ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އޯލް އިންޑިޔާ ކޮންގްރެސް ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ ރާހުލް ގާންދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ސިޔާސީ ނިޒާމް އިންޑިޔާގައި ބައްޓަންވެފައި އޮންނަ ގޮތާބެހޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ.

އިންޑިޔާއިން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތް ކަމަށްޓަކައި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުގައާއި، ރާއްޖެއަށް ދެއްވާފައިވާ މާލީ އެހީތެރިކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިންގެ ސިއްޙީ ދުޅަހެޔޮކަމަށްވެސް އިންޑިޔާއިން ވަރަށް ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ލިބިފައިވާ ކަމަށާއި، އެގޮތުން މާލޭގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ، އިންޑިޔާ ސަރުކާރުގެ ވަރަށް ދީލަތި އެހީތެރިކަމާއެކު ބިނާކުރެވިފައިވާ ހޮސްޕިޓަލެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އިންޑިޔާއަކީ ދުނިޔޭގައިވާ އެންމެ ބޮޑު ޑިމޮކްރަސީކަމަށްވުމާއެކު މިކަންކަން ޙައްލުކުރެއްވުމުގައި އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންތެރި ކަމުގައިވެސް ވިދާޅުވިއެވެ.

ރާހުލް ގާންދީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއަކީ އިންޑިޔާއާ އަބަދުވެސް ވަރަށް ގާތް ޤައުމެއް ކަމަށާއި، ވެދެއްވެން އޮތް ހުރިހާ އެހީއެއް އިންޑިޔާއިން ދިވެހިރާއްޖެއަށް ވެދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އިންޑިޔާގެ ސިޔާސީ ނިޒާމް އޮންނަގޮތާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ރާހުލް ގާންދީ ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތުދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާޙިމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން އަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.