ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު އެޓަރނީޖެނެރަލްގެ އޮފީހުން ނެރުއްވައި، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރާ މީހުންނަށް، އެކަމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމުގެ އުޞޫލެވެ. މި އުޞޫލުގައި ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ޝަރުޠުތަކާއި، ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމާއި، ހުއްދަ ދޫކުރުމާއި، ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން ވަގުތީގޮތުން މަނާވުމުގެ މާއްދާތައް ހިމަނުއްވާފައިވެއެވެ. އަދި ޤާނޫނީ ވަކީލުންގެ އިޤްރާރާއި، ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުގެ ތަޢްލީމީ ފާސް ގަބޫލުކުރުމާބެހޭ މިންގަނޑުތައްވެސް ހިމަނުއްވާފައިވެއެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމަށްފަހު، އެ ގެޒެޓް ޢާންމުކޮށް މިއަދުވަނީ ނެރުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައިވެސް ވަނީ ޝާއިޢު ކުރައްވާފައެވެ.