ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ޓިމޯރ ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާ، ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ. އެމަނިކުފާނަށް، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ޓިމޯރ ލެސްތޭގެ ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާގެ އަރިހުގައި، އެޤައުމުގެ ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ގެންނަވާނެއެވެ. މިދަތުރުފުޅުގައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވާނެއެވެ. މި ބައްދަލުކޮށްލެއްވުމަށްފަހު ދެޤައުމުގެ ދެމެދުގައި ޘަޤާފީ ގުޅުން ބަދަހިކުރެއްވުމާބެހޭ އެއްބަސްވުމެއްގަޔާއި، ވިސާ އެގްރީމެންޓެއްގައި ދެޤައުމުގެ ޚާރިޖީ ވަޒީރުން ސޮއިކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޓިމޯރ ލެސްތޭގެ ރައީސް، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ދަތުރުފުޅާބެހޭ މަޢްލޫމާތު ދެއްވުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއެވެ.

އެމަނިކުފާނުގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ މެންދުރުގެ ފަރިއްކޮޅެއް ދެއްވާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ.