މިއަދަކީ، ސްރީލަންކާގެ މިނިވަންދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ސްރީލަންކާގެ ރައީސް މިސްޓަރ މަހިންދަ ރާޖަޕަކްސެއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

މިއަހަރުގެ މިނިވަންދުވަހަކީ، ސްރީލަންކާގައި ފާއިތުވި 30 އަހަރުގެ ދިގު ދާޚިލީ މައްސަލަ ނިމުމަށްފަހު އައި ފުރަތަމަ މިނިވަންދުވަސްކަމުން، މިއަދަކީ ވަކިން އުފާވެރި ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މިމުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް މަހިންދަ ރާޖަޕަކްސެއަށާއި، ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް ތާނގައިވެސް އިތުރަށް ބަދަހިވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.