މި ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި 7 އާބަން ސެންޓަރު ތަރައްޤީކުރާނެ ކަމަށާ، އޭގެ ތެރޭގައި އުނގޫފާރު ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުނގޫފާރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަން ސެންޓަރެއް ތަރައްޤީ ކުރައްވާނެކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި އެންމެ މުހިންމު ކަންކަން ފުއްދަވައިދެއްވާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިޤްތިޞާދު ވަރުގަދަކޮށް، ފަސޭހަކަމާއެކު އަނބުރާ ދެއްކޭނެ ލުއި ލޯނު ސްކީމް ތަޢާފަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސޯޝަލް ހައުސިންގއަށް ކުރެވެމުންދާ މަސައްކަތްތައް އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކުޅިވަރުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ، އިޖްތިމާޢީ ތަރައްޤީގެ ދާއިރާއާއި ދެންވެސް ހުރި އެކިދާއިރާތަކަށް ސަމާލުކަން ދީގެން އެކަންކަން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އުނގޫފާރަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ތިންވަނަ މަންޒިލެވެ.