ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސާދަވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމެޓީގެ ޗެއަރމަން، އަދި ވިހިވަނަ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީ މެންބަރު، ޖާއޮ ލަޖީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ ދެޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުންނާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންނެވެ.

ދިވެހިރާއްޖެއާއި ޗައިނާއަކީ ޒަމާންވީ ބަދަހިގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރިމަގުގައިވެސް ދެޤައުމުން ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޗެއަރމަން ޖާއޮ ލަޖީ ވަނީ ތަޢުލީމާއި ސަގާފަތާއި ޞިއްޙީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އާރޓްސް، އަތްތެރި މަސައްކަތް އަދި ކުޅިވަރުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ޗެއަރމަން ޖާއޮ ލަޖީ ފާޅުކުރެއްވިއެވެ. މީގެ އިތުރުންވެސް މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެޤައުމުން އިސްކަންދޭ ކަންކަމުގައި ބައިނަލްއަޤްވާމީ އެކިއެކި މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުވެރިކަން ޗެއަރމަން ޖާއޮ ލަޖީ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޗެއަރމަން ޖާއޮ ލަޖީގެ ވާހަކަފުޅުގައި، ދެޤައުމުގެ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.