ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ދެމެދު ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވެވި ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކަށްފަހު އޮތް ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި މައިގަނޑު 20 ދާއިރާއަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުން ހަދާފައިވެއެވެ.

މި އެއްބަސްވުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޚާއްޞަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްވެސް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެއްވި ކަމަށެވެ. މި މަޝްރޫޢުގައި ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް، މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗަރ އެސްޓޭބްލިޝްމެންޓެއް ޤާއިމްކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުން ވަކި ޤައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ތުރުކީވިލާތުން އެތަކެތި ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.