‎އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނަ އާއި ބޮޑުވަޒީރު ބިޝަރް އަލް ޚަސަވްނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

‎ރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުން، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރަސްގެފާނާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ ދެމެދު އޮންނަ އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅުތައް ނިންމަވާލައްވާފައި ވަނީ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން، އަދި އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.