ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ގުރައިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި ގުރައިދޫގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ގުރައިދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ގުރައިދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، ބިން ހިއްކައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކުރިން ބިން ހިއްކާފައިވާ ގޮތުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމު އަލުން އަޅައިދެއްވުމަށާއި، ފުލުހުންގެ އާއިމާރާތެއް ބޭނުންވާކަމަށާއި، ބަނދަރުގައި ހުރި މައްސަލަތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. ހަމަ އެއާއެކު ޞިއްޙީ މަރުކަޒުގެ އާ އިމާރާތް ނިމިގެން ދާއިރު އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެ ކޮމިޓީއަށް އިތުރު އާމްދަނީ ލިބޭނެ މަގެއް ތަނަވަސްވުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގުރައިދޫގެ ބިން ހިއްކޭނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ވަކި ވަކި ކަންކަމަށް އަލިއަޅުވާލައްވައި އެކަމަށް އޮތް ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.