ސުވާލު:

އައްސަލާމްޢަލްއިކުމް. އަޅުގަނޑަކީ މުލަކު ސްކޫލްގައި މަސައްކަތްކުރާ ސެން ޓީޗަރެއް. އަޅުގަނޑު މިދާއިރާގައި އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިދާއިރާގައި ލިބޭ ޓީޗަރުން، ސެން ކިޔަވައިގެން ތިބި ޓީޗަރުން މިހާރު ލިބޭލެއް ވަރަށް މަދު. ސްކޫލްތަކުން އިއުލާންކޮށްގެންވެސް މިފަދަ ޓީޗަރުން ލިބުން ވަރަށް ދަތި. ނަމަވެސް ކުދިން ވަނީ އިތުރު. ވީމާ ކުރިން ދެއްވަމުންއައި، ސެން ޓީޗަރުންނަށް ދެއްވާ ރިސްކް އެލަވެންސް އަޅުގަނޑުމެންނަށް ލިބޭނެގޮތް ހައްދަވައި ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ޝުކުރިއްޔާ.

ޖަވާބު:
އާދެ! ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. މިއަހަރު މެދު ތެރޭގައި، ގާތްގަނޑަކަށް ފަށަން މިހާރު ރާވާފައި މިއޮތީ ތިޔަ ދާއިރާ އަދި އެހެން ދާއިރާތަކުންވެސް ޓީޗަރުން މަދުކޮށް ތިބި ދާއިރާތަކަށް ޓީޗަރުން ހޯދުމުގެ މަސައްކަތް. ޓްރެއިނިންގ މަސައްކަތް. ނޫނީ ތަމްރީން ކުރުމުގެ މަސައްކަތް. އޭގެ ތެރެއިން ސެން ޓީޗަރުންނަށް ޚާއްސަކަމެއް ދީގެން އެދާއިރާއިން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އިރާދަކުރެއްވިއްޔާ މިއަހަރު މެދު ތެރޭގައި ފެށޭ ޕްރޮގްރާމްގެ ތެރެއިން. އަދި އެއަށްވުރެ ކުރިންވެސް މިހާރުން މިހާރަށްވެސް އެދާއިރާގެ ޓީޗަރުން ލިބެންހުރި ވަރެއް ބަލައި ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް ކުރާނަން. ދެން އަނެއް ކަމަކީ އެލަވަންސް ވާހަކަ. ރިސްކް އެލަވަންސް. މިހާރު މިދިޔަ ސަރުކާރުން ފެށިގެން މިހާރު މި ޢަމަލުކުރަމުންދާ ޕޭ ފްރޭމްވޯކްގެ ސަބަބުން ބަދަލެއް އައިސްފައި އެއޮތީ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ތިޔަ ވިދާޅުވި ކަންތަކުގައި، ސެން ޓީޗަރުންނަށް ރިސްކް އެލަވަންސްއެއް ނޫނިއްޔާ ޚާއްސަ އިތުރު އިނާޔަތެއް، ފައިސާގެ އިނާޔަތެއް ލިބޭނެގޮތެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނަން. ޝުކުރިއްޔާ.