ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިއަތޮޅު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު އެއަތޮޅު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާ ބެހޭގޮތުންނާއި، އެރަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަންތައްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރައްޔިތުން ސީދާ ބޭނުންވާ ކަންތައް ސާފުކޮށް އެނގުމަކީ، ކަންތައްތައް ކޮށްދެއްވުމުގައި ސަރުކާރަށްވެސް އަދި އެހެން ފަރާތްތަކަށްވެސް ވަރަށްބޮޑު ފަސޭހައަކަށްވާނެ ކަމެކެވެ. އަދި ކަންކަން ނިންމުމުގައި، އެކަމަކާ ބެހޭގޮތުން ރަނގަޅަށް ވިސްނައި ބަހުޘްކޮށްފައި ނޫނީ، އެކަމެއް ކުރަން ފެށުމަކުން ރަނގަޅު ނަތީޖާ ނުނެރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރު ފަށްޓަވާފައިވާ ދަތުރުފަތުރުގެ ނިޒާމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވެ، މިއީ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީ ލިބެންއޮތީ އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާއެކީގައި ދަތުރުފަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެހުމުން ކަމަށާއި، ތަޢުލީމާއި ޞިއްޙަތުފަދަ ޚިދުމަތްތައް ތަރައްޤީ ކުރެވޭނީ، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމު ކުރެވިގެން ކަމުގައި ރައީސް ވިދާޅުވިއެވެ.

ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢުމުރުން 65 އަހަރުން މަތީ މީހުންނަށް ސަރުކާރުން ދެއްވާ ދެހާސް ރުފިޔާގެ ޢިނާޔަތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ޢުމުރުން ދުވަސްވީ މީހުންނަކީ ޤައުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައި ތިބި ބައެއް ކަމަށާއި، އެމީހުންނަށް މިދެވޭ ފައިސާ، ފަސޭހަކަމާއެކީގައި އެމީހުންނަށް ފޯރުއްވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު 6 ޖެހިއިރު، އެމަނިކުފާނު މާޅޮހަށް ވަޑައިގެންފިއެވެ.