ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފް މާފުށީ ޖަލަށް މިއަދު ވަޑައިގެން، އެޖަލުގައި ތިބި ހިމެންދޫ މީހުންނާ ބައްދަލުކުރައްވައިފިއެވެ. އެދެބޭފުޅުންގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އަލްއުސްތާޛާ ޙިސާން ޙުސައިން މާފުށީ ޖަލަށް މިއަދު ވަޑައިގެންނެވިއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅުގައި، މިދިޔަ ބުރާސްފަތި ދުވަހު ހިމެންދުއަށް ވަޑައިގެން، ހިމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ހިމެންދޫ ޒުވާނުންގެ ތެރެއިން ބަޔަކު ޖަލުގައި ހައްޔަރުވެފައިވުމާއެކު، ޤާނޫނުއަސާސީއާއި ޤާނޫނުތައް ރައީސުލްޖުމްހޫރިއްޔާއަށް ބާރުދީފައިވާ މިންވަރުން އެމީހުންގެ އަދަބަށް ލުޔެއް ގެނެސްދެއްވުމަށް ނިންމަވައިފި ކަމަށްވަނީ ވިދާޅުވެފައެވެ. އަދި އެމީހުންގެ އަދަބު ލުއިކޮށްދެއްވުމުގެ ކަންތަކާ ގުޅިގެން، އެމީހުންނާ ބައްދަލުކުރެއްވުމަށް އިބްރާހީމް ޙުސައިން ޒަކީއާއި ޙަސަން ޢަފީފް ފޮނުއްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

މިދެބޭފުޅުން މާފުށްޓަށް ކުރެއްވި ޒިޔާރަތުގައި، ހިމެންދޫ މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ އަދަބު ލުއިކޮށްދެއްވުމުގައި، ޤާނޫނީގޮތުން ބައްލަވަންޖެހޭ ކަންކަމުގެ މަޢްލޫމާތު ދެއްވިއެވެ. އަދި މިކަމުން އިތުރު ގޯހެއް ނުކުތުމަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.