ޕޮލެންޑްގެ ރައީސް ލެކް ޗިންސްކީ ދަތުރުފުޅުކުރެއްވި މަތިންދާބޯޓް ވެއްޓި އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މާދަމާ، 11 އޭޕްރިލް 2010ވާ އާދީއްތަ ދުވަހުން ފެށިގެން 12 އޭޕްރިލް 2010ވާ ހޯމަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ.
ޕޮލެންޑްގެ ރައީސްގެ އަރިހުގައި ދަތުރުފުޅުކުރެއްވި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވަނީ އަވަހާރަވެފައެވެ.
ޕޮލެންޑްގެ ރައީސްގެ ދެކަނބަލުން އަވާހަރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި އެޤައުމުގެ ވަގުތީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕޮލެންޑްގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ޗިންސްކީ، ތާރީޚްގައި ފާހަގަކުރެވިގެންދާނީ، ޕޮލެންޑަށް ފާގަތިކަމާއި ތަރައްޤީ ގެންނެވުމަށް މަސައްކަތްޕުޅުކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ލެކް ޗިންސްކީ، ޕޮލެންޑްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ 2005ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ.