މިޔަންމާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔޫ އޯ ތުއޭން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، މިޔަންމާގެ އާ ސަފީރަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި މިޔަންމާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވިދާނެ ގޮތްތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، އަންގ ސަން ސޫ ޗީ ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި މިޔަންމާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އަންގ ސަން ސޫ ޗީގެ މައްސަލަ މިހާރުގޮސްފައިވާ ހިސާބާބެހޭގޮތުން ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ.