ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހިފައިވާ އަދަދުތަކަށް ލުއިތަކެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން ނިންމެވިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގެދޮރުވެރިކަމާ ގުޅޭގޮތުން މި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރަށްރަށުގައި އަޅާފައިހުރި ރޯހައުސްތަކާއި ފްލެޓްތަކާއި ބޯހިޔާވަހިކުރުމުގެ އެކިއެކި ޔުނިޓުތަކުގެ ކުލި ކުޑަކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މިހާރު އެތަންތަން ހުރީ އާންމުކޮށް 5,000 ރުފިޔާއަށް ކަން ފާހަގަކުރައްވައި، ހުރިހާ ރަށެއްގައި އަޅާފައިހުރި ހައުސިންގ ޔުނިޓްތަކުގެ އަގުވެސް 3,333 ރުފިޔާއަށް ކުޑަ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ދެވަނަ ނިންމެވުމަކަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އަމިއްލަ ފަރުދުންގެ އަތުން އާންމުކޮށް 2 ލައްކަ ރުފިޔާ ޚަރަދު ވެފައިވާ ކަމަށް ކަނޑައަޅައި، ފްލެޓްތަކުގެ އަގުން 2 ލައްކަ ރުފިޔާއަށްވާ މިންވަރު އުނިކޮށްދެއްވަން ނިންމަވާފައިވާ ކަމެވެ. އެގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު، މިހާރު ހަދާފައިވާ 7 އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300 ރުފިޔާގެ ކުލި، މަހަކު 3,984 ރުފިޔާ 21 ލާރިއަށް ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ވެފައިވާ ވަޢުދުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އެތަނުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޘްވަރާގެ މަތިން ނިންމަވާފައިވާ ކަމަށާއި، މަހުންމަހަށް ދައްކާ އަދަދުން އާންމުގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.