އެސްޓޯނިއާގެ 106 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ވަކިވަކިން އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްއަށާއި އެޤައުމުގެ ބޮޑުވަޒީރު ކަޔާ ކަލާސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެޤައުމުގެ 106 ވަނަ މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އިޚުލާސްތެރިކަމާއެކު ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތައް ނިންމަވާލައްވާފައިވަނީ އެސްޓޯނިއާގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.