ޖަރުމަނު ޗާންސެލަރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަރުމަން ޕޮލިހުގެ ޗީފް ޑިރެކްޓަރ މިސްޓަރ ގަންތަރ ފްރީސްލިބެނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ބާރލިންގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އައި ޑިމޮކްރެޓިކް އިސްލާޙުތަކާއެކީގައި ރާއްޖޭގެ ފުލުހުންގެ ދާއިރާވެސް އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑްރަގުގެ މައްސަލައާއި ކުށްކުރާ ކުޑަކުދިންގެ އަދަދު ގިނަވަމުން ދިޔުމަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލަތަކެއްކަން ހާމަކުރެއްވިއެވެ. އަދި، ފުލުހުންގެ މުއައްސަސާ މިހާރަށްވުރެ ހަރުދަނާކުރުމުގައި ޖަރުމަނުވިލާތުގެ ތަޖުރިބާއާއި އެހީތެރިކަން ރާއްޖެއަށް ބޭނުންކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިސްޓަރ ގަންތަރ ފްރީސްލިބެން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފުލުހުންގެ ދާއިރާ ކުރިއެރުވުމުގައި ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.