ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފިންލެންޑުގެ ޓުއަރ އޮޕަރޭޓަރުންނާއި ބައެއް ވިޔަފާރިވެރިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ޓުއަރ އޮޕަރޭޓަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ، ސަރުކާރުގެ ތަރައްޤީގެ ބައިވެރިން ކަމުގައި ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުތަކާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ފަތުރުވެރިކަން ރާއްޖޭގައި މިހާރު ރަނގަޅުވަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފިންލެންޑުގެ މިނިސްޓަރ އޮފް އިކޮނޮމިކް އެފެއާޒް މިސްޓަރ މައުރީ ޕެއްކަރިނެން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ރޭ ފަރިއްކޮޅެއް ދެއްވިއެވެ. މިފަރިއްކޮޅުގައި ފިންލެންޑުގެ ބޮޑެތި ވިޔަފާރީގައި އުޅުއްވާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، ރާއްޖޭގައި ފިންލެންޑުގެ އިންވެސްޓަރުން ފުރުޞަތުތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ކާބަން ނިއުޓްރަލް ސިޔާސަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ފިންލެންޑާއެކު މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ފިންލެންޑުގެ އިކޮނޮމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަން އެކޯޑަށް އަމަލުކުރަން ފެށުމަށް ފިންލެންޑުންވެސް ބޭނުންވާ ކަމަށާއި، މިކަމުގައި ދިވެހި ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.