ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި މިއަދު ކުރައްވާނެ

ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު އޮންނާނެއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މަޤާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ތަޤުރީރު ކުރައްވާނެއެވެ.