ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ހުޅުމާލެއަށް ޒިޔާރަތް ކުރައްވައި، ހުޅުމާލޭގައި ޢާންމު ޚިދްމަތްދޭ ތަންތަން ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ހުޅުމާލެއަށް ދަތުރުފުޅު ކުރެއްވީ ހުޅުމާލެ ފެރީގައި ޢާންމު ރައްޔިތުންނާ އެކުގައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން، ހުޅުމާލެ ބެލެހެއްޓުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތައް ބައްލަވާލައްވައި، އެކަމުގެ މަޢްލޫމާތު ހޯއްދެވިއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އެވަގުތު ގޮސް ތިބި ބަލިމީހުންނާ ބައްދަލުކޮށްލެއްވިއެވެ. އަދި ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި، ހޮސްޕިޓަލްގެ ޚިދްމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވިއެވެ.

ހުޅުމާލޭ އިންޖީނުގެއަށާއި، ހުޅުމާލޭގައި ފެނުގެ ޚިދްމަތްދޭ ޢިމާރާތަށްވެސް ނައިބު ރައީސް ޒިޔާރަތް ކުރައްވައި، އެދެތަނުގެ ކަންތައްތައްވެސް ބައްލަވާލެއްވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ހުޅުމާލޭގައި ފެރީގެ ޚިދްމަތް ދެވޭގޮތާބެހޭ މަޢްލޫމާތުވެސް ހޯއްދެވިއެވެ. އަދި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހިފައިވާ ކަންތައްތަކާއި، ހުޅުމާލޭގައި ޢާންމުންނަށް ޚިދްމަތްދޭ އެހެނިހެން ތަންތަނުންވެސް ޚިދްމަތް ދިނުމުގައި ރަނގަޅު ކުރަން ޖެހިފައިވާ ކަންތައްތައް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.