ރާއްޖޭގައި ކަނޑުން ލިބޭ އެކިއެކި ބާވަތްތަކުގެ ވިޔަފާރި ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަކީ، ސަރުކާރުން ގަދައަޅުއްވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި އާމްދަނީ އިތުރުކުރެވެންހުރި ގޮތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުއިފިލަނޑާ ބޭރުކުރުން، ފަރުމަސް ބޭރުކުރުން، ބޮޑުކަންނެލި ބޭރުކުރުން، އިހި ނެގުންފަދަ ކިތަންމެ މަސައްކަތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކިމިންވަރަށް ހިނގަމުންދާކަން ބަޔާން ކުރައްވަމުން، އެކަންކަން ތަރައްޤީ ކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަސައްކަތްކުރާ ފަރާތްތަކަށް އެމަސައްކަތްތަކުން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެކަމީ، ކަށަވަރު ކަމެއް ކަމަށާއި، އެދިމާއަށް މަސައްކަތް ކުރެވިއްޖެނަމަ، އެއީ ދިވެހި ދައުލަތުގެ މާލިއްޔަތުގެ ތެރެއަށް، އިޤްތިޞާދުގެ ތެރެއަށް ގެނެވެންހުރި އާމްދަނީއަށް ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިބާވަތުގެ މަސައްކަތްތައް މިހާރު ހަލުވިކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ރާއްވަވަމުން ގެންދަވާނެ ކަމަށާއި، މިމަސައްކަތްތަކުން ލިބޭނެ ފައިދާ ނުވަތަ ނަފާ އިތުރުވެގެންދާތަން އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް ފެންނާނެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރަމުންދާއިރު، ސަރުކާރުން ގެންގުޅުއްވަންވީ ސިޔާސަތުތަކާއި، އެކަން ކުރުމަށް ކަނޑައަޅަންވީ ގޮތްތަކާމެދު އެބަ ވިސްނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވަރަށްގިނަ ރިޒޯޓުތަކުގެ ކޮޓަރިތަކަކީ ވަރަށް އަގުބޮޑުކޮށް ވިއްކިފައި ހުންނަ ކޮޓަރިތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ތަންކޮޅެއް އަގުހެޔޮކޮށް ވިއްކޭ ކޮޓަރިތަކެއް ރާއްޖޭގައި ތަޢާރުފު ކުރެވިއްޖެނަމަ، އިތުރު އެތައް ފަތުރުވެރިންނެއް ރާއްޖެއަށް ގެނައުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް އިޤްތިޞާދީ ވަރަށްގިނަ މާހިރުން ދެކޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރުމަށްޓަކައި ގެންގުޅޭނެ ވިސްނުމަކީ ކޮބައިތޯ އެބަ ބަލަންޖެހޭ ކަމަށާއި، ޓުއަރިޒަމާ ގުޅޭ ޤާނޫނު ބުނާގޮތަކަށް ނޫން ގޮތަކަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް މިއިން ކަމެއް ނުހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.