އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކުއެވެ. މި ހިތާމަވެރި ވަގުތުގައި، މަރްޙޫމް މުޙައްމަދު ޖާހު ޚާލިދުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއެވެ.

މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައެވެ.

އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެދިވަޑައިގެންފައެވެ.

މިއަދު މި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ހެޔޮ ދުޢާތައް ވަނީ މަރުޙޫމް މުޙައްމަދު ޖާހު ޚާލިދާއި އެ މަރުޙޫމްގެ ޢާއިލާއާ އެކުއެވެ. މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ތުއްތު ތުއްތު މަޢުޞޫމް ފުރާނަ، ކީރިތި ﷲގެ ރުއްސެވުމާއި އޯގާވަންތަކަމުގައި ލަހައްޓަވާށިއެވެ. އަދި އެ މަރުޙޫމްގެ މައިންބަފައިންނާއި ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރުކުރައްވާށިއެވެ. އާމީން.