بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މުލަކުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ރަށުގެ އިދާރާތަކުގެ ވެރިން، އަދި އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ އައްސަވައި އަދި ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ މި ހޫނުގަދަ ވަގުތުވެސް ތިޔަބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ހަމަ އެއާއެކީގައި، މި ނިމިގެންދިޔަ އިންތިޚާބުގައިވެސް، ތިޔަބޭފުޅުން ވަނީ އަޅުގަނޑަށް ވަރަށް ބޮޑު ތަރުޙީބެއް ދެއްވައި، ތާއީދެއް ދެއްވާފައި. އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު އިންތިޚާބުގައި، ކެމްޕެއިން ޖަލްސާއެއްގައި، މި ރަށުގައި ވާހަކަ ދެއްކިއިރުގައި، ތިޔަބޭފުޅުން އޭރުގައި އެދިވަޑައިގެންނެވި ކަންކަމުގައި ދެންނެވިން، އެ ހުރިހާ ކަންކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އެ ދެއްކި ވާހަކަ އަޅުގަނޑު ވާނީ މުޅި ރާއްޖޭގައި ދެއްކި ހުރިހާ ވާހަކައެއް، ފޮތެއްގެ ގޮތުގައި ތައްޔާރުކޮށްފައި. އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް، ވަޢުދުވި ކޮންމެ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި، އަޅުގަނޑު ވާހަކަ ދައްކާފައިވާނީ. އެހެންވީމާ، ކަންކަން ސާފުކޮށް ފެންނާނެގޮތް ހަދަންވެގެން. ކޮންމެ ބޭފުޅަކަށްވެސް ފަހުންވެސް ބަލައިލާފައި، އެއިން އެއްވެސް ކަމެއް ނުކޮށް، ނޫނީވިއްޔާ ހަނދާންނެތިފައި އަޅުގަނޑު ހުރިއްޔާ، އެކަންވެސް ފާހަގަވާނެ. އަދި އަޅުގަނޑަށް އެކަމުގައި އެއްޗެއް ދަންނަވަން ބޭނުންވިޔަސް، ފަސޭހަފުޅުވާނީ ލިޔެކިޔުމުން ފެންނަން އޮތީމާ ކަމުގައިވާތީ.

އެހެންވީމާ، މި ރަށުގައި ދެއްކި ވާހަކަވެސް އެ ތައްޔާރުކުރި ފޮތުގައި ހިމަނާފައިވާނެ. އާދެ، އަޅުގަނޑު ވަޢުދުވީ ކަންކަމުގައި، ހަމަ ދަންނަވަން ބޭނުންވަނީ، އެ ޔަޤީންކަންދޭން ބޭނުންވަނީ. އޭރުގައި ދެންނެވި ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އެ ޔަޤީންކަން އަޅުގަނޑު ދެން.

ދެންމެ ކައުންސިލާ އެކީގައި ބައްދަލުވިއިރުގައިވެސް، އަޅުގަނޑު ވާނީ އެ ވާހަކަތައް ދައްކާފައި. އާދެ، ހޮސްޕިޓަލް، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އަޕްގްރޭޑްކޮށް، ހޮސްޕިޓަލަކަށް ހަދައިދޭނެ ވާހަކަ ދެންނެވިން. ހޮސްޕިޓަލެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނަން. އަދި މިހާރުން މިހާރަށްވެސް، ދެވެންހުރި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނަން. އަދި އިރާދަކުރެއްވިއްޔާ ހޮސްޕިޓަލަކަށް ބަދަލުކޮށްދީ، އަޅުގަނޑު ވީ ވަޢުދު ފުއްދައިދޭނަން.

އާދެ، މަސްވެރިކަމުގެ ދާއިރާއިން، މަސް ބަނދަރުގެ މަސައްކަތްވެސް އަޅުގަނޑު ދެންނެވިން. މަސްވެރިކަމަށް ކުރެވެމުންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތް، އެ ދާ ސްޕީޑް ހަލުވިކޮށް، އެ މަސައްކަތް ނިންމައިދީ، އެކަމާ ގުޅޭގޮތުން އަޅުގަނޑު ވަޢުދުވީ ގޮތަށް، އެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ ވާހަކަ.

ހަމަ އެއާއެކީގައި ބަނދަރު ބޮޑުކޮށް، ރައްޔިތުންނަށް އަޅުގަނޑު ދެންނެވި ފަދައިން، 1400 ފޫޓުގެ ދިގުމިން ހުންނަ ގޮތަށް، އެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވިން. ހަމަ އެއާއެކީގައި، މަގުތައް ހެދުމުގެ ވާހަކަވެސް ދެއްކިން. ވަރަށްވަރަށް ލަސްކޮށް
އެ މަސައްކަތް ހިނގަނީ. އެއީ، ރާއްޖޭގައި މި ދިޔަ ސަރުކާރު ނިމުނުއިރުގައި، ހުރިހާ ރަށެއްގައިހެން މަސައްކަތް ހުރިގޮތް. ހިނގަމުންދާ ކަމެއްވިއްޔާ، ވަރަށް ލަސްކޮށް ހިނގަމުން ދިޔައީ. ބައެއް ކަންކަން ހުރީ ހަމަ އެކީ ހުއްޓިފައި. މިހާރު މި ކުރެވޭ މަސައްކަތަކީ، މިގޮތަށް ހުރި މަސައްކަތްތައް، އަލުން ފަށަންޖެހޭ ތަންތާނގައި ފެށުމުގެ މަސައްކަތާއި، ލަހުން ހިނގާ ކަންކަމުގެ ދުވެލި ބާރުކުރުމުގެ މަސައްކަތް.

މީގައި މިވާގޮތަކީ، ހަމަ ތަކުރާރުކޮށްލަން ޖެހޭނީ އެއް ވާހަކައެއް. ނުދައްކާ އެތައް ބިލެއް ހުރީ. ސަރުކާރުގެ އެކިއެކި ކުންފުނިތަކުންނާއި، މިނިސްޓްރީތަކުން އެމީހުން ލައްވައި، އެކި މީހުން ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ނުދިނީމާ މަސައްކަތް ހުއްޓެނީ. ނޫނީވިއްޔާ ގަވާއިދުތަކާ ޚިލާފަށް، އޮންނަ އިޖުރާޢަތްތަކާ ޚިލާފަށް އެކިކަހަލަ މަސައްކަތް ކުރުވައި، ކޮންޓްރެކްޓަރު، ސަބް ކޮންޓްރެކްޓް ކޮށް، އަދި އޭނާ އެހެން މީހަކަށް ސަބް ކޮންޓްރެކްޓް ކޮށް، މިހެންގޮސް ފަށްފަށްވެގެން، ތިން ހަތަރު، ކޮންޓްރެކްޓަރުން، ސަބް ކޮންޓްރެކްޓަރުން ބައިވެރިވާ މަޝްރޫޢުތައްވެސް ހުރީ. މިހެން މުޅިން އޮޅުންބޮޅުން ވެފައި، ވަރަށް ގިނަ މަޝްރޫޢުތައް ރާއްޖޭގެ ރަށްރަށުގައި ހުރީ. މި ހުރިހާ ކަމެއް ނިއުޅުވައި، ސާފުކޮށް، ދަރަނި ދައްކައި، ހަލުވިކަން ގެންނަން މަސައްކަތްތަކެއް ކުރެވެނީ.

ސަރުކާރުގެ ބައެއް ކުންފުނިތައް، އޭރުގައި ޚާއްޞަކޮށް، ފެނަކައިގެ ޙާލަތުގެ ވާހަކަ ދެތިން ދުވަސް ކުރިން، ފެނަކައިގެ އެމް.ޑީ. މުޢާޒު، އެހެން ރަށެއްގެ ޖަލްސާގައި ވަރަށް ތަފްޞީލުކޮށް ކިޔައިދެއްވި. ފެނަކައިގެ ޙާލަތު އެހެން އޮތްކަން އެބަ އެނގޭ. އޮއްވައި، ވަރަށް ގިނަ ރަށްރަށުގައި އެބަހުރި، ވަރަށް ގިނަ މަސައްކަތް ހަވާލުކޮށްފައި. ނުކުރެވޭވަރަށް މަސައްކަތް ހަވާލުކޮށް، އެއާ ގުޅިގެން އިތުރު ދަރަނިތައް، ފެނަކައިގެ ބޮލުގައި އެޅި، ކުންފުނީގެ ބޮލުގައި އެޅި، މުޅިން ބޮއްސުންލާފައި އޮތީ. ވަރަށް ގިނަ ރަށްތަކުގައި އޭ.ޓީ.އެމް.، ބަހައްޓަން ހަވާލުކުރި. އައިސް ޕްލާންޓް ބަހައްޓަން ހަވާލުކުރި. މިހެންގޮސް، ވަރަށް ގިނަ ކަންތައްތައް. އެހެންވީމާ، މިހެންހުރި ގިނަ ކަންތައްތައް ހުރީ، ކުންފުނި އިނދަޖެހިގެން ދިޔައިމާ މަސައްކަތް ހުއްޓިފައި. މި ހުރިހާ ރަށެއްގައި، މި ރަށްވެސް އޭގައި ހަމަ ބައެއް މަސައްކަތްތަކުގައި ޝާމިލްވޭ.

އެހެންވީމާ، މިހެންހުރި ހުރިހާ މަސައްކަތްތަކެއް ހިންގޭނެ ގޮތް ހެދުމަށްޓަކައި، މަސައްކަތްތައް މި ކުރަނީ. އެހެންވީމާ، މި އެތައް މަސައްކަތްތަކެއްގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑު ޔަޤީންކަން ދޭން ބޭނުންވަނީ، އޭގެ ނަތީޖާއަކަށް ވާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އަދި ރައްޔިތުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި ގޮތަށް، އެ މަސައްކަތްތައް ހިނގައިގަންނަ ގޮތްވެ، މަސައްކަތްތައް ނިމި، ކަންކަން ފުރިހަމަވެގެން ދިޔުން.

އެހެންވީމާ، ދެންވެސް ހުރި ހުރިހާ މަސައްކަތްތަކެއް، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނީ އެގޮތުގެ މަތިން. ޖެޓީގެ ވާހަކަވެސް ފާހަގަކޮށްލަން. ކައުންސިލްގެ ބައްދަލުވުމުގައިވެސް އަދި ރައްޔިތުންވެސް އެކަން ފާހަގަކުރޭ. އެ ޖެޓީގެ ވާހަކަވެސް އަޅުގަނޑު ކެމްޕެއިންގައި ހަމަ ވަޢުދުވެފައިވާ ކަމެއް އެއީ. އަދި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މަސައްކަތްތަކެއް ކުރާނެ ވާހަކައާއި، ކުނި މެނޭޖް ކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން، މި ރަށުގައި ކަންތައްތަކެއް ކޮށްދޭނެ ވާހަކަވެސް ދެންނެވިފައި ވާނެ. އަދި ޒުވާނުންނާ ގުޅިފައިވާ ޔޫތު ސެންޓަރ، އަދި ކުޅިވަރުތައް ޤާއިމުކޮށްދިނުމުގައި ކުރަންޖެހޭ އެތައް މަސައްކަތްތަކެއްވެސް އެބަހުރި.

އެހެންވީމާ، މި ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ އަދި ކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް އެބަ ހިނގާ ވާހަކަ ދަންނަވަން ބޭނުންވަނީ. ރައްޔިތުންނަށް އެ ޔަޤީންކަން ދޭން ބޭނުން. ތަކުރާރުކޮށް އަނެއްކާވެސް ދަންނަވަން ބޭނުންވަނީ، ދެންމެ މި ފާހަގަކުރި ކަންކަމާއި އަދި ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެހެން ކަންކަން ހިމެނޭ ފަދައިން، ހަމަ ހުރިހާ މަސައްކަތްތަކެއް ހިނގާނެ. އޭގެތެރޭގައި، އޭ.ޓީ.އެމް. މަސައްކަތްވެސް ހިމެނޭހެން އަޅުގަނޑު މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން އަނެއްކާވެސް ދެން.

އާދެ، މި ހުރިހާ މަސައްކަތްތަކެއް ކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތްތަކަކީ، ރައްޔިތުންނާ ގާތުން އަޅުގަނޑު ކުރާ ކަމަކަށް ހަދަން ބޭނުންވަނީ. އެއީ، އެހެން ނޫނީވިއްޔާ އަބަދުވެސް ތަކުރާރުކުރަން ޖެހިފައި މި އޮންނަނީ. އަމިއްލައަކަށް ސަރުކާރަށް، މިނިސްޓްރީއަކަށް ފެނިގެން، ކުންފުންޏަކަށް ފެނިގެން ކަމެއް ކުރަން އުޅެފިއްޔާ، ކޮންމެހެން އަދި ރައްޔިތުން ބޭނުންވާ ގޮތް ކަމުގައި ނުވަންޏާ، އެކަން ވަރަށް ގިނަ ރަށްތަކުގައި އެބަ ބޭކާރުވޭ. މިދިޔަ ގިނަ ބައްދަލުވުންތަކުގައި، ވަރަށް ގިނަ ކައުންސިލްތަކުން ފާހަގަކުރައްވާފައި އެބަވޭ އެ ކަންތައް.

އެހެންވީމާ، އަޅުގަނޑު ރަށް ރަށަށް މިކުރާ ދަތުރުތަކުގައި، ކައުންސިލްތަކުގެ ކިބައިން މި އޮޅުންފިލުވަނީ، ކޮބައިތޯ އެ ރަށެއްގައި ރައްޔިތުން ބޭނުންވާ ގޮތަކީ. ކައުންސިލް ބާރުވެރިކުރަން. ޑަބްލިޔޫ.ޑީ.ސީ. ބާރުވެރިކުރަން. ރައްޔިތުން ހޮއްވަވާފައި ތިބި މަންދޫބުންނަކީ، އެއީ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ލެވެލްގައި، ކަންތައްތައް ކުރަން ހޮވާފައި ތިބޭ ބައެއް.

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، ލާމަރުކަޒު ކުރެވިފައި އޮތް ނިޒާމު، ޢަމަލީގޮތުން ތަންފީޒުކޮށްދޭން. އެއީ، ޤާނޫނުގައި ލިޔެވިފައި، ފޮތްތަކުގައި ލިޔެވިފައި، ގަނޑުތަކެއްގައި ލިޔެވިފައި ހުރި އަކުރުތަކަކަށް، ޖުމްލަތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން.

އެހެންވީމާ، ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރުމާއި، އޭގެ ކުރިން ބައެއްފަހަރު ކައުންސިލްތަކަށްވެސް ވަގުތު އޮތިއްޔާ، ކުރީ ބައިގައި ބައްދަލުކޮށްފައި، އަނެއްކާ ފަހުން ވަގުތު އޮތިއްޔާ ފަހުން ބައްދަލުކުރުމާއި، ކައުންސިލްތަކުގެ ބައިވެރިވުން މި ހިމަނަނީ. އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ސީދާ ރައްޔިތުން ބޭނުންވާ ގޮތް އެބަ ސާފުވެގެންދޭ.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ދެން މި ދަތުރުތަކުގައި، ރަމަޟާން މަސް މިހާރު މި އަންނަ ހަފްތާގައި ފެށޭއިރުގައި، ގިނަ ރަށްތަކާ އެބަ ބައްދަލުވޭ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ބާކީހުރި ރަށްތަކަށްވެސް އަޅުގަނޑު ދާނަން. މި އަހަރުގެ ބާކީއޮތް ދުވަސްތަކުގައި، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް، ހުރިހާ ރަށްތަކަށް، އަޅުގަނޑު ދާނަން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި. އޭރުން ހުރިހާ ރަށެއްގެ ރައްޔިތުންނާ ސީދާ އެބަ ބައްދަލުވޭ. އަދި އޭގެ ފަހުން، މި މަސައްކަތްތައް ހިނގައިގަނެ، ގިނަ ކަންކަން ނިމި، އާ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ދާގޮތް ބެލުމަށްޓަކައި، އަދި އެއް އަހަރު ފަހުން، 2025 އަށްފަހު، 2026 ގައި ހަމަ މީގެ ދެވަނަ ރައުންޑެއް އަޅުގަނޑު ކުރިއަށް ގެންދަން ޕްލޭންކޮށްފައި މިއޮތީ. ހުރިހާ ރަށަކަށް ދެވަނަ ބުރަކަށް ދާގޮތަށް.

ފަސް އަހަރުގެ ދައުރުގެ ތެރޭގައި، މަދުވެގެން ދެފަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްގޮސް، ހުރިހާ ރައްޔިތުންނާ އިރާދަކުރެއްވިއްޔާ ބައްދަލުކުރާނަން. އެއީ، އަޅުގަނޑު މަސައްކަތް ކުރަން ނިންމާފައި އޮތް ގޮތަކީ. އަދި އޭގެ އިތުރަށްވެސް، އެކި ކަންކަމުގައި، އެކި ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގައި، ބައެއް ރަށްތަކަށް ހަމަ ޔަޤީނުންވެސް ދެވޭނެ.

އެހެންވީމާ، ވީހާވެސް ގާތުން މަސައްކަތް ކުރީމާ، ރައްޔިތުންނަށް އެ ޔަޤީންކަން އެބަ ލިބޭ، ރައްޔިތުން ބޭނުންވާގޮތަށްކަން އަޅުގަނޑަށް މިކަންކަން ކޮށްދެވެނީ. ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އަޅުގަނޑު މިހިރީ. އަޅުގަނޑު ބޭނުންވަނީ، ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކުވެސް އަޅުގަނޑުގެ މަސައްކަތް ހުރީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި އެކަނިކަން ޔަޤީންވާން. އެގޮތުގައި މި މަސައްކަތް ކުރަނީ. އަދި މުޅި ސަރުކާރުން، ހުރިހާ މިނިސްޓަރުންވެސް، ކުންފުނިތަކުގެ ވެރިންވެސް، އަދި އަޅުގަނޑުމެންގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުންވެސް، މުޅި ޓީމު މި މަސައްކަތް މި ކުރަނީ އެގޮތުގައި. މުޅި ސަރުކާރުގެ ހުރިހާ ވެރިން މި މަސައްކަތް ކުރަނީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި.

އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ، މި މަސައްކަތް ކުރުމުގައި ފުރުޞަތު ދެއްވަން. ދެއްވެން އޮތް ހުރިހާ ކަމެއްގައި. އެއީ، މަޖިލިސް އިންތިޚާބު ކުރިމަތީގައި މިއޮތީ. އެކަމުގައިވެސް ފުރުޞަތު ދެއްވަން. އެއްބާރުލުން ދެއްވަން. މާފުކުރައްވާ! އެއްބާރުލުން ދެއްވަން. ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް މި މަސައްކަތްތައް ފުރިހަމަކުރުމުގައި، ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާށޭ.

އޭރުން، ހަމަ ޔަޤީންކަމާ އެކީގައި، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ ހުރިހާ ކަންތައްތައް ފުރިހަމަގޮތުގައި، ބާރުމިނުގައި ގެންދެވޭނެއޭ. މިހާރުވެސް އެބަ ގެންދަން، ގެންދެވެން އޮތް އެންމެ ރަނގަޅަކަށް. އަދި އެއަށްވުރެވެސް ރަނގަޅު ކުރެވިގެންދާނެ. އެންމެ ބޮޑެތި މައްސަލަތަކުން، ޤައުމީ މިހިރަ ބޮޑެތި ކަންކަމުން ފެށިގެން، ކުދިކުދި ކަންކަމަށް ދަންދެން، ހަމަ ޕްލޭން ކުރެވިގެން، މެނިފެސްޓޯގައި ކަނޑައަޅާފައި އޮތްގޮތަށް މިގެންދަނީ. އަދި އެކަންކަން ދާގޮތް، ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދެމުން މި ގެންދަނީ.

އެހެންވީމާ، މި ގޮތަށް މި ކުރެވޭ މަސައްކަތަށް، ރައްޔިތުންގެ ކިބައިން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވުމަކީ، ހަމަ ރައްޔިތުންނަށްޓަކައި ކުރެވޭ ކަމަކަށްވާނީ.

އާދެ، އެ ވާހަކަ އަޅުގަނޑު ދަންނަވާލާފައި، އަޅުގަނޑު ނިންމާލަން ގަސްދުކުރަނީ. އަޅުގަނޑު އަދިވެސް އެއްފަހަރު، މުލަކުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ދެއްވާ އެއްބާރުލުމާއި ތާއީދަށް.

މި ރަށުގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ ކަންކަމުގައި، އިރާދަކުރެއްވިއްޔާ ކުލަޖައްސައިދޭނަން. އަދި އިތުރަށް، ކުރިއަށް މިއޮތް މުސްތަޤްބަލަށް، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް، ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ފުރިހަމަގޮތުގައި ދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިންވަރުކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.