بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އޭދަފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އަޙްމަދު ސަލީމް، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެހެން ކައުންސިލަރުން، އަދި މިތަނުގައި ތިއްބެވި ދައުލަތުގެ ޢިއްޒަތްތެރިންނާއި، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިރޭ އަޅުގަނޑަށް މި ރަށަށް އާދެވުމުން، އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް އަދި އަޅުގަނޑަށް ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިރޭގެ މަރުޙަބާއަކީ، އަޅުގަނޑު މިހާރު މި ކުރަމުންދާ ދަތުރުތަކުގައި، އެންމެގިނަ ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި މަރުޙަބާ. އެކަމަށްޓަކައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަދި މަރުޙަބާ ދެންނެވި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، އަޅުގަނޑަށް ތިޔަބޭފުޅުން ކުރެއްވި އިތުބާރާއި، ދެއްވި ތާއީދަށްޓަކައިވެސް ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު އޭރު ކެމްޕެއިންގައި ރައްޔިތުންނަށް ވަޢުދުތަކެއްވީމު. ވަޢުދުވީ ރައްޔިތުންނަށް އެކަން ކޮށްދިނުމުގެ ފުރުޞަތު ރައްޔިތުން އަޅުގަނޑަށް ދެއްވައިފިއްޔާ އެކަން ކުރުމުގެ ވަރުގަދަ ޢަޒުމުގައި. އެކަންކަން ކުރެވޭނެކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ އަދި ޔަޤީންވާތީ ﷲގެ އިރާދަފުޅާއެކު. އެގޮތުން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަދި ރައްޔިތުން އެދޭ އަމާޒަށް މި ރާއްޖޭގެ ތަރައްޤީ ގެންދިޔުމުގައި ކުރަންޖެހޭ ކަންކަން ކުރުމުގެ ވަރުގަދަ ޢަޒުމުގައި އެކަންކަން ކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ.

އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައި މެނިފެސްޓޯ ހުށަހެޅި ދުވަހު ހުށަހެޅީ، ރާއްޖެ ތަރައްޤީ ކުރުމުގައި އަޅުގަނޑު ދެކޭގޮތް. މެދު ރާސްތާ އަދި ދުރު ރާސްތާގެ ތަރައްޤީއަށް ވިސްނާއިރު، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގައި މިހާރުން މިހާރަށް ހަމަ ކޮންމެ ރަށެއްވެސް ހަމަހަމަކަމާއެކީގައި، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ހަމަ ކޮންމެ ކަމެއްވެސް އެ ރަށެއްގެ އާބާދީގެ ނިސްބަތުން ކޮށްދިނުމުގެ ސިޔާސަތު ކުރިއަށްގެންދާއިރުވެސް، މެދު ރާސްތާ އަދި ދުރު ރާސްތާއަށް އަމުދުން ވިސްނާއިރުގައި، ރާއްޖޭގެ ތަރައްޤީ މިހާރު މި ތިމާވެށީގެ ގޮތުން އަންނަ ބަދަލުތަކާ، މި ހުރިހާ ކަމަކަށްވެސް ވިސްނާފައި އަދި ކުރަންޖެހޭ ޚަރަދުތަކާއި، ރައްޔިތުންނަށް އެ ގެނެސްދޭންޖެހޭ ތަރައްޤީއާއި މުއްސަނދިކަން ހާސިލުކޮށްދިނުމުގެ ގޮތުންނާ އެކީގައި އެކަން ކުރެވޭނީ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި މަސައްކަތް ކޮށްގެންކަން އަޅުގަނޑު ދެންނެވީ.

މެނިފެސްޓޯ އިޢުލާނުކުރި ރޭ އެ ވާހަކަ އަޅުގަނޑު ދެއްކީ. އެކަން މެނިފެސްޓޯގައިވެސް އޮންނާނީ. އަދި އެކަން ރައްޔިތުން ބަލައިގަތީ. އަދި އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީވެސް. ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު އެކުއެކީގައި، އެއީ، އެއް ޒޯން، އިންޓަރގްރޭޓަޑް ގުޅިލާމެހިފައިވާ ސަރަޙައްދީ ތަރައްޤީގެ އެއް ޒޯން ކަމަށް. އެންމެ ދެކުނުގެ ހަތަރު އަތޮޅު އެކީގައި. އެއީ، އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ކަމަށް. ދެން ރާއްޖޭގެ ހަތް ރަށެއް، މެދުރާއްޖެތެރެއާއި މި ސަރަޙައްދުތައް ހިމެނޭގޮތަށް ހަތް ރަށަކީ، އެންމެ ބޮޑަށް ތަރައްޤީ ކުރެވޭ އަރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅައިގެންކަން ރާއްޖެ ތަރައްޤީ ކުރެވޭނީ. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް މުއްސަނދިކަމާއި، ކޮންމެ ރައްޔިތެއްގެ މިނިވަންކަމާއި، އަމިއްލަވަންތަކަމާއި، ފުދުންތެރިކަން އެންމެންނަށް ހަމަހަމަކަމާ އެކީގައި ހޯދައިދެވޭނީ މި ވިސްނުމުގައި ކަމަށްވާތީ، އަޅުގަނޑު އެ ވާހަކަ ދެންނެވީ. އެގޮތަށް މަސައްކަތް ކުރަން ބޭނުންވާތީ. އަދި ރައްޔިތުން އެކަން ބަލައިވެސްގަތީ.

އެހެންވީމާ، މި ވިސްނުމުގައި މަސައްކަތްކުރާއިރުގައި، ރާއްޖެއަށް ދަތިވެފައިވާ ބޮޑެތި ހުރިހާ މައްސަލަތައް ޙައްލުކުރުމުގައި، ދުރު ރާސްތާގެ ވިސްނުމުގައި ބަލާއިރުގައިވެސް އެންމެ އިސްކަން ދޭން މިޖެހެނީ މި ދެންނެވި ތަންތަނަށް. އެގޮތުން، އެންމެބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ދެންނެވީ، ރާއްޖޭގެ މިނިވަންކަމަށް ދިމާވެފައިވާ ކަންކަމުގެ މައްސަލަ ޙައްލުކުރުމުގެ އިތުރުން، އެންމެ ބޮޑަށް އަޅުގަނޑު އިސްކަންދޭނީ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށޭ، ބޯހިޔާވަހިކަމަށޭ. އާދެ، އެހެންވީމާ، މި ދެންނެވި ސަރަޙައްދުތަކަށް އެކަމުގައި އެންމެ ގިނަ މަޝްރޫޢުތައް ދާނީ. އެންމެ އިސްކަންދޭނީ. އާދެ، ދަންނަވަން މިއުޅޭ ވާހަކައަކީ، ދެންމެ މި ދެންނެވި ހަތް އަރބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ. އަތޮޅު އޭދަފުށި ކަމަށް.

އެހެންވީމާ، ގެދޮރުވެރިކަމުގެ މި ބޮޑު މައްސަލަ ޙައްލުކުރާއިރުގައި، އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުގައި މާލެ ސަރަޙައްދު ފިޔަވައި، އަޅަން ކަނޑައަޅާފައި މިއޮތް ސާޅީސްހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގައި، އެންމެ އިސްކަން ލިބޭ އެއްރަށް ކަމުގައި މި ރަށް ހަމަޖެހިގެންދާނެ. ދާއިރާގެ ޢިއްޒަތްތެރި މެންބަރު މިހާރުވެސް ހައުސިންގ މިނިސްޓަރާ އެކީގައި އެކަމުގެ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަވާ. އިރާދަކުރެއްވިއްޔާ ބަޖެޓުގައި ކަނޑައެޅިފައިވާ މަޝްރޫޢަށް އަދި ޑިވެލޮޕަރ ފައިނޭންސް މޮޑެލްގެ ތެރެއިންނާ އެކީގައި، މި ރަށަށް ބޭނުންވާ ޢަދަދަށާއި އަދި މި ދެންނެވި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށްޓަކައި އާބާދީ ބޮޑުކުރުމާ އެކީގައި، ބޭނުންވާވަރަށް، މަދުނުވާވަރުގެ ބޮޑު ހައުސިންގ މަޝްރޫޢެއް މި ރަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގައިދޭނަން.

އާދެ، މި ރަށުގެ ބިން ކޮންމެގޮތެއްވިޔަސް ހިއްކޭނެ އެންމެ ބޮޑަކަށް އެއޮތީ ހިކިފައި. އެހެންވީމާ، ދެން އިތުރަށް ބިން ބޭނުންވަންޏާ ޖެހޭނީ ރަށެއް ހޯދަން. އަޅުގަނޑު ކެމްޕެއިން ތެރޭގައި ވަޢުދުވެ، މާއްޑޫގެ ވާހަކަ ދެންނެވިން. ދެން އަޅުގަނޑު ދެންމެވެސް މި ދެންނެވީ، އަޅުގަނޑު ވީ ވަޢުދެއްވިއްޔާ ވީ، ރައްޔިތުން އަޅުގަނޑަށް އެ ވަޢުދު ފުއްދަން ހަވާލުކޮށްފިއްޔާ، ވަޢުދު ފުއްދޭނެކަމުގެ ޔަޤީންކަން އޮތީމައޭ. އެއްވެސް ވަޢުދަކުން އަޅުގަނޑު ރެކިގެން ފަހަތަކަށް ނުޖެހޭނަމޭ. އެކަން ކުރުމުގެ ހެޔޮ ނިޔަތުގައޭ ވަޢުދުވީ.

އެހެންވީމާ، މިރޭ އަޅުގަނޑު އިޢުލާނު ކުރަން، އިރާދަކުރެއްވިއްޔާ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ އަޅުގަނޑުމެން ހަމަޖައްސައިފިން. މި ހަފްތާ ތެރޭގައި އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލުކުރާނަން. އާދެ، ދެން އެ ރަށުގައި އޭރުން ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި، ދެން މިހިރަ ހުރިހާ ކަމަކަށް އެ ރަށް ޕްލޭންކޮށްގެން، ކައުންސިލާއި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދަންވީ ހުރިހާ ކަމެއް، ކައުންސިލުން ކުރިއަށް ގެންދަވަންވީ. އިރާދަކުރެއްވިއްޔާ އެއީ، ތިޔަބޭފުޅުންގެ ކުރިމަގަށް މުހިންމު ރަށެއް.

އާދެ، މީގެއިތުރަށް، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރަންހުރި ގިނަ ކަންތައްތައްވެސް އެބަހުރި. އެ ހުރިހާ މަސައްކަތްތަކެއްގައިވެސް ވަރަށް އިސްކަންދޭނަން. ހިނގަމުންދާ މަޝްރޫޢުތައްވެސް އަދި ފަށަން ޖެހިފައި ހުރި ގިނަ މަޝްރޫޢުތައްވެސް އެބަހުރި. ބަނދަރުގެ މަސައްކަތް، މަގުހެދުން، މިހެންގޮސް ގިނަ މަސައްކަތްތައް އެބަހުރި. ތަޢުލީމީ ދާއިރާއިން އެންމެމަތީ ހަރުފަތަށް ދިޔުމަށް ކެމްޕަސް ޤާއިމުކުރުމާ، މިފަދަ ގިނަ ކަންތައްތައް ކުރަން އެބަހުރި. ކުޅިވަރުގެ ދާއިރާއިން ކުރަންހުރި އެންމެ މަތީ ފަންތިއަށް، ކުޅިވަރުގެ ފެސިލިޓީތައް ޤާއިމުކުރުންވެސް އެބައޮތް.

އަޅުގަނޑު ދެންމެ މި ދެންނެވި ވިސްނުމުގައި، މި ހުރިހާ ކަމެއް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން މިދެނީ. އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ރަށެއްގައި އަންނާނެ އެންމެ މަތީ ފަންތީގެ ހުރިހާ ކަންތައްތައް، މި ފަސް އަހަރުގެ ތެރޭގައި މި ރަށަށް ގެންނާނަން އިރާދަކުރެއްވިއްޔާ.

އާދެ، ހުރިހާ ވާހަކައެއް އެއްކޮށްލާފައި، ވަރަށް ކުރުކޮށް މި ދެންނެވީ، އެހެންވީމާ، އެއްވެސް ބޭފުޅަކު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް، ވަކި މަޝްރޫޢެއްގެ ނަން އަޅުގަނޑު މިތާނގައި ދެންމެ ނުދެންނެވިގެންނެއް. ހުރިހާ ކަމެއް ޝާމިލްވާގޮތަށް އަޅުގަނޑު މި ވާހަކަ މި ދެންނެވީ.

މިކަމުގައި ހަމަ އަޅުގަނޑަށް މަޝްވަރާ ދެއްވުމުގައި، މިހާރުވެސް މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަލީމް، ޢިއްޒަތްތެރި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ވަރަށް ފުރިހަމައަށް ދައުރު އަދާކުރައްވާ. އަޅުގަނޑު ކުރިން ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި، ގާތްގަނޑަކަށް ހަތް އަހަރު، އޭރުގައިވެސް ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ހަމަ އަބަދުވެސް ދާއިރާގެ ކަންތައްތަކުގައި އަޅުގަނޑު ގާތަށް ވަޑައިގަންނަވާނެ. އެންމެ ގިނައިން އަޅުގަނޑު ގާތުން ދާއިރާއަށް ކަންކަން ކޮށްދިނުމުގައި ގުޅުއްވައި ކަންކަން ހިންގުމުގައި އަދި ކަންކަން ހަމަޖެއްސުމުގައި މަސައްކަތް ކުރައްވާ. އޭރުގައިވެސް އަޅުގަނޑު ހަނދާން އެބަހުރި، 2012 އިން ފެށިގެން 2018 އާ ދޭތެރޭ އެދިޔަ މުއްދަތުގައި ހަމަ ވަރަށް ލާމަސީލު މަސައްކަތްތަކެއް ކުރެއްވިކަން ހަމަ ފާހަގަކޮށް، އެކަމަށް ހަމަ ޢިއްޒަތްތެރި މަޖިލިސް މެންބަރަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ، ވަކި މި ރަށަށް ޚާއްޞަ ވާހަކައެއް ނޫން. މުޅި ރާއްޖެއާ ގުޅިފައިވާ ކަމެއް. އާދެ، އަޅުގަނޑުމެން މިގޮތަށް ރާއްޖޭގެ ތަރައްޤީ ބައްޓަންކުރަމުން ދާއިރުގައި، ރައްޔިތުންނަށް ފަސޭހަވާނެކަހަލަ، ލުއިވާނެ ކަންތައްތައްވެސް ކުރެވޭތޯ ބަލަމުން މިދަނީ. އަޅުގަނޑު މިއަދު އެހެން ރަށެއްގައި އިޢުލާނު ކުރިން، ރަށު ޕިކަޕްގެ ފީ އުވާލާ ވާހަކަ. 1800 ރުފިޔާ ނަގާ ކަމެއް މިއީ. މި އަންނަ މަހުން ފެށިގެން ދެން އެ ފީ ނުނަގާނަން. އިރާދަކުރެއްވިއްޔާ އެ އުވިގެން އެދިޔައީ.

ދެން އަޅުގަނޑު އިޢުލާނު ކުރިން، އޭގެ ދެތިން ދުވަސް ކުރިން، ކައުންސިލްތަކަށް ލުޔެއް ދިނުމުގެ ގޮތުން. ކައުންސިލްތަކުން ކަރަންޓް ބިލް ދައްކާއިރުގައި، މިސްކިތްތަކަށް މިހާތަނަށް ޗާޖް ކުރަމުން އަންނަނީ، މި ކިޔާ ގަވަރންމަންޓް ރޭޓްގައި. އެހެން ނަމަވެސް، ދެން މިމަހު، މިހާރު
މި ފެށުނު މަހު، މާރިޗު މަހުން ފެށިގެން ބިލްކުރާނީ ޑޮމެސްޓިކް ރޭޓުގައޭ. އޭރުން ވަރަށްބޮޑު ތަން ކުޑަވެ، ކައުންސިލްގެ ކުޑަކުޑަ ބަޖެޓުން ސަލާމަތްވާނެ ފުދޭވަރެއްގެ އެއްޗެއް. އެއީވެސް ކައުންސިލްތައް ހިންގަން ފުރުޞަތު ދިނުމަށްޓަކައި. އެއިން ފައިދާވާނީ ރައްޔިތުންނަށް.

އެހެންވީމާ، މިކަހަލަ ލުއިތައް ރައްޔިތުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން ދެވޭތޯ މި ބަލަނީ. އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރަމުން، ޚަރަދުތައް ވީހާވެސް ރަނގަޅަށް ސްޓްރީމް ލައިން ކުރަމުން، އަޅުގަނޑުމެންގެ ބޭރާއި އެތެރޭގެ ދަރަނިތައް ދައްކަމުން، ޑޮލަރު އެކައުންޓަށް، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުން، ފައިސާ ޗާޕްނުކޮށް، ސެޓްލްމަންޓް ކޮމިޓީ އުވާލައި، ބަދަލުގެ ގޮތުގައި މީހުންނަށް ދެމުންދިޔަ ރައްޔިތުންގެ ފައިސާތައް ދިނުން ހުއްޓާލައި، މިކަންކަން މިކުރަނީ. އެހެންވީމާ، އައި.އެމް.އެފް.އިންވެސް ބަލައިގަތީ އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ.

މި އަންނަ ރަމަޟާން މަސް، ދެތިން ދުވަސް މިއޮތީ ބާކީ. ރަމަޟާން މަހު ޢާންމުކޮށް ކަރަންޓް ބިލާއި ފެން ބިލް ވަރަށްބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. ޢާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނަޔަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. ޢާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ. މިހާރު ފެނަކައާއި ސްޓެލްކޯއަށް އަޅުގަނޑު ދަންނަވާފައިވާނެ. އެމް.ޑަބްލިޔޫ.އެސް.ސީ.އަށްވެސް ދަންނަވާފައިވާނެ. އަދި އެ ތިން ކުންފުނީގެ ވެރިންވެސް އަޅުގަނޑަށް އެކަމުގެ ޔަޤީންކަން ދެއްވައިފި. އިރާދަކުރެއްވިއްޔާ ފެން ބިލްވެސް ޢާންމު މަހެއްގައި ހުންނަވަރަށް. ކިތަންމެ ލޯޑް ބޮޑުވިޔަސް، އިތުރަކަށް ނުނަގާނަން ރައްޔިތުންގެ އަތުން އެއްޗެއް ކަރަންޓް ބިލަކުންވެސް. އެއީވެސް ރައްޔިތުންނަށް ލުޔެއް ދޭންވެގެން. ދެން ސްޓެލްކޯ އެމް.ޑީ. އަޅުގަނޑު ގާތުގައި ވިދާޅުވި، އެ ބޭފުޅުން ފެނުގެ ޚިދުމަތްދޭ ހައެއްކަ ރަށް ރާއްޖޭގައި އޮންނާނެއޭ. އެ ރަށްތަކުން މިހާތަނަށް ނަގަމުން އަންނާނެ 30 ރުފިޔާގެ ޗާޖެއް. އެ 30 ރުފިޔާގެ ޗާޖުވެސް، އެ ބޭފުޅުން ފެނުގެ ޚިދުމަތްދޭ އެ މަދު ރަށްތަކުން ހަމަ އުވާލާން ނިންމައި، އެކަންވެސް އިޢުލާނު ކުރާށޭ. އެހެންވީމާ، އަޅުގަނޑު އެކަންވެސް މިރޭ އިޢުލާނު ކުރަން. މި އަންނަ މަހުން ފެށގެން އެކަންވެސް އުވާލެވިގެންދާނެ.

އާދެ، މިފަދަ ލުއިތައް ރައްޔިތުންނަށް ދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ރައްޔިތުން ތިބީ ވަރަށް ހާލުގައި. ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ހާލުގައި. އެހެންވީމާ، މި ދެންނެވި ގޮތަށް، އިޤްތިޞާދުގައި ބުންވަރު ޖައްސަމުން، ރައްޔިތުންނަށް ލުއިދެމުން ދެވޭތޯ މި ބަލަނީ.

މި ރަމަޟާން މަހު އަޅުގަނޑުމެން، އަޅުގަނޑު ވަޢުދުވީ ގޮތަށް، ކޮންމެ ގެޔަކަށް، ކޮންމެ ގޭބީސީއަކަށް، ރަމްޒީ އެއްޗަކަށްވާނީ. އެހެން ނަމަވެސް، ކޮންމެވެސްކަހަލަ ފައިދާއެއް ކުރާނެ. ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް، 10 ކިލޯގެ އެބަ ހަވާލުކުރަން ހަދިޔާއެއްގެ ގޮތުގައި. އެވެސް ހަމަ ކޮންމެވެސް އެހީއަކަށް، އެހީތެރިކަމަކަށް އެކަން ވާނެ ކަމަކަށް ވާނެ. ޚާއްޞަކޮށް، ނިކަމެތި، އެންމެ ނިކަމެތި ޢާއިލާތަކަށް. އެހެންވީމާ، މިހާރު އެސް.ޓީ.އޯ. އިން އެ ތަކެތި ގެނެސް ކައުންސިލްތަކާ ހަވާލުކުރުން، މި ފެށޭ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދާނެ. އޭރުން ކޮންމެ ގޭބީސީއަކަށް އެ ކައުންސިލަކުން ހަވާލުކުރުން ކުރިއަށް ގެންދާނެ.

މިފަދަ އެކި ކަހަލަ ލުއިތައް ދެވޭތޯ އަޅުގަނޑުމެން މި ބަލަނީ. ރައްޔިތުންނަށް ކޮންމެވެސްކަހަލަ ބްރީތިންގ ސްޕޭސްއެއް، ކަންކަމުގައި ތަންކޮޅެއް ހިތްހަމަޖެހިލައިގެން، ހިންދެމިލައިގެން ނޭވާއެއްލެވޭތޯ ފުރުޞަތު ދޭން. އާމްދަނީ އިތުރުކުރުމުގެ ފުރުޞަތުތައް ފަހިވަމުންދާވަރަކަށް މުއްސަނދިކަން އިތުރުވެގެންދާނީ. މި ދެންނެވި ގޮތަށް، ދެންމެ މި ދެންނެވި ގޮތަށް، މި ރަށުގެ ބައެއްގެ ގޮތުގައި، މާއްޑޫ ތިޔަބޭފުޅުން ބޭނުންކުރައްވަން ފެށްޓެވީމާ، ތިޔަބޭފުޅުންނަށް ސީދާ އެއިން އިޤްތިޞާދީ ފައިދާވާން ފަށާނީ.

ހަމަ އެގޮތަށް، ރާއްޖޭގެ ކޮންމެ ކައުންސިލަކަށް، އަޅުގަނޑުމެން ރަށެއް އެބަ ދެން. މާއްޑޫ މި ހަވާލުކުރަނީ ވަކި އެގްރީމެންޓެއްގެ ދަށުން ދާއިމަށް. އެހެން އެގްރީމެންޓަކުން 10 އަހަރަށް މިހާރު މިއޮތީ ކައުންސިލަށްދޭ ރަށް. އަޅުގަނޑު 25 އަހަރަށް ބަދަލުކުރަން ނިންމާފައި އޮންނާނެ. ކޮންމެ ރަށަކަށް ރަށެއް ހަވާލުކުރަން ނިންމާފައި އޮންނާނެ. ކޮންމެ ކައުންސިލަކަށް. އެ ކައުންސިލާ ހަވާލުކުރާ ރަށުގައި، އެ ރަށުގައި އެ ރަށުގެ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެކަހަލަ މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ދޭން. އެހެންވީމާ، އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު އެއޮތީ ހުޅުވައިލެވިފައި. ބޭނުމަކީ ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދިނުން. ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުން. އެހެންވީމާ، ޕްރައިވެޓް ސެކްޓަރ ލީޑްކުރާ އިކޮނޮމީއެއް ރާއްޖޭގައި މިހާރަށްވުރެ ފުޅާކުރުމަކީ މީގެ ބޭނުން. އޭރުން ރައްޔިތުންނަށް، ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންގެ މަސައްކަތުން ހޯދޭނެ މަގު ސަރުކާރަށް އެ މަގުފަހިކޮށްދެވުނީ. އެހެންވީމާ، އެ މަގުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައިވެސް ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އާދެ، އަޅުގަނޑު ގަސްތުކުރި ގޮތަށް، އިރާދަކުރެއްވިއްޔާ މި ރަމަޟާން މަހުގެ ފުރިހަމަ ބޭނުން ތިޔަބޭފުޅުންނަށް ހިފޭގޮތަށް އަޅުކަމުގައި ހޭދަކުރަން ފުރުޞަތު ދޭން އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ. އެގޮތަށް މިހާރު އެއޮތީ ފަހުދިހަ ބަންދުކުރަން ނިންމައި ބަންދުކޮށްފައި. އޭރުން އަޅުގަނޑު ގަބޫލުކުރަނީ، މި މާތް މައްސަރުގެ ފުރިހަމަ ބޭނުން ރައްޔިތުންނަށް ހިފަން ފަސޭހަވެގެންދާނެ ކަމަށް. ވަރަށްގިނަ ބޭފުޅުންނަކީ ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން. އަދި ފަހުދިހައިގައި ހަމަ ވަރަށްގިނަ ވަގުތު އަޅުކަމުގައި ހޭދަކުރައްވާނެ.

ދެން މިހާރު މިވީގޮތުން، ރޯދަމަސް ނިންމައި، 10 ދުވަސް ފަހުން އިންތިޚާބު އޮންނާތީ، ކެންޑިޑޭޓުންނަށް ވަރަށްބުރަވެގެންދާނެ، ކެމްޕެއިން ކުރުމުގައި. ދެން އެއީ، މިހާރު ދެން އެވޮއިޑް ކުރެވޭނެ ކަމެއް ނޫން. އެކަން ހިނގާނެ. އެހެން ނޫންނަމަ، މި މަސް ވެގެންދާނީ މިއިން ދުވަހަކު ރައްޔިތުންނަށް ފުރުޞަތު ނުލިބޭގޮތަށް، ވަޒީފާއަކަށް ދާންނުޖެހި، އަޅުކަމުގައި ފަހުދިހައެއް ޚާއްޞަކޮށް އެކީގައި ހުސްކުރެވޭނެ މަހަކަށް.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ބޭނުމެއްނުވި، އެ ފުރުޞަތު ރައްޔިތުންނަށް ދޭކަށެއް، ކޮންމެހެން ރަމަޟާން މަހު. އެއީ، އަޅުގަނޑަށް މާނަ ނެގޭގޮތް. މާފުކުރައްވާތި. ފަހު ދިހައެއްގައިވެސް ކެމްޕެއިންގައި އުޅެން މަޖުބޫރުވެފައި މިހާރު މިއޮތީ. ކޮންމެއަކަސް ރަމަޟާން މަސް އަޅުގަނޑު ގަބޫލުކުރަނީ، މިހާރު ގައިމުވެސް އެހެން އުޅެންޖެހުނަސް ކުރިއަށްވުރެ ގިނަ ވަގުތު ލިބޭނެއޭ ވަޒީފާއަށް ދާން ނުޖެހޭތީ. ރަމަޟާން މަހުގެ ފަހު ދިހައެއް އަމުދުން އަޅުކަމުގައި އުޅެން.

އެއަށްފަހު، ދެން ޢީދު. އަޅުގަނޑު ވަޢުދުވީ އަނެއް ކަންތައް އެއީ. އަޅުގަނޑު މާލޭގެ މޭޔަރަކަށް ހުރިއިރުގައި، ޢީދުގައި، މާލޭގައި ޢީދަށް ދިއްލައި ރީތިކުރީމަ، އެއިން ކުޑަކުދިންނަށް ޚާއްޞަކޮށް، ޒުވާނުންނަށް ޚާއްޞަކޮށް، ދުވަހަކުވެސް ރާއްޖޭގައި ނުފެންނަ ކަމެއް ފެނުނީމަ، އެ ލިބުނު ދީންދެކެ ލޯބިވުމުގެ އިޙްސާސް، މުސްލިމަކަށްވީތީ ފަޚުރުވެރިވުމުގެ އިޙްސާސް ވެގެންދިޔަތަން އަޅުގަނޑަށް ފެނުނު. ޢީދުގެ އިޙްސާސްވި. އަމުދުން ތަކުބީރުގެ އަޑުއިވުނީމަ. އަޅުގަނޑު ވަޢުދުވީ، ދެން އަންނަ ކޮންމެ ޢީދެއްގައި، ރާއްޖޭގެ ވެރިކަންކުރާ ކޮންމެ ރަށެއްގައްޔާއި، ކޮންމެ ސިޓީއެއްގައި އެކަން ކުރާނެ ކަމަށް. އޭގެތެރޭގައި މި ރަށް ހިމެނޭ. އެކަން ކުރަން ނިންމައި، މި ފެށޭ ހަފްތާގެ ތެރޭގައި ރާއްޖެއަށް އެ ތަކެތި އަންނާނެ. އައިމަ މި ދަންނަވަނީ މި ދިއްލާ ހުރިހާ ލައިޓްތަކެއް އަންނަ ވާހަކަ. އައިމަ އަޅުގަނޑުމެން މި ރަށު ކައުންސިލާވެސް ހަވާލުކުރާނަން. މި ރަށަށް ބޭނުންވާ ޢަދަދަށް އޭރުގައި ކައުންސިލާ މަޝްވަރާ ކުރެވިގެން ކޮން މަގެއްގައިތޯ ލައިޓް ދަމާނީ މިހާރު އޮތީ ނިންމާފައި ކައުންސިލުން. އެހެންވީމާ، އެ މަގުތަކުގައި ލައިޓް ދެމޭނެ. ލައިޓް ހަރުކުރެވޭނެ. ތަކުބީރުވެސް އަޑުއިވޭގޮތަށް ސައުންޑް ސްޕީކަރާ އެކީގައި އެއީ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ޢީދު ވެގެންދާނީ، މިފަހަރު މާލޭގައި އެ އިޙްސާސް ކުރެވުނު އިޙްސާސް ތަކުރާރުވާ ޢީދަކަށް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެއީވެސް އަޅުގަނޑުމެން ބޭނުންވީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ދެ ޢީދު މި އަންނަނީ އަޅުގަނޑުމެން އެ އުފާފާޅުކުރަން ކަމަށްވާތީ. އެ އުފާ ފާޅުކުރުމުގެ އިޙްސާސް ކޮށްދިނުމަށްޓަކައި ކުރެވިގެންދާ ކަމަކަށް ހަދަންވެގެން. އިރާދަކުރެއްވިއްޔާ އެކަން ރާއްޖޭގައި މިފަހަރު ވާނެ. ދެން އެއީ، ތަކުރާރުވާ ކަމަކަށްވާނީ. ދެ ޢީދުގައިވެސް އެކަން ވާނެ އިރާދަކުރެއްވިއްޔާ.

އާދެ، އަޅުގަނޑުމެންނަކީ އިސްލާމުން. މާތްވެގެންވާ އިސްލާމްދީނުގައި މިތިބީ. އަޅުގަނޑު ނަމާދުކުރަން ބާރުއެޅީމަ، ފަތިސް ނަމާދަށް ޖަމާޢަތުގައި ދާން ބާރުއަޅައި ވާހަކަ ދެއްކީމަ ޙައިރާންވި. ދެން އެކަމުގައި ދެން ކުރާނެ ކަމެއް ނެތް. މަލާމާތްކުރި ބަޔަކުވެސް އެބަތިބި އަޅުގަނޑުމެންގެ ތެރެއިން. ޚާއްޞަކޮށް، ސޯޝަލް މީޑިއާގައި. އެއީ ދެން އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނާ އިދިކޮޅު ބައެއް މީހުންގެ ވިސްނުން ހުރިގޮތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިސްލާމްދީނަށް ނަޞްރުދޭން ގޮވާލުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ފަޚުރަކަށްވާންޖެހޭނެ. ވާޖިބެއްގެ ގޮތުގައި ދެކެންޖެހޭނެ. އެކަން ކުރާހިތްވާންޖެހޭނެ. އެއީ، އަޅުގަނޑުމެން ކޮންމެ މީހަކީ، އަޅުގަނޑުމެންގެ މައްޗަށް އެހެން މީހުންނަށް އިސްލާމްދީން ފޯރުކޮށްދީ، ނޫނީވިއްޔާ އޭގެ ފުރިހަމަކަން ބުނެދިނުމުގެ ޒިންމާ އޮތް މީހަކަށްވާތީވެ. އެ މީހަކަށް ވީ މިންވަރަކުން އެކަން ކުރުން.

އެހެންވީމާ، އަޅުގަނޑު އެކަން ކުރަން ނިންމައި، މި ހުރިހާ ކަމެއް މި ކުރަނީ. ކުރަން ފެށީމަ، އަޅުގަނޑުމެންނާ އިދިކޮޅު މީހުން، އެކި ގޮތްގޮތުން އަޅުގަނޑު ޑިސްކްރެޑިޓް ކުރަން މަސައްކަތް އެބަކުރޭ. އިސްލާމިކް އެކްސްޓްރީމިސްޓެކޭވެސް އެބަކިޔާ. ބޭރުގެ ބައެއް ނޫސްތަކުގައި ފެންނާނެ. އަޅުގަނޑަށް މައްސަލައެއް ނެތް އެހެންކިޔަސް. ރައްޔިތުންނަށް ޙަޤީޤަތް އެނގޭނޫންތޯ. މިއީ ފަޚުރުވެރި އިސްލާމީ ޤައުމެއް. މި ޤައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި ސިފަތަކާއި، އިސްލާމީ ހަމަތަކުގެ މަތިން މި ޤައުމުގެ ޒުވާނުންނާއި ކުޑަކުދިން އުޅޭތަން، އިސްލާމްދީނަށް ލޯބިކޮށްގެން، ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކޮށްގެން، މައިންބަފައިންނަށް ޙުރްމަތްތެރިކަމާ އެކީގައި، އަދަބުވެރިކަމާ އެކީގައި، މައިންބަފައިން ބުނާގޮތަށް އުޅެ، ބޮޑެތި މީހުންނަށް އިޙްތިރާމް އަދާކޮށް، މުޖުތަމަޢުގައި ރިވެތި އާދަތައް އަށަގަނެ، ތަންކޮޅެއް ކުރިން ރާއްޖޭގައި އޮތްގޮތަށް، އިސްލާމްދީނުގައި އޮތް ރީތި ސިފަތަކުގެ މަތީގައި އާދަކާދަތައް ޢާންމުވެފައިވާ މުޖުތަމަޢަކަށް ވެގެންދިޔުމަކީ، އަޅުގަނޑު ދެކެން ބޭނުންވާ ގޮތް. އަޅުގަނޑު އެދެނީ އެގޮތުގައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން.

އިރާދަކުރެއްވިއްޔާ، މި އަންނަ ރަމަޟާން މަސް މިއީ އެކަމަށް ލިބޭ ވަރަށްބޮޑު ރަނުގެ ފުރުޞަތެއް. އަޅުގަނޑު އެދެން، ހުރިހާ ރައްޔިތުންވެސް، އެ ބޭފުޅެއްގެ ތުއްތުކުދިން ގޮވައިގެން ބަރާބަރަށް ފަސްވަގުތު ނަމާދަށް ވަޑައިގެން ދެއްވުމަށް. އަދި އަމުދުން އެއްވެސް ފަތިސް ނަމާދެއް ޖަމާޢަތް ދޫކޮށްނުލައްވައި، މިހާރުއްސުރެވެސް އެކަން ފެށްޓެވުން. ރަމަޟާން މަހު ވަރަށް ފަސޭހަވާނެ މިކަން ކުރައްވަން. އެ މަހު އެކަން ފަރިތަކުރައްވައިގެން، ދެން އެކަން ދޫކޮށްނުލައްވައި، ކޮންމެ ދުވަހަކުވެސް އެކަން ކުރެވޭތޯ ބައްލަވަންވީ. ރަނގަޅު ފެށުމަކުން ފެށީމާ ކަންކަން ދާނީ ރަނގަޅަށް.

އެހެންވީމާ، އެކަން ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރެއްވުމަށް ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންނަށް ޤައުމަށް ސަލާމަތެއް އޮތީ اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައިވާ ގޮތަށް ކަންކަން ކޮށްގެން. އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى އެކަމުގެ އެންމެ މަތިވެރި ނިޢުމަތް ދެއްވާފައިވަނީ. އަޅުގަނޑުމެންނަކީ، 100 ޕަސެންޓް އިސްލާމީ ޤައުމެއް. އެހެންވީމާ، މިކަމާ އަޅުގަނޑުމެން ލަދުގަންނާނެ ކަމެއްނެތް. ފަޚުރުވެރިވާންވީ. ފަޚުރުވެރިވެގެން އަޅުގަނޑުމެންގެ ދީން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަންވީ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބީ ލިބޭނެ.

އެހެންވީމާ، އިސްލާމްދީނަށް ނަޞްރުދީ، މިނިވަންކަން ޔަޤީންކޮށްދިނުމަށްވުރެ ބޮޑު ކަމެއް އަޅުގަނޑަކަށް ނެތް. މިނިވަންކަން ޔަޤީންކުރުމަށްޓަކައި މިހާތަނަށް ކޮން ކަމެއްތޯ ކުރެވުނީ؟ ހަމަ ހަނދާން އާކޮށްލަދިނުމުގެ ގޮތުން ދަންނަވާލާނަން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރެއްވި، ބޭރުގެ ސިފައިން މިތަނުން ބާލަން. މިތާ ތިބީ އިންޑިއާ ސިފައިން. އެއީ، ކޮންމެ ޤައުމެއްގެ ސިފައިންނަށްވިޔަސް، މިތަނުގައި ތިބެގެން ނުވާނެއޭ ރައްޔިތުން ނިންމީ. ދެން ކަން ދިމާކުރިގޮތުން އިންޑިއާ ސިފައިން މިތާތިބީ. އެހެންވީމާ، އިންޑިއާ ސަރުކާރުގައި އަޅުގަނޑު ދެންނެވީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މެންޑޭޓެކޭ މިއީ. މިތަނުގައި ތިޔަބޭފުޅުންގެ ސިފައިން އެބަތިއްބޭ. ގެންދަވާށޭ. ހަމަޖެހޭ އުޞޫލަކުން ގެންގޮސްދެއްވާށޭ. އިރާދަކުރެއްވީތީ އެކަން އެއޮތީ ކާމިޔާބުވެފައި. ޑިޕްލޮމަސީގެ ރީތި އުޞޫލުތަކުގެ ތެރެއިން ވާހަކަ ދައްކައިގެން، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އެކަން ކުރިއަށް ގެންދިޔައިމަ، އެކަން އިރާދަކުރެއްވީތީ ކާމިޔާބުވެ، އިމްޕްލިމެންޓް ވާން ފެށިފައި އެއޮތީ. ޢަމަލީ ސިފަ ޖެހެން ފެށިފައި އެއޮތީ. މިހާރު ލިޔެކިޔުމަށް ތިރިކުރެވި، ސޮއިކުރެވިފައި އޮތް ލިޔުމުގައި އޮތްގޮތަށް އެކަން ކުރިއަށް އެދަނީ. މިހާރު މިއީ މާރިޗު މަސް. މާރިޗު މަހުގެ 10ގެ ކުރިން އެއް ބެޗް ފައިބާނެ. ދެން އޮތް ދެމަސް ތެރޭގައި، އެންމެ ލަސްވެގެން މޭ މަހުގެ 10 އާ ހަމަޔަށް، މިއޮތް ދެމަސް، މާރިޗު 10 ން މޭ 10 އަށް ބާކީތިބި އެންމެން ފައިބާނެ. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ.

ދެން މިކަންވެސް އަޅުގަނޑުމެންނަށް ކުރެވޭތީ، އަނެއްކާވެސް ދޮގުހަދާ މީހުންނަށް މި އާދަވެފައި ހުންނަނީ ދޮގުހަދަން. އެ މީހުން އެ ފައިބަނީކީ ނޫނޭ. ޔުނީފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ. މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފައްދައި، ދޮގު ފެތުރުމަކީ، އަޅުގަނޑުމެން ފުރުޞަތުދީގެން ވާނެ ކަމެއް ނޫން. އެއަށްވުރެ އަޅުގަނޑުމެން ވާންޖެހޭނެ، ލޯ ކުރިމަތިން މި ފެންނަ ޙަޤީޤަތް ގަބޫލުކުރާ ބަޔަކަށް. އަޅުގަނޑު ދައްކާ ވާހަކައެއް ދައްކާނީ ހިތުގެ އަޑިން. އެކަން ގަބޫލުކުރާ ގޮތަށް ބޭރުކުރާނީވެސް، ދަންނަވާނީވެސް، ދައްކާނީވެސް. ދެގޮތަކަށް ވާހަކައެއް ނުދައްކަން. ހިތުގައި އޮންނަ ގޮތަށް ބުނާނީ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ކޮންމެ ކަމެއް މި ދަންނަވަނީ، އެކަން ކުރަން ނިންމައި، ކުރަމުންދާގޮތަށް. އެހެންވީމާ، 10 މޭ އާ ހަމަޔަށްދާއިރުގައި، އިރާދަކުރެއްވިއްޔާ ރާއްޖޭގައި ނުތިބޭނެ އިންޑިއާގެ ސިފައިންނެއް. އެއީ، ޔުނީފޯމުގައިތޯ، ކުލަހެދުމުގައިތޯއެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައެއް، އިންޑިއާ ސިފައިންނެއް، އެއްވެސް ޤައުމެއްގެ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ އިރާދަކުރެއްވިއްޔާ. އެކަން ޔަޤީންކަމާ އެކީގައި ދަންނަވަން.

ދެވަނަ ކަމަކަށް، އަޅުގަނޑުމެންގެ ގެއްލުވާލި ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް މިކުރަނީ. އެކަން ކޮށްފައި އޮތީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް. އެހެންވީމާ، އިންޓަރނޭޝަނަލް ލީގަލް އެކްސްޕަރޓުން ހޯދައިގެން، އެ މަސައްކަތް އެބަ ކުރަން. އެކަން ކާމިޔާބުވާނެ ކަމަށް އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ޔަޤީންކަން އެބައޮތް. ނަމަވެސް، އަޅުގަނޑުމެން ހީކުރިވަރަށްވުރެ ގިނަ ވަގުތު ނަގަނީ، އެކަން ކޮށްފައި އޮތްލެއް ގޯސްކަމުން. ރައްޔިތުންގެ މަޖިލީހާ ހަމަޔަށްވެސް ނުގެނެސް އެކަން ކޮށްފައި އޮތީ. ޤާނޫނުއަސާސީއާ ޚިލާފަށް. އެހެންވީމާ، ކޮންމެގޮތެއްވިޔަސް އިންޓަރނޭޝަނަލް ލޯތަކުގެ ތެރެއިން އެ ކުރަންޖެހޭ މަސައްކަތް މި ކުރަންޖެހެނީ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑުމެން މިކުރާ މަސައްކަތް ވަރަށްބާރު ސްޕީޑްގައި އެބަ ގެންދަން.

ދެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް. އޭގެކުރިން އަޅުގަނޑުމެންގެ ކަނޑު އަޑި ސްކޭންކޮށްގެން، ކަނޑުއަޑީގެ ހުރިހާ މަންޒަރުތަކާއި ތަފްޞީލުތަކެއް އިންޑިއާ ސަރުކާރަށް ލިބޭގޮތަށް ހަދާފައި އޮތް އެއްބަސްވުން އާ ނުކުރަން އަޅުގަނޑުމެން ނިންމީ. އެއީ، އަޅުގަނޑުމެންގެ މުދާ. އަޅުގަނޑުމެންގެ ތަރިކަ މުދާ، އަޅުގަނޑުމެންގެ ކަނޑުއަޑީގެ ހުރިހާ ތަފްޞީލަކީ. އެ ތަފްޞީލު އެ ބޭފުޅުންނަށް ލިބޭގޮތަށް އެ ބޭފުޅުން ސްކޭންކޮށްގެން މެޕް ހެދުން. އަދި އަޅުގަނޑުމެން ގަންނަންވެސް ޖެހެނީ އެ ބޭފުޅުންގެ އަތުން. އެގޮތަށް ހަދާފައި އޮތް އެގްރީމަންޓެއް މިއީ. ދެން އަޅުގަނޑުމެން ނިންމީ އެކަން ނުކުރަން. އާ ނުކުރަން. ނުކޮށް މިހާރު އަޅުގަނޑުމެން އަމިއްލައަށް އެ ސްކޭންކުރާ މެޝިނާ އެއްޗެހި ގަންނަން. ސްކޭން މި ބޭނުންކުރަނީ އާދައިގެ ގޮތުގައި އިނގޭތޯ. ހައިޑްރޯގްރެފިކް ސަރވޭ އިކްއިޕްމަންޓްސް ހޯދަން ނިންމާފައި، މިހާރު ޑިފެންސް މިނިސްޓްރީން އެ ތަކެތި ހޯދަނީ. ހޯދައިގެން އަޅުގަނޑުމެން އަމިއްލައަށް ދެން އަޅުގަނޑުމެންގެ ކަނޑުއަޑީގެ ހުރިހާ ތަފްޞީލެއް ހޯދާނީ. ހޯދައިގެން އަޅުގަނޑުމެން އަމިއްލައަށް އެޗާޓުތައް ހަދާނީ. އެއީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ.

ދެން ކަނޑުގެ މި ސަރަޙައްދު، 9 ލައްކަ އަކަ ކިލޯ މީޓަރުގެ މި ބޮޑު ސަރަޙައްދު، ގާތްގަނޑަކަށް ފްރާންސްވަރުގެ ބޮޑު ޤައުމެއް ރާއްޖެއަކީ، ކަނޑުގެ މުޅި ސަރަޙައްދު ލައިފިއްޔާ. މި ބޮޑު ސަރަޙައްދުގެ ތެރެއިން އަޅުގަނޑުމެންނަށް މި ބެލެހެއްޓެނީ ގާތްގަނޑަކަށް އެއް ޕަސެންޓް. އެއީ، ރާއްޖޭގެ ރަށްތައް ހިމެނޭ ސަރަޙައްދު އެކަނި. އޭގެ ބޭރެއް ނުބެލެހެއްޓޭ. އެ ބޭރު، އެ ސަރަޙައްދު ކޮންމެ ބަޔަކު ބޭނުންކުރިޔަސް، އަޅުގަނޑުމެންނަކަށް ނޯވޭ ކުރެވޭނެ ކަމެއް. އަޅުގަނޑުމެންނަށް އެނގުނިއްޔާ އެނގުނީ. ބަޔަކު ބުނިއްޔާ އެނގެނީ. އެހެން ބައެއްގެ އެހީތެރިކަން ނުހޯދައެއް ނޯވޭ ކުރެވޭނެ ކަމެއް. އެކަމަކު އަޅުގަނޑުމެންގެ ޤައުމުގެ ބައެއް މިއީ. ކޮބައިތޯ އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމެއް މީގައި؟ އަޅުގަނޑުމެންގެ އެއްވެސް ބާރުވެރިކަމެއް، މިނިވަންކަމެއް އިޙްސާސްވޭތޯ. ނުވޭ.

އެހެންވީމާ، މިކުރާ ކަމަކީ އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމުގައި، އަމިއްލަ ކެޕޭސިޓީގައި، އަމިއްލަ ފައިމައްޗަށް ތެދުވެގެން، މި ބިޔަ ބޮޑު ކަނޑުގެ ސަރަޙައްދު އަޅުގަނޑުމެން ބަލަހައްޓަން ފަށާނަން. ބަލަހައްޓާނީ ކޮންމެ ވަގުތަކުވެސް އެ ބޮޑު ސަރަޙައްދުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބޭ ފެންވަރުގައި. ޓުވެންޓީ ފޯރ ސެވަންގައި ނޮން ސްޓޮޕްގައި އިރާދަކުރެއްވިއްޔާ ބަލަހައްޓާނަން.

އެހެންވީމާ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރުމުގެ މަސައްކަތް މިކުރަނީ. ދެން އިޤްތިޞާދީ މިނިވަންކަން ހާސިލުކުރުމުގެ މަސައްކަތް މިކުރަނީ. ވަކި ޤައުމަކަށް ގޮސް ހުސްވެ، އަޅުގަނޑުމެންގެ ލޯނުތައް ނަގާ ނަގާ ގޮސް މިއޮތީ ލައިން އޮފް ކްރެޑިޓާއި، އެކި ނަންނަމުގައި ދަރައި ހުސްވެފައި. އެކަން ނިމުމަކަށް ގެނެވޭތޯ މަސައްކަތް މިކުރަނީ. އެހެންވީމާ، މިކަހަލަ ގިނަގުނަ ގޮންޖެހުންތަކާ އެކީގައި، އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި ކުރެވޭ މަސައްކަތާއި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން މިތަނުގައި ކުރިއަރުވަން ކުރެވޭ މަސައްކަތް މިކުރަނީ.

އެހެންވީމާ، މި ހުރިހާ މަސައްކަތެއްގައި އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން، އެކައްޗެއް ކިޔާފައި އެބަޖެހޭ އެއްބައިވާން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ހެޔޮގޮތްތައް މެދުވެރިވެގެންދާނީ. އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެން ބޭނުންވާ މިޞްރާބުގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބައްޓަން ވެގެންދާނީ. އެއީ، އަޅުގަނޑުމެންނަކީ ފަޚުރުވެރި، މާތްވެގެންވާ އިސްލާމްދީންމަތީގައި މުޅި ޤައުމުގެ ހުރިހާ ކަމެއް ބައްޓަންވެގެންދާ ޤައުމެއް ކަމުގެ ޔަޤީންކަން ލިބި، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމުގައި، އަޅުގަނޑުމެންގެ މި ބޮޑު ބިޔަ ސަރަޙައްދު ބެލެހެއްޓޭ ބައެއް ކަމުގެ ޔަޤީންކަން ލިބި، އަޅުގަނޑުމެންގެ ކަނޑުއަޑީގެ ހުރިހާ މަޢުލޫމާތެއް އެއްކުރަނީ، އަޅުގަނޑުމެން އަމިއްލައަށް ކަމުގެ ހިތްހަމަޖެހުން، އަޅުގަނޑުމެންނަށް ޔަޤީންކަމުގެ ހިތްހަމަޖެހުން ލިބި، އަޅުގަނޑުމެންގެ އަމިއްލަ މަތިންދާބޯޓާއި، އަމިއްލަ ތަކެތީގައި، ކުއްލި ޙާލަތުގައި ބަލިމީހުން އުފުލޭނެ ކަމުގެ ޔަޤީންކަން ލިބިގެން ގޮސް، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމުގައި އަޅުގަނޑުމެންގެ ހުރިހާ ކަމެއް ކުރެވޭ ފެންވަރަށް ކަންތައްތައް ހަމަޖެހިގެންދިޔުން ބޭނުމަކީ.

މިހާރު މިކުރާ އަނެއް މަސައްކަތަކީ، ފުޑް ސެކިއުރިޓީގެ މަސައްކަތް. އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން ޤާއިމުކުރަން މަސައްކަތް ފަށާފައި މިއޮތީ. ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ހުރިހާ ބާވަތެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދުމުގެ ބޮޑު ޓާގެޓެއް ކަނޑައަޅައިގެން، އެ މަސައްކަތް ފަށައިފިން މިހާރު. އެހެންވީމާ، އެގޮތަށް އަމިއްލަ ބާރުވެރިކަމާ އެކީގައި، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ މިނިވަންކަން ޙަޤީޤަތުގައި އިޙްސާސް ކުރެވޭވަރަށް މަސައްކަތް ކުރުން. އެއީ، މިކުރާ މަސައްކަތަކީ. މިކަމުގައި ދިވެއްސަކަށްވީތީ ފަޚުރުވެރިވެ ބައިވެރިވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް.

އެހެންވީމާ، މިކަމުގައި ހުރިހާ ރައްޔިތުން އެކައްޗެއް ކިޔުމަކީ އަޅުގަނޑު އެދޭގޮތް. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އަޅުގަނޑުމެންނަށް މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިނުމަކީ ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑު އެދޭ ކަމެއް. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން. އެހެން ނޫނީވިއްޔާ ރައްޔިތުންގެ މަޖިލީހަކީ، ޤާނޫނު އޮންނަ ގޮތުން، ޤާނޫނުއަސާސީ އޮންނަ ގޮތުން، މިއިން ކޮންމެ ކަމަކަށްވެސް ހުރަސްއެޅޭނެ ތަނަކަށްވާތީ، ރައްޔިތުންނަށް އެންމެ ފުރިހަމަ ކަންކަން، އެންމެ ފުރިހަމަގޮތުގައި ނުވެ ހިނގައިދާނެ. މިދިޔަ ތިންމަސް ތެރޭގައި އެކަން ފާހަގަވެގެންދާނެ. އެއްވެސް އަސާސެއްނެތި، ސަރުކާރަށްވެސް، އަޅުގަނޑަށްވެސް، ކެބިނެޓަށްވެސް، ޙަޤީޤަތުގައި ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިކުރަމުންދިޔައީ. އެކަން އެގޮތަށް ތަކުރާރު ކުރުމުގެ ފުރުޞަތު ނުދެއްވުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި މިހާރު އޮތް ކަމެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފެހި ފަހި މާދަމައެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ކެރިގެން އެކަން ކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. އަޅުގަނޑުމެންގެ ޤައުމަކީ ތާއަބަދަށް މިނިވަންކަންމަތީގައި ދެމިއޮންނާނެ ޤައުމެއް ކަމުގައި މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.