‎ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ރިޔާސަތު ބަލަހައްޓަވައިދެއްވައިފިއެވެ.

‎މިކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބެލެހެއްޓެވީ މިއަދު މެންދުރު ކުރިއަށްދިޔަ ޕްލެނަރީ ސެޝަންގެ ރިޔާސަތެވެ.

‎"ޗާރޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ" ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މަޢުލޫމާތު މުއްސަނދި ބަހުސްތަކާއިއެކު، ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު ކުރިއަށް ދިޔަ، މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ޕްލެނަރީގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޑްސްގެ ޤައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ވިދާޅުވެފައެވެ.

‎މި މަހާސިންތާގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން އުޅުއްވާ ގިނަ ޢަދަދެއްގެ އިއްޒަތްތެރީންނާއި ބައްދަލުކުރައްވާ، ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަދި ދިވެހިރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުންނެވެ.