ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 (ސާދަ) ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ވަނީ ހަވާލުކޮށްފައެވެ. އަދި އެނިންމުން ދިރާސާކޮށް، މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައެވެ.

މިގޮތުން މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި، އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ދަނީ ކުރަމުންނެވެ. އަދި މިމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެގެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށްޓާފައެވެ. އަދި މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މިމަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އެކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަލްފާޟިލް އަޙްމަދު ޝިއާންއެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުންނެވެ. މިކޮމިޓީގައި އަލްއުސްތާޛް މުޙަންމަދު އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާ ގޮތަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވާނީ ބަންޑާރަނައިބު އޮފީހާ ހިއްސާކޮށްފައެވެ. މި ސިޓީގެ ކޮޕީއެއް މި ނޫސްބަޔާނާއެކު އެވަނީ ހިމަނާފައެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި، 22 ސެޕްޓެމްބަރ 2022 ގައި މޮރިޝަސް ގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީ އެއްވެސް ބަންޑާރަނައިބުގެ އޮފީހާ ވާނީ ހިއްސާކޮށްފައެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީއަށް ބަލާއިރު، އެ ސިޓީއަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތްގެ ހެޑްސް އޮފް ގަވަރމަންޓް މީޓިންގގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ދެއްކެވި ވާހަކަފުޅަކަށް ޙަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއްކަމުގައިވީނަމަވެސް، މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން މި އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތެވެ. އަދި އދގެ ޖެނެރަލް އެސެމްބްލީގެ "އެޑްވައިސޮރީ އޮޕިނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާރޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލޫޝަން އަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަޤީންކަމާ ގުޅިގެން، ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސް ގެ ފަރާތުން އިޢުތިރާޟެއް (objection) ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދު ކުރައްވާކަމުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ބަޔާންކުރައްވާފައިވީނަމަވެސް، އެ މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން މި އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރު، ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތެވެ.

މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ކުރިޔަށްގެންދާ ދިރާސާތަކާއި، މި މައްސަލައިގައި އައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިޢާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނާއިބު ވަނީ ނިންމަވާފައެވެ. އަދި މިމަސައްކަތް ނިމުމުން މިކަމާބެހޭ މަޢުލޫމާތު ޢާންމުކުރުމަށް ވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯން ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި މިކަމުގައި މިއޮފީހުންނާއި ދިވެހި ދައުލަތުން ފުރިހަމަ މާނައިގައި، އެއްވެސް ނުފުޒެއްނެތި، އިސްކުރާނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައިވެސް ދަންނަވަމެވެ.