ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އަލުން ފަނަރަ އިންސައްތައަށް އިތުރުކުރުމަށް މުވައްޒަފުން ވަކާލާތު ކުރައްވާ ކުރެއްވުން ކުޑަކޮށް ފަސްކޮށްލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސައްކަތްތައް ލާމަރްކަޒީ އުޞޫލުން ހިންގެވުމަށް ޕްރޮވިންސް އޮފީސްތަކާ ޙަވާލުކުރެއްވުމަށްޓަކައި އެމިނިސްޓްރީއާއި ޕްރޮވިންސް އޮފީސްތަކާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ހުރިހާ ރައްޔިތުންގެ ފައިދާއަށާއި، ރާއްޖޭގެ ތަރައްޤީއަށާއި، އެންމެންގެ ކުރިއެރުމަށް ވިސްނަވައި، އެގޮތުގެ މަތިން މުވައްޒަފުން ޢަމަލު ކުރައްވަމުން ގެންދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ސަރުކާރު މުވައްޒަފުންނަކީ މިކަންކަމުގެ ދެކޮޅު ނުބައްލަވައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުން ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މާލީ ސިޔާސަތު އިޞްލާޙު ކުރެއްވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން މިއަދު ނެރުއްވި ބަޔާނަށް އިޝާރާތް ކުރައްވަމުން، އެބަޔާނަށް ސަރުކާރުން ތާއީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރު މުވައްޒަފުންގެ ޢަދަދާއި ނިސްބަތާއި މިންވަރު، އެހެން ހުރިހާ ޤައުމެއްގެ އުފެއްދުންތެރިކަމާ އަޅާބަލާއިރު ބޮޑުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.