ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ގއ. ވިލިނގިލީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީ ކުރުމާއެކު ގއ. އަތޮޅުގައި ޓުއަރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްޤީކުރެވޭނެއެވެ. އޭގެ ތެރޭގައި އިންޓެގްރޭޓަޑް ޓުއަރިޒަމް ޒޯން ތަރައްޤީކުރުން ހިމެނެއެވެ. މިއަދު ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިލިނގިލީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރާއިރު ވިލިނގިލީގެ ބިމަށް ޖާގަ އިތުރުކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ އެން.ވީ.ބެސިކްސް އެސް.އޭ އާއެކުގަވެ.މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ އެން. ވީ. ބެސިކްސް އެސް. އޭ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ސަރވް ޑޮލްމަންސެވެ. މި ފަހުމުނާމާ ގެ ދަށުން ދެ ފަރާތުން މަޝްވަރާކޮށް، އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.