ތުރުކީވިލާތުގެ ނައިބު ރައީސް ޝޭވްދޭތު ޔިލްމާޒް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީގެ ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، މަގާމާ ޙަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއާއި ތުރުކީވިލާތުގެ ނައިބު ރައީސް ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާމެދު ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި ކަންކަމާ ގުޅޭ މައުލޫމާތު، ތުރުކީވިލާތުގެ ނައިބު ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ޣައްޒާގައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކަށް ބައިނަލްއަޤްވާމީ ދުނިޔެއިން އެދެވޭ ރައްދެއް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކޮށް، އެ ޤައުމުގެ އިސްތިޤުލާލުގެ ދިފާއުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޙައްޤު މަސައްކަތަށް ދިވެހިރާއްޖެއާއި ތުރުކީވިލާތުން ފުރިހަމަ ތާއީދު އޮތްކަން ރައީސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ ނައިބު ރައީސް ތަކުރާރު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ތުރުކީގެ ނައިބު ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ދޭދޭ ގުޅުން ޤާއިމް ކުރެވުނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.