بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވޭމަންޑޫގެ ލޮބުވެތި ރައްޔިތުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒް، އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް، ރަށު ކައުންސިލްގެ މެންބަރުން، އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން، އަޅުގަނޑާ އެކީ ވަޑައިގެންނެވި ޓީމުގެ ހުރިހާ ބޭފުޅުން، މި ޖަލްސާ ދުރާ ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެން މިދިޔަ އަހަރު 17 ނޮވެންބަރުގައި މަސައްކަތް ފެށި ފަހުން މިއަދާ ހަމަޔަށް އައިއިރުގައި، ރަށްރަށަށް ދަތުރުކުރަން މިއަދު މި ފެށުނީ. އަޅުގަނޑު ދަތުރުތައް މިހާހިސާބަށް ކުޑަކޮށް ލަސްކޮށްލަން ބޭނުންވީ، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން، ކޮންމެވެސްވަރަކަށް ހަމަމަގަށް އެޅުވުމަށްޓަކައި ބައެއް މަސައްކަތްތައް ކޮށްލަން. ބޭރުގެ ބައެއް ޤައުމުތަކުންނާއި، ބައެއް މުއައްސަސާތަކާ ވާހަކަ ދައްކައި، އެހީތެރިކަން ހޯދޭނެ ގޮތްގޮތް ފަހިކުރުމަށްޓަކައި އިސްކަންދީގެން މަސައްކަތް ކުރުމަށް.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގެ މުހިންމު ކަންކަމަށް ޙައްލު ގެނައުމުގައި، މި ހޭދަކުރެވުނު ވަގުތުގައި ﷲގެ ރަޙްމަތްފުޅާ އެކީގައި، އަޅުގަނޑުމެންގެ ޓީމުގެ ބުރަ މަސައްކަތާ އެކީގައި، ވަރަށް ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެވިފައި. ރަނގަޅު ބިންގާތަކެއް އެޅިފައި. އެހެންވީމާ، ދެން ކުރިއަށް އޮތް ދުވަސްތަކުގައި، އެ ބިންގަލުގެ މަތީގައި އަޅުގަނޑުމެންގެ ރައްޔިތުން އެދެމުންދާ ގޮތަށް ކަންކަން ބައްޓަންވެ، ނަތީޖާ ނެރެވިގެންދާ ތަން އިރާދަކުރެއްވިއްޔާ ފެންނާނެ ކަމުގެ ޔަޤީންކަން ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން.

އިޤްތިޞާދީ ގޮތުން ޤައުމު އޮތް ޙާލަތުން ޤައުމު ނަގައި ކޮޅަށްޖެހުން. ޤައުމުގެ މިނިވަންކަން، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލް ސަލާމަތްކޮށް ޙިމާޔަތް ކުރުން. ޤައުމުގައި ހުރި ރައްޔިތުންނަށް އެންމެ ދަތިވެފައިވާ، އެންމެ ބޮޑެތި ކަންކަން، ގެދޮރުވެރިކަމާއި، މިހެންގޮސް އެންމެ ކުދިކުދި ކަންކަމާ ހަމަޔަށްވެސް ހުރި ކަންކަމަށް ޙައްލު ގެނެސްދިނުން. މި ހުރިހާ ކަމެއް ކުރުމުގައި އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ދުވަސްތަކުގައި، އޭގެ ފުރިހަމަ ނަތީޖާ ފެންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، ކެމްޕެއިން ތެރޭގައި އަޅުގަނޑަށް ދެވުނު ހުރިހާ ރަށްތަކެއްގައި، ވަރަށްގިނަ ވަޢުދުތަކެއްވީމު. އެ ވަޢުދުތައްވީ އެ ވަޢުދުތައް ފުއްދުމުގެ ނިޔަތުގައި. ފުއްދަން ބޭނުންވާތީ. ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން ވިދާޅުވީމަ، ތިޔަބޭފުޅުން އެ ވަޢުދުތައް ފުއްދުމަށް އަޅުގަނޑަށް ފުރުޞަތު ދެއްވައިފިއްޔާ، ޒިންމާ ހަވާލުކުރައްވައިފިއްޔާ، އެކަންކަން އިޚްލާޞްތެރިކަމާ އެކީގައި، ޒިންމާދާރުކަމާއި، ތެދުވެރިކަމާ އެކީގައި ކޮށްދިނުމުގެ ނިޔަތުގައި ވަޢުދުވީ. އެގޮތުން، ވީ ހުރިހާ ވަޢުދެއް، އަކުރުން އަކުރަށް، ފުރިހަމަކަމާ އެކީގައި އަދާކޮށްދިނުމަކީ، އަޅުގަނޑު ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް. އެއީ، ރައްޔިތުން ޝައްކު ކުރަންވީ ކަމެއް ނޫން. ކަންކަން ކުރުމުގައި އަޅުގަނޑުމެން ކޮށަންޖެހޭ މަގުތައް ހުރޭ. ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހުރޭ. އެހެންވެގެން މި ދެންނެވިހެން، ގާތްގަނޑަކަށް ދެމަހާއި ބައި، ބައެއް ކަންކަން ކުރުމުގައި އަޅުގަނޑުމެން ވަގުތުކޮޅެއް ހޭދަކޮށްލަންޖެހުނީ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިރާދަކުރެއްވިއްޔާ، އެކަހަލަ ސްޓްރެޓީޖިކް ބައެއް މަސައްކަތްތައް ކުރެވިގެންދާނެ. ބޭރުގެ ޤައުމުތަކަށް އަޅުގަނޑު މި ކުރާ ދަތުރުތައް ކުރަނީ އެ ވިސްނުމުގައި. ރައްޔިތުންނަށް އެންމެ ފައިދާހުރީ މިވަގުތު ކޮން ކަމެއް، ކޮން ދިމާއަކުން މަސައްކަތް ކޮށްގެން ކަމަށް ވިސްނައި، މަޝްވަރާ ކުރެވި އެގޮތުން ކުރިއަށް މި ގެންދެވެނީ. އިރާދަކުރެއްވީތީ އެގޮތުން މި ކުރެވުނު ދެ ދަތުރު، ތުރުކީއަށް އަދި ޗައިނާއަށް މި ކުރެވުނު ދެ ދަތުރަކީ، ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު ބޭނުން ޖެހިފައިވާ އެންމެ މުހިންމު ކަންކަމުގައި ހުރިހާ މައްސަލަތަކަކަށް އިރާދަކުރެއްވިއްޔާ ޙައްލު ގެނައުމުގެ ބިންގާއެޅި، މަގުކޮށިގެންދިޔަ ދެ ދަތުރު. އޭގެ ނަތީޖާތައް އިރާދަކުރެއްވިއްޔާ ފެންނަމުންދާނެ.

އާދެ، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައި ހުރި މަސައްކަތަކީ، އެއްގޮތަކަށްވެސް އާދައިގެ ކަންކަމެއް ނޫން. އެކަން ކުރަން އަޅުގަނޑުމެން ފެށީމާ، އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ދިވެހިން ތެދުވެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް. އަޅުގަނޑުމެންގެ މި ރާއްޖޭގެ ސަރަޙައްދު އެއީ، ވަރަށްބޮޑު ސަރަޙައްދެއް، ރަށްތައް ކުދިވިޔަސް. ކަނޑުގެ ސަރަޙައްދު ވަރަށްބޮޑު. ނުވަލައްކަ ހަތްދިހަ ހަތަރުހާސް އަކަ ކިލޯ މީޓަރު، އަޅުގަނޑު އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަމުން ދެންނެވީ، ނުވަ ލައްކަ އަކަ ކިލޯ މީޓަރޭ. އެގްޒެކްޓްލީ ނުވަ ލައްކަ ހަތްދިހަ ހަތަރުހާސް އަކަ ކިލޯ މީޓަރު ހުރޭ. މި ބިޔަ ބޮޑު ސަރަޙައްދު މިއިން ޒަމާނަކު އަޅުގަނޑުމެންނަކަށް ނެތް ޙަޤީޤަތުގައި ބެލެހެއްޓިފައެއް. އެ ސަރަޙައްދު އެއީ، އަޅުގަނޑުމެން ތިޔަ ލޮބުވެތި ރައްޔިތުން މިއަދުވެސް، މިރޭވެސް، މާދަންވެސް ނުކުމެ، އިޤްތިޞާދީ ފައިދާ ހޯދަން އޮތް ސަރަޙައްދު. ކަނޑުގެ ސަރަޙައްދު. އެތަނަކުންނެއް އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި އަދި މަސްވެރިކަމެއް ނުކުރެވޭ. އެ މަސްވެރިކަން އެ ހިސާބަށް ގޮސްގެން، ރެޔާއިދުވާލު މަސްވެރިކަމަށް ނުކުމެ، މަސްވެރިކަން ކޮށްގެން ފުރިހަމަ ނަފާ ހޯދަން ފެށިއްޖެނަމަ، މިވަގުތު އަޅުގަނޑުމެންގެ އެންމެ މުހިންމު އިންޑަސްޓްރީއަކީ ޓޫރިޒަމް އިންޑަސްޓްރީ ކަމުގައިވިޔަސް، އަޅުގަނޑުމެން ކެމްޕެއިންގައި އަޅުގަނޑު ދެންނެވި ފަދައިން، އެވަރަށް އެ މަސައްކަތް ކުރެވިއްޖިއްޔާ، މަސްވެރިކަން ފުޅާކުރެވިއްޖިއްޔާ، އެ ވާނީ އެތައް ގުނައެއް، ޓޫރިޒަމް އިންޑަސްޓްރީއަށް ވުރެވެސް ބޮޑަށް އަޅުގަނޑުމެންނަށް ފައިދާވާނެ އިންޑަސްޓްރީއަށޭ މަސްވެރިކަންވާނީ.

އެހެންވީމާ، އެ އިޤްތިޞާދީ ސަރަޙައްދު، އިންޑަސްޓްރީވައިޒް، ފިޝަރީޒް އިންޑަސްޓްރީއަށް ބަލައިގެން ކަންކަން ކުރަންވިޔަސް، އެއީ، ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދެއް. އަދި އޭގެއިތުރަށް، އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ އިސްތިޤްލާލް ސަލާމަތް ކުރުމަށްޓަކައިވެސް، ސިޔާދަތީ ބާރުގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައިވެސް އެބަޖެހޭ އެ ސަރަޙައްދު ބަލަހައްޓަން. އެކަން އަޅުގަނޑުމެންނަކަށް ނުވޭ މިއަދާ ހަމަޔަށް އައިއިރުގައެއް. އެކަން ކުރުމަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެހެން ބައެއްގެ ކިބައިން އެހީތެރިކަމަށް އެދިގެން، އެހެން ބަޔަކު ލައްވައި އެ ސަރަޙައްދު ބެލެހެއްޓުންތޯ، ރައްޔިތުން އެދޭނެ ގޮތަކީ. ޔަޤީން، އެއެއް ނޫން ބޭނުންވާނެ ގޮތަކީ. އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ، އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ، އެހެން ބަޔަކު އައިސްގެންތޯ، ނޫނީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ކެޕޭސިޓީ ބިލްޑް ކޮށްގެންތޯ. އެއީ، ސުވާލަކީ. އަޅުގަނޑު މި ދެންނެވީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި، އަމިއްލަ ކެޕޭސިޓީގައި، އިރާދަކުރެއްވިއްޔާ މި ބިޔަ ބޮޑު ސަރަޙައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެއޭ.

އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ފެށި، އެ ތައްޔާރީތައް ވަމުން މިދަނީ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިމަތިން ފެނިގެންދާނީ، އެކަން އަޅުގަނޑުމެން ޢަމަލީގޮތުން ކުރާ ތަން. މި ވާހަކަ އަޅުގަނޑު އިއްޔެ ދެއްކީމާ، އެކަމަށް ޖޯކުޖަހައި، ނޫނީވިއްޔާ އެކަމާ ދެކޮޅަށް ވާހަކަ ދެއްކީ، އަޅުގަނޑު ހިތުން އެއީ، ދިވެހިވަންތަ ބައެއްތޯ، ޤައުމުދެކެ ލޯބިވާ ބަޔަކު އެފަދަ ވާހަކަ ދައްކައިގެން ނުވާނެ. އަމިއްލަ ބާރުވެރިކަން އުފައްދަން މަސައްކަތް ކުރީމާ، ކުރަން އުޅޭކަން އަޅުގަނޑު ބަޔާންކުރީމާ އެއަށް ހިތްވަރު ދޮގެއްތޯ ދެއްވަންޖެހޭނީ. އެއަށް ސަޕޯޓްދީ، އެކަން ވާނެގޮތް ހޯދައިދޭން ދިވެއްސަކު ވިއްޔާ އުޅެންޖެހޭނީ. އެކަމަކު އެހެން ބައެއްގެ އެހީތެރިކަމުގައި، އެހެން ބައެއްގެ ކިބައިން ތިމަންނާމެން ބޭނުންވާ މަޤްޞަދު ހާސިލުކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް އަޅުގަނޑުމެންގެ ޤައުމަށްވިޔަސް ހެޔޮކަމަށް ތައްޔާރަށް ތިބި އަދި އެގޮތަށް ކުރީގައިވެސް މަސައްކަތް ކޮށްފައި ތިބިކަން ސާބިތުވެފައި ތިބި ބަޔަކު އެފަދަ ވާހަކައެއް ދައްކަފާނެ.

އެހެންވީމާ، މިއީ އަޅުގަނޑުމެން ސިކުނޑިން ވިސްނަންޖެހޭ ކަންތައް. މިއީ ދިވެއްސަކަށްވީތީ މިއަދު ސީރިޔަސްކޮށް ވިސްނަންޖެހޭނެ ކަންތައް. އަޅުގަނޑު މިއުޅެނީކީއެއް އެއްވެސް ޤައުމަކާ އެކީ ކޮންފްރަންޓްރޭޝަނަކަށް ދާކަށް ނޫން. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް. އެންމެންނާ ގުޅިގެން، ހުރިހާ ޤައުމުތަކާވެސް ގުޅިގެން، އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ ސިޔާދަތާއި، އަޅުގަނޑުމެންގެ އިސްތިޤްލާލަށް ޙުރްމަތްތެރިކޮށްހިތާހާ ހިނދަކު އަޅުގަނޑުމެންނާ ދުޝްމަންވާނެ، އަޅުގަނޑުމެން ދުޝްމަންވާނެ، ދެކޮޅުހަދާނެ އެއްވެސް ޤައުމެއް ނޯންނާނެ. އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ، ދިވެހި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފައިދާވާނެ ކަންކަން ކޮށްދޭ، އަޅުގަނޑުމެންގެ އެތެރޭގެ ދާޚިލީ ކަންކަމާ ނުބެހޭ، އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ޤައުމަކަށްވިޔަސް، އެންމެ ބޮޑު ޤައުމާ ހަމަހަމަގޮތެއްގައި ހަމަހަމަކަން ޤާއިމުކޮށްދޭ ކޮންމެ ޤައުމަކާ އެކީގައި. އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން، އެ އިމުގެ އެތެރެއަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެކަން ގަބޫލުކުރާ ކޮންމެ ބަޔަކާ އެކީގައި އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫޙުގައި. އެކުވެރިކަމުގެ އަތުކުރި އޮޅާލައިގެން އެކުވެރިކަމާ އެކީގައި.

އެހެންވީމާ، އަޅުގަނޑުމެންނެއް ނޫޅެން ދުޝްމަންވެގެންނެއް. އެ ދުޝްމަންކަން އުފައްދަން އެހެން ބަޔަކު އެ ބޭނުންވަނީ. އެ ލޭބަލް ކުރުވަން ބޭނުންވަނީ. އަޅުގަނޑު ދައްކާ ވާހަކަ ދައްކަނީ ވަރަށް ސާފުކޮށް، ސީދާކޮށް، އޭގައި ދެވަނަ މާނައެއް ނުނެގޭހާ ސާފުކޮށް. އަޅުގަނޑުމެން މިއަދާ ހަމަޔަށް އައިއިރުގައި، ކެމްޕެއިން ތެރެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައިއިރުގައި، އެންމެ މައުޟޫޢެއްގައިވެސް ތަފާތު ގޮތަކަށް ދުވަހަކުވެސް ވާހަކަ ދައްކައިފިންތޯ؟ ނޯންނާނެ ދައްކާފައެއް. އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކަ މިއަދުވެސް ދައްކާފައި ހުންނާނީ. ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް. މިނިވަންކަމުގެ މައުޟޫޢުގައިވިޔަސް، އިޤްތިޞާދުގެ މައްސަލަތައް ޙައްލުކުރުންވިޔަސް، ގެދޮރުގެ މައްސަލަވިޔަސް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުން ކަމަށްވިޔަސް، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުންވިޔަސް އެގޮތުގައި.

އަޅުގަނޑު މި އެދެނީ މިކަންކަން ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމުގައި، ރައްޔިތުން އެކަތިގަނޑަކަށް ވެވަޑައިގެން ދެއްވާށޭ. އެކަތިގަނޑަކަށް ވެވަޑައިގެން، މި މަސައްކަތް ރައްޔިތުންނަށްޓަކައި ކޮށްދިނުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވުން. އެއީ، ރައްޔިތުންނަށްޓަކައި މި ކުރަން އުޅޭ މަސައްކަތްތަކުގައި. މި ފަށައިގެން އުޅޭ މަސައްކަތްތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި. އަޅުގަނޑު ނުކުމެ މިހިރީ، އަޅުގަނޑު ކެމްޕެއިންގައިވެސް ދެންނެވި ފަދައިން، ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންގެ ޓީމު، ކެބިނެޓް ޓީމު، މުޅި ސަރުކާރުގެ ކުންފުނިތަކާއި މުޅި ޓީމު އެގޮތުގައި އެ ރޫޙުގައި ރެޔާއިދުވާލު އެދަނީ މަސައްކަތް ކުރަމުން.

މި ރަށުގައި ކުރަންހުރި ކަންކަންވެސް ކުރެވޭނީ އޭރުން. އަޅުގަނޑު ވަޢުދުވީން، ހުރިހާ ރަށެއްގައި، ބޮޑެތި ހުރިހާ ރަށެއްގައި މައި ހުރިހާ މަގެއް ހަދައިދޭނެ ކަމަށް. މި ރަށުގައިވެސް އެ ވަޢުދު ވެފައި އޮންނާނެ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ އެ ވަޢުދު އަޅުގަނޑު ހަމަ ފުރިހަމައަށް ފުއްދައިދޭނަން. ފުރިހަމައަށް ފުއްދައިދޭނަން. އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މިކުރަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ތިޔަ ލޮބުވެތި ރައްޔިތުން، މި ރަށުގެ ރައްޔިތުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް މި ރަށުގެ މަގުތައް އަޅުގަނޑުމެން ހަދައިދޭނަން. އެ މަސައްކަތް ވަރަށް އަވަހަށް ފަށައިދޭނަން އިރާދަކުރެއްވިއްޔާ.

ރަށުގެ ބިން ހުސްވެފައި އޮތް މައްސަލަވެސް އެއީ، ހަމަ ޙައްލުކުރަންޖެހޭ ކަމެއް. އެކަން ކުރާނެ ކަމަށްވެސް އަޅުގަނޑު ވަޢުދުވެފައި އޮންނާނީ. ރާއްޖޭގެ ރަށްތައް ކުޑަވީމާ، ޚާއްޞަކޮށް، މިފަދަ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކި ކަންކަމުގައި އަންނަ، މިހެން ހުންނަ މުހިންމު ރަށްތަކުގައި ބިން އިތުރުކުރުމަކީ، ދެމެހެއްޓެނިވި ތަރައްޤީއަކަށްޓަކައި ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން އިޢުލާނުކޮށް، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ހިމަނާފައި މިއޮތް ސަރަޙައްދީ ތަރައްޤީ ހާސިލުކުރެވޭނީވެސް އެގޮތުގައި މަސައްކަތް ކޮށްގެން. ވެރިކަން ކުރާ ރަށްތަކާއި އަދި ސިޓީތަކާއި އަދި ހުންނަ ބައެއް ކީ، ޒަމާނުއްސުރެ ތަރައްޤީ ކޮންސޮލިޑޭޓް ވެފައި ހުރި ރަށްތަކަކީ، ތަރައްޤީގެ ބޮޑެތި އިތުރު ފުރުޞަތުތަކަށް ޖާގަ ދޭންޖެހޭނެ ރަށްތައް. އެއަރޕޯޓްތައް ޤާއިމުކުރެވިފައި ހުރި ރަށްތަކާއި، މިހެންހުރި ބައެއް ރަށްތައް.

އެހެންވީމާ، އެ ރަށްރަށަށް ބޭނުންވާ ބިން އިތުރުކުރުމަކީ އިސްރާފެއް ނޫން. އެއީ، ކުރިއަށް އޮތް މުސްތަޤްބަލަށް ކުރެވޭ އިންވެސްޓްމަންޓެއް. އެހެންވީމާ، މި ރަށުގެ ބިން ހިއްކުމަކީ، ޔަޤީން ކުރައްވާ، އަޅުގަނޑުމެން ހަމަ ވަރަށް އިސްކަންދީގެން ކުރާނެ ކަމެއް. މި އަހަރުގެ ބަޖެޓަކީ، އަޅުގަނޑުމެން ހެދި ބަޖެޓެއް ނޫން. އެނގިވަޑައިގަންނަވާނެ. ހަނދުމަފުޅު ހުންނާނެ، މިހާރު އޮތް މަޖިލީހުން ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅައިގެން ފާސްކޮށްފައި އޮތް ބަޖެޓެއް. އަޅުގަނޑުމެންނަށް ދިން ފުރުޞަތުގައި ހިމެނި އެތައް ކަމެއް އުނިކޮށްފައި އޮތީ. ދެން އަންނަ އަހަރަށް އަޅުގަނޑުމެންނަށް ފުރުޞަތު ލިބޭނީ އަޅުގަނޑުމެން ބޭނުންގޮތަށް ބަޖެޓް ހަދަން. އެހެން ނަމަވެސް، މި އަހަރު ތެރޭގައިވެސް ކަމާގުޅޭ ޤާނޫނުތަކާއި އުޞޫލުތަކުގެ ތެރެއިން ޖާގަ ހޯދެން އޮތް ކަމަށްވަންޏާ، ހޯދައިގެން، އަޅުގަނޑުމެން ބަލާނަން އެ މަސައްކަތް ފަށަން. ބިން ހިއްކުމުގެ މަސައްކަތް ފަށަން. އެކަން ނުކުރެވޭ ކަމަށްވަންޏާ، ހަމަ އެންމެ ލަސްވެގެންވެސް މި އަންނަ އަހަރު ކުރިއަށްދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ބަލާނީ، ހަމަ އެންމެ އިސްކަމެއް ދީގެން ބިން ހިއްކޭ ރަށެއްގެ ގޮތުގައި މި ރަށް ހިމެނޭގޮތަށް، މި އަހަރުވެސް ފަށަން ވަރަށްބޮޑު އިސްކަމެއްދޭނެ ކަމުގެ ޔަޤީންކަން ދެން.

ހަމަ އެގޮތަށް، ސްކޫލްގެ އެކްސްޕޭންޝަނަށް ކުރެވޭ މަސައްކަތްވެސް. އަޅުގަނޑު އިއްޔެ ދަންނަވާލިން، އަޅުގަނޑުމެން ވަރަށްގިނަ މަޝްރޫޢުތައް ޓެންޑަރިންގއަށް ލައިގެން މިއުޅެނީ. އަދި އެއާ އެކީގައި ވަރަށްގިނަ މަސައްކަތްތައް، ސްކޫލްތައް އެކްސްޕޭންޑް ކުރުމުގައި، މަލްޓި-ޕަރޕަސް ހޯލް، ދެން މިހެންހުރި ހުރިހާ ފެސިލިޓީއެއް ޤާއިމުކުރުމުގައި، މިފަދަ ރަށްރަށުގައި ޚާއްޞަކޮށް، އެ މަސައްކަތް ކުރެވޭނެ.

ހަމަ އެއާއެކީގައި، ޞިއްޙީ ޚިދުމަތް. ޞިއްޙީ ޚިދުމަތް ޤާއިމުކުރުމުގައި، މިއީ ވަރަށްގިނަ ރައްޔިތުން އަންނަ ރަށެއް. މިފަދަ ބައެއް ރަށްތައް ހުންނާނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. އެހެންވީމާ، ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް، ފުޅާކޮށް، ރަނގަޅު ފެންވަރެއްގައި ޤާއިމުކުރުމަކީ މި އަތޮޅަށްވެސް ފައިދާވާނެ ކަމެއް ކަމުގައިވާތީ، އެކަންވެސް އަޅުގަނޑުމެން ކުރަން ނިންމާފައިވާ ވާހަކަ ހަމަ ދަންނަވާލަން.

އާދެ، ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ދެންނެވިން، އަތޮޅުވެރިކަން ކުރާ ކޮންމެ ރަށަކާއި ސިޓީއެއްގައި، މި އަހަރުގެ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ޢީދެއްގައި، މާލޭގައި އަޅުގަނޑު ކުރީގައި މޭޔަރަކަށް ހުރިއިރުގައި، ފުރަތަމަ ފަހަރަށް ޢީދު ލައިޓް ދިއްލައި، ޢީދުގެ އިޙްސާސްވާގޮތަށް ކުރެވުނު ކަންތައް ރިޕީޓްކޮށްދޭނަމޭ، ރާއްޖޭގެ ވެރިކަން ކުރާ ހުރިހާ ރަށްތަކާއި ސިޓީތަކުގައި، މާލެއާ އެކީ. އެކަން އެ ވަޢުދާ އެއްގޮތަށް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ބާރު ސްޕީޑްގައި. އިރާދަކުރެއްވިއްޔާ މި އަންނަ ފިޠުރު ޢީދު ވާނީ މި ރަށުގައި މި ދެންނެވި ގޮތަށް އެކަން ވެގެންދާނެ ރަށަކަށް. އެކަން ވާނެ.

ހަމަ އެގޮތަށް، ދެންހުރި ވެރިކަން ކުރާ ރަށް، ހުރިހާ ސިޓީތަކެއްގައި އެކަން ހަމަ ކުރިއަށްދާނެ. ހުރިހާ ބޮޑެތި މަގުތަކުގައި ޢީދު ލައިޓްތައް، މާލޭގައި ފެނިވަޑައިގެންނެވި ގޮތަށް، އަދި އެއަށްވުރެވެސް ފުރިހަމަކޮށް، އިރާދަކުރެއްވިއްޔާ ކުޑަކުދިންނަށް، ތުއްތުކުދިންނަށް، ޢާއިލާތަކަށް އިސްލާމްދީނުގައި މި އޮންނަ ދެ ޢީދުގެ އެ އުފާ ޙަޤީޤަތުގައި އިޙްސާސްވާ ވަރަށް، ދީނަށް އެ ލޯބި ޖެއްސުމަށް ޖެހިގެންދާގޮތަށް އެބަޖެހޭ މިކަހަލަ ކަންކަން ވާން. އަޅުގަނޑުމެން އުފާފާޅުކުރަން އަޅުގަނޑުމެންނަށް ދެއްވާފައި ދީނުގައި އޮތް ދެ ދުވަސް މިއީ. އެހެންވީމާ، ޢީދު އުފާފާޅުކުރުމުގައި
މި ދެންނެވި ގޮތަށް ޒީނަތްތެރި ކުރެވި، ތަކުބީރުގެ އަޑުއިވި، މި ކަންކަން ވާގޮތަށް ހަމަ މިރަށުގައި އެކަން ވާނެ. ދެން ހުރި ވެރިކަން ކުރާ ހުރިހާ ރަށެއްގައިވެސް އެކަން ވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ހިނގާ. ބަރާބަރަށް ދަނީ. އިރާދަކުރެއްވިއްޔާ، ވަގުތު އޮއްވައި މި ރަށަށް ތަކެތިވެސް އަންނާނެ. އެކަން ކުރިއަށްގެންދަނީ ސިޓީސް މިނިސްޓަރގެ، ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީގެ ދަށުން ސްޓެލްކޯއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއްގެ ގޮތުގައި.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ވަޢުދެއް ވެއްޖިއްޔާ އެ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުގެ ވާޖިބެއް. ބަހާއި ޢަމަލާ ދިމާވާންޖެހޭނެ. ދުލުން ބޭރުކުރާ ކޮންމެ ބަހަކީ، އެ ބަސް ދުލުން ބޭރުވުމަށްފަހު، އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާވާނެ ބަހެއް. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް. އެހެންވީމާ، އެ ޒިންމާދާރުކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ.

އެހެންވީމާ، މިހާތަނަށް އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ވަޢުދެއް، އަކުރުން ފިއްޔަށް އެކަން ހާސިލުކޮށްދިނުމަކީ، އަޅުގަނޑުމެން ކުރާނެ މަސައްކަތް. އެކަންކަން ގެއްލިގެންދިޔަ ނުދިނުމަށްޓަކައި ދެފުށް ފެންނާނެ ގޮތަށް ހާމަކޮށް ރައްޔިތުންނަށް އަބަދުވެސް ހަނދާންވާގޮތް ހެދުމަށްޓަކައި އެ ހުރިހާ ކެމްޕެއިން ޖަލްސާތަކުގައި ދެއްކި ވާހަކަތަކާއި ވަޢުދުތައް ހިމެނޭގޮތަށް ވަރަށްބޮޑު ފޮތެއްވެސް ވަނީ ތައްޔާރުކުރެވިފައި. މިހާރު ރަނގަޅު ފެންވަރަކަށް ޗާޕްކުރެވި، އެ ފޮތްތައް މި ހަފްތާ ތެރޭގައި މާލެއަށްވެސް ލިބިފައި ވަނީ. ހުރިހާ ރަށަކަށް، ކައުންސިލްތަކަށް ފޮނުވާނަން. ސްކޫލްތަކަށް ފޮނުވާނަން. އެ ފޮތްތައް ހުންނާނެ. އަދި ރަސްމީ އިދާރާތަކަށް ފޮނުވާނަން. ހުރިހާ ރަށެއްގެ ރައްޔިތުންނަށް އޭރުން އެ ފޮތްތައް، އޮންލައިންކޮށް ޑިޖިޓަލީވެސް ކިޔައިލެވޭނެ. އެއިން ފެންނަން އޮންނާނެ އަޅުގަނޑު ދެއްކި ވާހަކަތައް. އެހެންވީމާ، އެހާވެސް ސާފުކޮށް ފެންނަގޮތަށް މިކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި މިއޮތީ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ކަންކަން ކުރިއަށް މި ގެންދަނީ ރައްޔިތުން އެދޭގޮތަށޭ. އަޅުގަނޑެއް ނުކުރާނަން، ރައްޔިތުން ބޭނުންނުވާ ކަމެއް. ރައްޔިތުން ވަރަށް ސާފުކޮށް ވިދާޅުވެފައި އޮތީ ބޭނުންވަނީ ކޮން ކަމެއްކަން. ގެދޮރުގެ ޔަޤީންކަން ލިބިގެންދިޔުން. އަމިއްލަ އިޤްތިޞާދީ ބާރުވެރިކަން ޤާއިމުވެގެންދިޔުން. ކަނބަލުން، ޒުވާނުން، އެކި އުމުރުފުރާގެ ފަރާތްތަކަށް، ޞިއްޙީ ރަނގަޅު ޚިދުމަތް ލިބިގެންދިޔުން. ކުޅިވަރު ކުޅެވޭނެ ފުރުޞަތުތައް ޤާއިމުވެގެން ދިޔުން. އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް. މަސްވެރިކަން، ދަނޑުވެރިކަން، ޓޫރިޒަމް، އަދި އެހެން ދާއިރާތައް ކުރިއަށް ދެވޭނެ ގޮތްތައް ވެގެންދިޔުން. އިސް ރަށްވެހިންނަށް އެ ރައްޔިތުންގެ ޙިއްޞާ ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު ލިބިގެންދިޔުން. ހަވާސާވެފައި ތިބި އެކިއެކި ފަރާތްތަކަށް، މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވެގެން ކުރިއަށް ދެވޭނެ ފުރުޞަތު ދިނުން. މިފަދަ ކަންކަން.

މިކަންކަން ކުރުމަށްޓަކައި އެކިއެކި މަސައްކަތްތައް އެދަނީ އަޅުގަނޑުމެން ކޮންމެ ހަފްތާއަކުވެސް ރާވައި ތަންފީޒު ކުރުމަށްޓަކައި ކުރެވެމުން. މިހާތަނަށް އައިއިރުގައި ހަފްތާ 14ގެ ތެރެއިން ކުރަން ނިންމި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އެ ނިންމި މިންވަރަށް ހާސިލުވެއްޖެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައިވެސް، 14 ހަފްތާ ހަމަވާންވާއިރަށް ކަނޑައަޅާފައި ހުރި ކަންކަން ހަމަ އިރާދަކުރެއްވިއްޔާ، އެ ކަނޑައެޅި މިންވަރަށް ހާސިލުކުރާނަން. އަދި ދެން އޮތް ދުވަސްތަކަށްވެސް މި ފަސް އަހަރަށް އެކީގައި އަޅުގަނޑުވީ ވަޢުދުތައް އެކީގައި ފުރިހަމައަށް ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ކުރާނަން. އިރާދަކުރެއްވިއްޔާ ހާސިލުވެސް ވެގެންދާނެ. އެކަންކަން ކުރާނީ، އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވާނެ ކަންކަމާ އެކީގައި. އެކަންކަމަށްވެސް މިހާތަނަށް ރާއްޖޭގައި ނިންމިފައިނުވާ މުހިންމު ނިންމުންތައް އަޅުގަނޑުމެން ނިންމާފައިވާނެ.

ސްޕެޝަލް އިކޮނޮމިކް ޒޯންތައް ރާއްޖޭގައި ޤާއިމުކޮށް، ރާއްޖެއަށް މިހާތަނަށް ނުގެނެވޭވަރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަގު ހުޅުވާލައި، އެކަމަށް މިހާރު ޕްރޮޕޯޒަލްތައްވެސް ލިބެމުން އެދަނީ. އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ރާއްޖޭގައި ޤާއިމުކުރުމާއި، އިޢާދަކުރަނިވި ހަކަތަ ތިންބައިކުޅަ އެއްބައި މަދުވެގެން އަޅުގަނޑުމެން ހަކަތައަށް ކުރާ ހޭދައިން ބަދަލުކުރުމާއި، މިފަދަ އެތައް ކަމެއް ވެގެން ދިޔައިމާ، އެ ވާނީ ތިއިން ކޮންމެ ލޮބުވެތި ރައްޔިތެއްގެ ޖީބަށް އެއިން އެނގުންވާ، އިޤްތިޞާދީ ގޮތުން ބާރުވެރިކަން ލިބިގެންދާ ކަންކަމަށް. ކޮންމެ ޒުވާނަކު ކްރިއޭޓިވް، އިނޮވޭޓިވް ވިސްނުމުގައި މަސައްކަތްކުރާ ކޮންމެ ބޭފުޅަކަށް، އެ ބޭފުޅަކު އެ ކުރައްވާ މަސައްކަތެއް ފަސޭހަކަމާ އެކީގައި އޮންލައިންކޮށް ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ވިއްކައި، ސެލްކޮށް، ބައިކޮށް މިކަންކަން ކުރެވޭނެގޮތް ހަދައިދިނުން އެއީ އަޅުގަނޑުމެން ވީ ވަޢުދެއް. އެކަމަށްޓަކައި ކޮށަންޖެހޭ ހުރިހާ މަގެއް ކޮށުމުގެ މަސައްކަތް މިހާރު ބާރަށް އެދަނީ. އަޅުގަނޑުމެން ޕޭޕަލްއާ ވާހަކަ ދައްކަން ފަށައިފިން. އަދި ދެންހުރި ޕްލެޓްފޯމްތަކާ ކޮމިއުނިކޭޓް ކުރަން ފަށައިފިން.

އެހެންވީމާ، މި ހުރިހާ މަސައްކަތްތަކެއް މި ކުރަނީ. ވަރަށް ބާރު ސްޕީޑްގައި ހިނގަނީ. އެހެންވީމާ، މިކަންކަން ވެގެން ދިޔައިމަ، ޒުވާނުންނަށް އެ ޒުވާނުން ބޭނުންވާ އިޤްތިޞާދީ ބާރުވެރިކަން އެބަ ލިބޭ. ކަނބަލުންނަށް، އެ ކަނބަލުން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރަން މަގުފަހިކުރެވިގެން އެބަދޭ. އެހެންވީމާ، މުޅި ސްޕެކްޓްރަމްގައި އެދަނީ އެތައް ކަމެއް އެކުއެކީގައި ހިނގަމުން.

އެހެންވީމާ، މި ޔަޤީންކަމާއި، މި ކަންކަން ހިނގަމުންދާ މިންވަރު މި ދަންނަވާލި ސަބަބަކީ، އެ ޔަޤީންކަން ދިނުމަށްޓަކައި. ހުރިހާ ކަމަކީ އެހާ ބޮޑަށް މާޔޫސްކަމުގެ ތެރޭގައި، ޑަލް އެންޑް ގްލޫމީކޮށް އެއްވެސް ކަހަލަ އުންމީދެއް ނެތް ގޮތަށް އިޤްތިޞާދު މިހެން އޮތީމަ އޮތް ކަމެއް ނޫންކަން. އެކުއެކީގައި އެތައް ކަމެއް އަޅުގަނޑުމެން އެބަ ކުރަންކަން. ރައްޔިތުން ހަވާލުކުރި ޒިންމާ ރެޔާއިދުވާލު މުޅި ޓީމުން އެދަނީ ތަރުތީބު ކުރެވިގެން ކުރަމުންކަން ދަންނަވާލުމަށްޓަކައި މި ވާހަކަ މި ދެންނެވީ.

އެހެންވީމާ، ފުރިހަމަ ޔަޤީންކަމުގައި ރައްޔިތުން ތިއްބަވަން އަޅުގަނޑު އެދެނީ. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ޚާއްޞަކޮށް، ގެދޮރުވެރިކަމާއި، އާމްދަނީގެ ފުރުޞަތުތައް ހޯދައިދިނުމުގައި ކުރަން މިހިރަ ހުރިހާ ކަމެއް ފުރިހަމަކަމާއެކީގައި އަޅުގަނޑުމެން ހާސިލުކޮށްދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަން.

އާދެ، އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ހުރިހާ ކަމެއް ހާސިލުކުރުމުގައި އެންމެ މުހިންމީ އަޅުގަނޑުމެންގެ މިނިވަންކަން. އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަންމަތީގައި ޔަޤީންވެގެން ދިޔުންކަން. މި ޤައުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބެން ބޭނުންނުވާ ކަމަށް ރައްޔިތުން އަޅުގަނޑު ގާތު ވިދާޅުވި. އެ ޒިންމާ ހަވާލުކުރެއްވި. އެކަން ޔަޤީންކުރުމުގެ މަސައްކަތް އަޅުގަނޑު ފެށީ ފުރަތަމަ ދުވަހު. ފުރަތަމަ ދުވަހު ފަށައިގެން މިދަނީ ކުރިއަށް. އަޅުގަނޑު އެކަމާ ނޫޅުނުނަމަ މިހާރު މި ދިމާވާ އެއްވެސް ކަމެއް ނާންނާނެ ނޫންތޯ. ވިސްނެވީމަ އެނގިވަޑައިގަންނަވާނެ މިކަން. ފުރަތަމަ ދުވަހުން ފެށިގެން ވަޢުދާ އެއްގޮތަށް، މިކަމުގައި ރައްޔިތުން ހަވާލުކުރި ޒިންމާ، މި ޤައުމުގައި އެއްވެސް ޤައުމެއްގެ ސިފައިން ތިބޭކަށް ތިމަންނާމެން ބޭނުމެއް ނޫނޭ ވިދާޅުވެ ހަވާލުކުރި ޒިންމާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި އަދާކުރުންމަތީގައި ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް އަޅުގަނޑު މިހުރީ. އެކަން މި ކުރަނީ. އެކަން ކުރަން އޮންނަ ރީތި އުޞޫލުން.

އަޅުގަނޑު ދެންނެވިން، ޑިޕްލޮމަސީގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ހިމޭން، މާތް އަޚްލާޤީ ގޮތުން ކަންކަން ކުރަން އޮންނަ ބީދައިން ކަންކަން ކުރީމައޭ، ކަންކަން ވާނީ. އިރާދަކުރެއްވިއްޔާ އެގޮތުގައި މަސައްކަތް މި ހިނގަނީ. އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި މިނޫން ގޮތެއް ޚިޔާރުކޮށްގެނެއް ވާނެ މޮޅެއް ނޯންނާނެ. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، ކަންކަން ހިނގާނީ ކޮންގޮތަކަށް ކަންކަން ކުރީމަކަން. މިއީކީ ރޮކެޓް ސައިންސެއް ނޫން. ސާފުކޮށް ފެންނަން އޮތް ކަމެއް.

އެހެންވީމާ، ރިވެތި އުޞޫލު، ރީތިގޮތް ޚިޔާރުކޮށްގެން ނޫނީވިއްޔާ އަޅުގަނޑުމެންނަށް ކަންކަމެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ޤައުމުގައި ބޭރު ސިފައިން، މި ތަނުގައި ތިބި ސިފައިން އަނބުރާ ފޮނުވާލުމުގައި ކާމިޔާބީ ލިބެމުންދާތީ، އެކަން ގަބޫލުކުރަން ބޭނުންނުވާތީ، ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެތައް ކަމެއް އެ ކުރަނީ. އަޅުގަނޑުމެންނެއް އެންމެ އިންޗިއެއްވެސް، ރައްޔިތުން ހަވާލުކުރި ކަމަކުން ފަހަތަކަށް ނުޖެހޭނަން ނުކޮށެއް. އެހެންވީމާ، އެކަން ކުރުމުގައި އަޅުގަނޑުމެން ތިބޭނީ ފުރިހަމައަށް ސާބިތުވެ.

އިއްޔެ އަޅުގަނޑު ދެންނެވި ފަދައިން، މިހާރު ހާސިލުކުރެވިފައި މިއޮތް ހިސާބަށް މިއޮތީ އާދެވިފައި. 10 މާރިޗު، އެ ތާރީޚު ވެގެން މިދަނީ، މިތަނުގައި ތިބި ސިފައިންގެ އެއް ޓީމު، އެއްބައި މީހުން ފައިބައިގެންދާ ދުވަހަށް. އޭގެކުރިން ދަނީ. ދެން އޭގެ ދެ މަސް ފަހުން، އޭގެ ދެ މަސް ދުވަސް އައުމުގެ ކުރިން އިރާދަކުރެއްވިއްޔާ ދެން ތިބި އެންމެން ގެންދާނެ. މިއީ ރީތިކޮށް ވާހަކަ ދައްކައިގެން، އަޅުގަނޑުމެންގެ ޤައުމަކީ މިނިވަން، ޑިމޮކްރެޓިކް ޤައުމެއްކަން އެންމެންނަށްވެސް ގަބޫލުކުރެވޭގޮތަށް ރަނގަޅަށް ކިޔައިދީގެން ހާސިލުކުރެވޭ ކަންކަން.

އަޅުގަނޑުމެން ދިވެހިންނަކީ ޞުލްޙައަށް ލޯބިކުރާ ބައެއްކަމާއި، އަޅުގަނޑުމެން ދިވެހިން ބޭނުންވަނީ، މި ޤައުމަކީ އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް ކަމާއި، އަޅުގަނޑުމެން ނިންމާ ނިންމުންތައް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރެވިގެންދާ ޤައުމެއްގެ ގޮތުގައި އޮންނަން ކަމާއި، އިޤްތިޞާދީ ގޮތުން ބާރުވެރި ކުރެވިފައިވާ، އަމިއްލަ ބާރުވެރިކަން އޮތް ޤައުމަކަށްވާންކަން އެންމެންނަށް ވިސްނައިދީގެން ކަންކަން ކުރަން އުޅުނީމަ، ކަންކަން ހާސިލުވާނީ. ރުންކުރު އުޞޫލު ބޭނުންކޮށްގެނެއް ކަންކަމެއް ހާސިލެއް ނުވާނެ. ވަރަށް ފަސޭހަވާނެ، ދުރުގައި ހުރެގެން ގޮތް ކިޔަން. ފާޑުކިޔަން. އެއީ، ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. އެކަމަކު ކަންކަމުގެ ޙަޤީޤަތް، ފާޑުކިޔާ ކިޔުމަކުންނެއް ގެއްލިގެންނެއް ނުދާނެ. ކަންކަން ކުރަން އޮންނަ ގޮތަށް ކުރީމާ، ކަންކަން ހާސިލުވާނީ. އެހެންވީމާ، ފުރަތަމަ ދުވަހު ފެށި މަސައްކަތުގައި ސާބިތުކަންމަތީގައި މިތިބީ.

ހަމަ އެގޮތަށް، އަޅުގަނޑުމެންގެ ކަނޑުގެ ބޮޑު ސަރަޙައްދެއް، ޣައިރު ޤާނޫނީކޮށް ދޫކޮށްލި މައްސަލައިގައިވެސް ހަމަ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށައިގެން މިއުޅެނީ. އެކަމުގައި ކުރަންޖެހޭ މަސައްކަތް ބޮޑުވީމާ، އެކަމަށްޓަކައި ނަގާ ވަގުތު އިތުރު. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބަ ކުރަން. ބޭރުގެ މާހިރުންނާއި، ރާއްޖޭގައި ތިއްބެވި މާހިރުން، ހުރިހާ އެންމެން އެކުވެގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑު ދެންނެވިން، އަޅުގަނޑަކީ، އަޅުގަނޑާ ރައްޔިތުން ހަވާލުކުރާ ޒިންމާއެއްގައި، އެންމެ އިންޗިއެއްވެސް ފަހަތަށްދާނެ މީހެއް ނޫނޭ، ޖެހޭނެ މީހެއް ނޫނޭ. އިޚްލާޞްތެރިކަމާ އެކީގައި، ތެދުވެރިކަމާ އެކީގައި، އަމާނާތްތެރިކަމާ އެކީގައޭ އަޅުގަނޑު މަސައްކަތް ކުރާނީ. އެގޮތުގައި މިކަމުގައިވެސް މަސައްކަތް މި ކުރަނީ.

އަޅުގަނޑުމެންގެ ކަނޑުން ދޫކޮށްލި ބޮޑު ބައި، ޒިންމާދާރު ކަމެއްނެތި، ޤާނޫނާ ޚިލާފަށް ދޫކޮށްލި ބައި ހޯދުމުގައި ފަހަތަށްނުޖެހި ކުރިއަށްދާނަން. އިރާދަކުރެއްވިއްޔާ އެކަންވެސް ހާސިލުކޮށްދޭނަން ރައްޔިތުންނަށް.

އަޅުގަނޑުމެންގެ ކަނޑުގެ އަޑި ސްކޭންކޮށް، ސަރވޭކޮށް، މެޕް ހަދައި، މި ހުރިހާ ކަމެއް ކޮށްގެން އެހެން ބަޔަކު ގެންދާގޮތަށް އޮތުމަކީ، ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ހައިޑްރޯގްރެފިކް އެގްރީމަންޓް އާނުކުރަން ނިންމީ. އެއްވެސް ޤައުމަކަށް، އެއީ، ވަކި ޤައުމެއް ވީމައެއްނޫން. އެއްވެސް ޤައުމެއްގެ މިލްކަކަށް އަޅުގަނޑުމެންގެ ކަނޑުއަޑީގެ މަޢުލޫމާތު ވެގެން ނުވާނެ ނޫންތޯ. މި އީ.އީ.ޒެޑްގެ ތެރޭގައި، ނުވަ ލައްކަ ހަތްދިހަ ހަތަރު ހާސް އަކަ ކިލޯ މީޓަރުގެ އެތެރޭގައި ހިމެނޭ ކޮންމެ އެއްޗަކީ އަޅުގަނޑުމެންގެ މިލްކެއް ނޫންތޯ. އޭގެ އަޑީގައި އޮތް ކޮންމެ އެއްޗެއްވިޔަސް، އެ އެނގެންވާނީ އަޅުގަނޑުމެންނަށް. އެ ސްކޭންކޮށް، މެޕްކޮށް ހަދައިގެން، އެހެން ބަޔަކު ގެންގޮސް، އަދި އަޅުގަނޑުމެން ލާރިދީގެން އެ ގަނެ، މިއީ ކޮން ސަކަރާތެއްތޯ. މިހެން ހަދާފައި އޮތް އެއްބަސްވުމެއްވީމަ، އަޅުގަނޑުމެން ބޭނުންނުވީ އާކުރަން.

އެހެންވީމާ، ދިވެހި ރައްޔިތުންނަށްޓަކައި، މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމަށްޓަކައި އެ އެއްބަސްވުން އާނުކުރަން ނިންމީ. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. އެކަން އެއޮތީ ނިމިފައި. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ޢަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ތެދުވެ، އެ ސްކޭން ކުރުމާއި، އެ މެޕް ކުރުމުގެ މަސައްކަތް ކުރެވޭނެ އިކްއިޕްމަންޓް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ފަށައިގެން މިއުޅެނީ. ފިނޭންސް މިނިސްޓްރީން މިހާރު ޑިފެންސް މިނިސްޓްރީއަށް އެ ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެ ގެންދަނީ. ހަމަޖެހުނުހާ އަވަހަކަށް ގަންނަންޖެހޭއެ ސޮފްޓްވެއަރއާއި، ހާޑްވެއަރއާ، ހުރިހާ އެއްޗެހި ގަނެގެން، އަޅުގަނޑުމެން އަމިއްލައަށް އެ މަސައްކަތް ކުރާނީ. ކޮންމެހެން އެހެން ބަޔަކު ހޯދާކަށް، ގެންނާކަށެއް ނުޖެހޭނެ.

އެހެންވީމާ، ކަނޑުގެ އަޑިޔާއި، ވަޔާއި، ކަނޑާއި، އެއްގަމާ، ހުރިހާ ތަނެއްވެސް، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް އަޅުގަނޑުމެން ބަލަހައްޓާނީ. އަމިއްލައަށް އެކަން ކުރާނީ. އިރާދަކުރެއްވިއްޔާ އަމިއްލަވަންތަ، މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ދަމަހައްޓާނީ. އެކަން ގަބޫލުނުކުރަން އުޅޭ ބަޔަކު އެއީ، އެހެން ބަޔަކަށް އެ ކަންކަން ކޮށްދޭން ބޭނުންވެގެން އެއުޅެނީ.

ކުރިއަށް މިއޮތީ އިންތިޚާބު. ރައްޔިތުން ނިންމަންވީ، ތިމަންނާމެން އެ މީހުންނަށްތޯ ފުރުޞަތު ދޭނީ. ދިވެހި ޤައުމަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރަން ތިބި އަޅުގަނޑުމެންނަށްތޯ ފުރުޞަތު ދޭނީ. ކުރިއަށްދާނެ މަގު ނިންމާނީ ރައްޔިތުން. އަޅުގަނޑަށް ޔަޤީން، ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވާނީ، ދިވެހި ޤައުމުގެ މިނިވަންކަން، ސުވާލެއްނެތި ޙިމާޔަތްކޮށްދޭނެ މީހުންނާއެކީގައި ކުރިއަށްދާންކަން. ޑިބޭޓެއް އޮތް ކަމެއް ނޫންކަން މިއީ. ޔޭސް އޯރ ނޯ އޮތް ކަމެއް މިއީ. މި ގޮތްތޯ، އެ ގޮތްތޯ. މިއަކު ނެތް ދޭތެރެ މެދެއް.

އެހެންވީމާ ނޫންތޯ، އިއްޔެވެސް އަޅުގަނޑު މި ވާހަކަ ދެއްކީމަ، ތިމަންނާމެންނަކީ ޒަމާނުއްސުރެ އެހެން މީހުންގެ އެހީތެރިކަމާ އެކީގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓަމުން އައި މީހުންނޭ. ކޮންމެހެން އަމިއްލައަކަށް އެއްޗެތި ހޯދައިގެން އެތަން ބަލަހައްޓާނެ ކަމެއް ނެތޭ. އެ ވާހަކަ ދެއްކީ މަޖިލީހުގައި. މިއީ، ލަދުވެތި ކަންތައްތައް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކުރެއްވުން. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން އަބަދުމެ ލަހައްޓަވާށި. ދަމަހައްޓަވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.