ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތު މިހާރު އޮތް ގޮތުގެ މައްޗަށް ބައްލަވައިލައްވާނެއެވެ. މިގޮތުން ރާއްޖޭގެ މަސްވެރިކަމަށް މިވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި އައިސްފައިވާ ބަދަލުތަކުގެ މައްޗަށާއި، މިހާރު ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް ކަމާބެހޭ ތަޖްރިބާކާރުން ދެއްވާފައިވާ ލަފާފުޅުތަކާއި، މިލަފާފުޅުތަކުގެ އަލީގައި ކުރިއަށް އޮތް ތާނގައި މަސްވެރިކަމަށް ގެންނަވަންޖެހޭ ބައެއް ބަދަލުތަކުގެ މައްޗަށްވެސް މައިގަނޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ރޭޑިޔޯ ޚިޠާބު ދެއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.