ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން މިރޭ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ. އަދި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަށް ހަދައިދެއްވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވުމަށާއި، ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ޒަމާނީ ފެންވަރުގެ އާ މިސްކިތެއް ބޭނުންވާކަމަށާއި، ސުކޫލުގައި ހުރި ޖާގައިގެ ދަތިކަން ފާހަގަ ކުރައްވައި، ސުކޫލުގައި މަލްޓިޕަރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ބަނދަރުގެ މަޝްރޫޢުގެ ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. ހަމަ އެއާއެކު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.