ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނެއްލައިދޫ ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މިހާރު ފަށާއިހުރި މަޝްރޫޢުތައް ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރަށުގައި ޞިއްޙީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ބޭނުވާކަމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ. ހަމައެއާއެކު ކަރަންޓު އުފެއްދުމުގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކައުންސިލުން އިސްނަގައިގެން ކުރާ މަސައްކަތްތައް ވިދާޅުވެދެއްވައި، ސަރުކާރުން، ކައުންސިލަށް މިކަން ކުރުމަށް ބާރުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިވާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ، ކޮމިޓީގެ މަސައްކަތްތަކަށް އޮފީސް ޖާގައިގެ ބޭނުންތެރިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން އޮތްގޮތް ބައްލަވައި، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.