވަހު ކަމުގައި ދެންނެވީމެވެ.