ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ، އިންޑިޔާގެ ނައިބު ރައީސް ޝްރީ މުޙަންމަދު ޙާމިދު އަންޞާރީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސާ ޕްރަތީބާ ދޭވީސިންހް ޕާޓިލާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ތަޢްލީމީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، މި ދަތުރުފުޅުގައި އިންޑިޔާގެ ނައިބު ރައީސް ޝްރީ މުޙަންމަދު ޙާމިދު އަންޞާރީއާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ އެސް. އެމް. ކްރިޝްނާއާ ބައްދަލުކުރެއްވައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންޑިޔާގެ އޮބްޒާވަރ ރިސާރޗް ފައުންޑޭޝަންގައި ނައިބު ރައީސް ތަޤްރީރު ކުރެއްވިއެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ސަރުކާރަށް މިހާރު ކުރިމަތިވެވަޑައިގެންފައިވާ އެންމެބޮޑު އެއްގޮންޖެހުމަކީ، ރާއްޖޭގެ މުސްތަޤްބަލުގެ އުފާވެރިކަމަށް ހުރަސް ނޭޅޭނެފަދަ ގޮތަކަށް، މާޒީގައި ހިނގާފައިވާ އަނިޔާވެރި ކަންތައްތަކުގެ އިންޞާފު ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، އިންޑިޔާގެ ބެންގަލޫރަށާއި މައިސޫރަށް ވަޑައިގެން، އެ ދެތާނގައި ކިޔަވަން ތިބި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކުރައްވައި އެކުދިންގެ ހާލު ބައްލަވާލެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާއަށް ކުރެއްވި މިދަތުރުފުޅުގައި ފުރާވަޑައިގަތީ، މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައިވަނީ އިންޑިޔާ ސަރުކާރުންނެވެ.