ދައުލަތުގެ ސިޔާސީ މުވައްޒަފަކުވެސް އަދި އެހެން މުވައްޒަފަކުވެސް ދައުލަތުގެ ފައިސާގައި ނުވަތަ އެހެން އެއްވެސް އެއްޗެއްގައި ޖެހިއްޖެކަން އެއްވެސް ފަރާތަކަށް އެނގިއްޖެނަމަ، އަންގަންވާ ތަންތަނަށް ނާންގައި ހުރުމަކީ ވަރަށްބޮޑު ގޯހެއް ކަމަށާއި، އެއީ މުޅި ޤައުމު ހަލާކުކޮށްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މަތިވެރިއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ޚަޒާނާގައި ހުރީ ރައްޔިތުންގެ މުއްސަނދިކަން ކަމަށާއި، އެއިން ލޯ ލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އެނގިވަޑައިގަންނަވައިގެން، އެއްވެސް މުވައްޒަފަކު ދައުލަތުގެ އެއްވެސް އެއްޗެއްގައި ޖެހިއްޖެނަމަ، އޭގެ ޙައްޤު އަދަބު އިރާދަކުރެއްވިއްޔާ އެމީހަކަށް ދެވޭނެ ކަމުގައި ވިދާޅުވިއެވެ. މި ސަރުކާރުން މީހުން ހިފާ ހައްޔަރެއް ނުކުރާނެ ކަމަށާއި، މި ސަރުކާރުން އަނިޔާއެއް ނުކުރާނެ ކަމުގައި ވިދާޅުވެ، ރަނގަޅު ފުރިހަމަ ޝަރީޢަތަކަށް ޝަރްޢީ ނިޒާމުގެ ހުރިހާ މަރްޙަލާއެއް ނިމިގެން ނޫނިއްޔަކާ، އިރާދަކުރެއްވިއްޔާ މީހަކަށް އަދަބެއް ނުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މަތިވެރީ ރައްޔިތުންނާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢްލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. ސަރުކާރުގެ ތަޢްލީމީ ސިޔާސަތުގެ ބޭނުންފުޅަކީ، ރަނގަޅު ނަތީޖާއެއް ނެރުއްވުން ކަމަށާއި، އެ ނަތީޖާ ނެރުއްވުމަށް ކުރެވެންހުރި މަސައްކަތްތައް ސަރުކާރުން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ދިވެއްސާއި ޤުރްއާން ކިޔަވައިދޭނެ މުދައްރިސުން ނެތްކަން ފާހަގަކުރައްވައި، އެއީ މީހުން ތައްޔާރު ކުރެވިފައި ނެތީމާ ވީގޮތެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި މުދައްރިސުންނާއި ޤުރްއާން މުދައްރިސުން ނެތްކަން އެއީ، ރާއްޖޭގެ ކޮންމެ މަދަރުސާއަކަށްވެސް ކުރިމަތިވެފައިވާ ދައްޗެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ޙަޤީޤީ ތަރައްޤީ ގެނެވޭނީ، މަދަރުސާތައްވެސް ތަރައްޤީކޮށްގެން، ޞިއްޙީ ޚިދްމަތްތައްވެސް ރައްޔިތުންނަށް ރަނގަޅަށްދީގެން، ވަޒީފާގެ ފުރްޞަތުތައްވެސް ފުޅާކުރެވިގެން ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މަތިވެރީ ބަނދަރު ހެދުމަށް ކުރަންހުރި ހުރިހާ ކަމެއް މިހާރު ނިމިފައިވާކަންވެސް ހާމަކުރެއްވިއެވެ. އަދި ބަނދަރު ހައްދަވާއިރު، ބޯޅަދަނޑުގެ މަސައްކަތްވެސް ކުރެވޭނެގޮތެއް ރާއްވަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަތިވެރިއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. މަތިވެރިއަށް ވަޑައިގެން، އެރަށުގެ ޢާންމު ޙާލަތު ބައްލަވާލެއްވިއެވެ. އަދި ރަށު އޮފީހަށާއި، ރަށު ސްކޫލަށް ޒިޔާރަތް ކުރެއްވިއެވެ.