ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ

ހަ ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވާ ސިޓީއާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމުގައި މީގެ ކުރިން އެކި ފަހަރުމަތިން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އައުމުގެ ބަދަލުގައި، އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަތޮޅުތަކަށް ފުރަތަމަ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ ރޯދައިގެ ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީ ފުވައްމުލައްސިޓީ ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. ގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.