بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މިއަދަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 13 އަހަރު ފުރި 14 ވަނަ އަހަރު ގުނަން ފެށޭ ދުވަސް. މި ދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މި ނިޒާމުގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައްދުކުރަން.
އެންމެ ޤަދީމީ ޒަމާނުއްސުރެވެސް ރާއްޖެ ހިންގާފައި ވަނީ، ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެދިޔަ ޒަމާންތަކުގެ ކަން ހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބައޮތް. އެހެންނަމަވެސް، ރަސްމީ ސިފައެއްގައި، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގާން ފެށުނީ، 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު. އެއީ، ރާއްޖޭގެ ޤާނޫނީ ޙަޔާތަށް ގެނެވުނު ވަރަށް މުހިއްމު ދުސްތޫރީ ބަދަލެއް. ވެރިކަން ހިންގުމުގައި، ރައްޔިތުންގެ ބަސް ހޯދުމަށް ކޮށުނު މުހިންމު މަގެއް. ސިޓީ ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ދެވޭ ޚިދުމަތްތައް ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރުތީބު ކުރުމަށް ލިބުނު ޤާނޫނީ ފުރުޞަތެއް.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގާކަން ކަށަވަރުކޮށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރާއި އިޚްތިޔާރު، އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުވާކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް. އަޅުގަނޑު ވަރަށް އިސްކަންދޭ ކަމެއް.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ލޯކަލް ކައުންސިލްތަކަކީ، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އެއް ފަށަލަ. ސަރުކާރުގެ ސިޔާސަތުތައް، ސިޓީ، އަތޮޅު އަދި ރަށުފެންވަރުގައި ތަންފީޒުކޮށް، ރައްޔިތުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ޚިދުމަތްތައް ވިލަރެސްކޮށް ބަލަހައްޓާ އިދާރާ. އެހެންކަމުން، ލޯކަލް ކައުންސިލްތަކުގެ އެންމެ މުހިންމު އެއް ދައުރަކީ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް، ސަރުކާރުގެ އިދާރާތަކާ ގުޅިގެން، ހަމަހަމަކަމާއެކު ރައްޔިތުން އެދޭގޮތަށް ބައްޓަންކުރުމަށް މަސައްކަތް ކުރުން. މިގޮތަށް ކައުންސިލްތަކުގެ ހިންގުން ބައްޓަން ކުރެވޭނީ، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކޮށްގެން. ކައުންސިލްގެ ނިންމުންތަކާއި މަސައްކަތްތައް ތަންފީޒު ކުރެވެމުންދާ ގޮތުގެ މަޢުލޫމާތު، ރައްޔިތުންނާ ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލު ހޯދައިގެން. ޖަވާބުދާރީވާ، ޒިންމާދާރު ކައުންސިލްތަކަކަށް ވެވޭނީ އޭރުން.
މި މަގަށް ކަންކަން ފަހިކުރުމަށްޓަކައި ޚާއްޞަކޮށް، ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް ރަނގަޅުކޮށް، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ވުޒާރާތަކާއި ހުރިހާ މުއައްސަސާތަކުން ވެސް ކައުންސިލްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، ޚާއްޞަ ގޮތެއްގައި، ރައްޔިތުންނާ ގުޅޭ ކަންކަން ރާވައި ހިންގުމުގައި، ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ.
ލާމަރުކަޒީ ނިޒާމު ހިންގުމުގައި، ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލްތަކާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، ވަކި މިނިސްޓްރީއެއް އަޅުގަނޑު ވާނީ އުފައްދާފައި. އެ މިނިސްޓްރީ އުފެއްދުމުގެ ނަތީޖާ ދަނީ ފެންނަމުން. ސަރުކާރުގެ ތެރެއިން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. ސަރުކާރުގެ އޮފީސްތަކުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުވެ، ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ދަނީ ހަލުއިވަމުން.
އިދާރީގޮތުންނާއި ތިޖާރީގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ ހެޔޮ ބަދަލު ގެނައުމަކީ އަދި އޭގެ މަންފާ ރައްޔިތުންނަށް ލިއްބައިދިނުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް. އަދި އަމާޒެއް. މިކަމަށްޓަކައި ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނިފައި ނުވާ ފަޅުރަށްތައް، ކައުންސިލްތަކާ ހަވާލުކުރެވޭނެ ސިޔާސަތެއް އެކަށައަޅައި، މިހާރު މިދަނީ ތަންފީޒު ކުރަމުން. މި ސިޔާސަތުގެ ސަބަބުން ކައުންސިލްތަކަށް މާލީ ކުރިއެރުން ލިބި، ރަށްރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ކުރިއެރުމާއި، އިޤްތިޞާދީ ނަފާ ލިބިގެންދާނެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް، ވޭތުވެދިޔަ ދުވަސްތަކުގައި ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައި. ހުރިހާ ކައުންސިލްތަކެއް މިހާރުވަނީ އެއް ވިއުގައަކުން ގުޅައިލެވި، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއެކު، ފަސޭހަކަމާއެކު މުޢާމަލާތު ކުރެވޭނެ ލިޔެކިޔުން ޢަރުޝީފު ކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިފައި. ކައުންސިލްތަކުން ކުރާ އިދާރީ ގިނަ މަސައްކަތްތަކާއި، ފައިސާގެ މުޢާމަލާތްތަކާއި، ބަލަހައްޓަންޖެހޭ ދަފްތަރުތައް ބެލެހެއްޓުމާއި، ކައުންސިލްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ އެޕްލިކޭޝަންތައް ފަރުމާކޮށް، އޭގެ ލުއިފަސޭހަކަން ކައުންސިލްތަކުން ދަނީ ތަޖުރިބާ ކުރަމުން. މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، އެ އޮތޯރިޓިން މިހާރު ދަނީ ކައުންސިލްތަކުގެ އެންމެހައި އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިސްޓަމް އެޕްލިކޭޝަންތައް އުފެއްދުމުގެ މަސައްކަތް ކުރަމުން. އަދި ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކޮށް، ކައުންސިލްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށާއި، ކައުންސިލްތަކުގެ މެދުގައި ބިނާކުރަނިވި، ވާދަވެރި ރޫޙެއް އުފެއްދުމަށް ކައުންސިލްތައް މިންކޮށް، އަދި ކައުންސިލް ޕާރފޯރމަންސް އިންޑެކްސް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުން.
ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ، މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހޯދައިދިނުން. ލިބެންހުރި ފުރުޞަތުތައް ބޭނުންކޮށްގެން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުކުރަންޖެހޭ. މުވައްޒަފުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާއާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ސަމާލުކަން ދޭންޖެހޭ.
ކައުންސިލްތަކަށް ޤާނޫނީގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް، ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ، ގިނަ ދުވަސްވެފައިވާ، ބާ އިމާރާތްތަކެއް ކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ވަނީ ކުރިމަތިވެފައި. ގިނަ ކައުންސިލްތަކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް. ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައެއް ނުވޭ.
އެހެންކަމުން، ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން، އިންވެސްޓަރ ފައިނޭންސްގެ އުޞޫލުން ކައުންސިލް އިދާރާތަކުގެ ޢުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ދަންނަވަން. އަމާޒަކީ ކައުންސިލްތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ، ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް އުފައްދައިދިނުން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ބުއްދި މިންވަރުކުރެއްވުން. ކައުންސިލްތަކާ ގުޅިގެން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، މާތް ﷲ ހެޔޮ ތައުފީޤު ދެއްވުން. ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގައި ބަރަކާތްލެއްވުން. ލޯކަލް ކައުންސިލްތަކަށާއި، ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން މާތްﷲ މިންވަރުކުރައްވާށި!