ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަމޯއާގެ ބޮޑުވަޒީރު ފިއާމީ ނައޮމީ މަޓަފާއާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދިވެހިރާއްޖެއިން މި މަސައްކަތުގައި އަޅާފައިވާ ހަރުދަނާ ބައެއް މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ސަމޯއާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްޞާކުރައްވާ، އެ ކަމަނާ ވަނީ ސިޑްސްގެ އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަ ކުރައްވާ، މިކަމުގައި އިތުރު އެހެނިހެން ޙައްލުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއަރގެ ހައިސިއްޔަތުން ސަމޯއާއިން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސަމޯއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 2 އޮގަސްޓް 1993 ގައެވެ.