ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. ދަނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށު ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ދަނބިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދަނބިދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ފަށާފައިވާ މުހިންމު ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ މިސްކިތުގެ މަސައްކަތް ނުފެށި ލަސްވުމާއި ރަށުގެ އިޖްތިމާޢީ މަރުކަޒެއް ބިނާ ކުރުމާއި ރަށުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ނަރުދަމާ ނިޒާމާއި ރަށު ބަނދަރުގެ ހާލަތުގެ އިތުރުން ރަށް ގިރުމާ ގުޅިގެން ދަނބިދޫއަށް ކުރިމަތިވަމުންދާ ދަތިކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށް، މިކަންކަން ހައްލުކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުންވެސް ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ.

ދަނބިދޫ އ.ތ.މ. ކޮމިޓީން، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް ހިއްސާކޮށްފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.